Roadha Mihaaru

ހައްޔަރު ކުރި ގޮތް ގޯސްވެގެން 16 އަހަރުގެ ޖަލު ހުކުމަކުން "ކުއްޖަކު" ސަލާމަތްވެއްޖެ

މީގެ ހަ އަހަރު ކުރިން ޑްރަގް މައްސަލައެއްގައި ނ. ވެލިދޫން ކުޑަކުއްޖަކު ހައްޔަރު ކުރި ގޮތް ގޯސްވެ، އޭނާގެ މައްޗަށް ކުރި 16 އަހަރުގެ ޖަލު ހުކުމް ބާތިލުކުރަން ހައި ކޯޓުން ނިންމައިފި އެވެ.

ހައްޔަރުކުރި ގޮތް ގޯސްވުމުން ޖަލުން މިނިވަންވެއްޖެ
ނަޖާހް މަސްއޫދު
ނަޖާހް މަސްއޫދު

17 ނޮވެމްބަރ 2022

މީގެ ހަ އަހަރު ކުރިން ޑްރަގް މައްސަލައެއްގައި ނ. ވެލިދޫން ކުޑަކުއްޖަކު ހައްޔަރު ކުރި ގޮތް ގޯސްވެ، އޭނާގެ މައްޗަށް ކުރި 16 އަހަރުގެ ޖަލު ހުކުމް ބާތިލުކުރަން ހައި ކޯޓުން ނިންމައިފި އެވެ.

ދައުލަތުން ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް އޮކްޓޯބަރު 2016ގައި ހުށަހެޅި އެ ދައުވާގައި ވަނީ އޭރު 18 އަހަރު ނުވާ އެ ކުއްޖާ މާޗު 10، 2016 ވަނަ ދުވަހު އެ ރަށުގައި ޑްރަގް ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ހޯދަމުން ދަނިކޮށް އޭނާ ފެނުމުން ހައްޔަރު ކުރި ކަމަށެވެ. އަދި އޭނާ ދިން މައުލޫމާތަށް ބިނާކޮށް ވަޅުލާފައި ހުރި ޑްރަގް ހޯދާފައިވާ ކަމަށް ވެ އެވެ.

ފަހުން އެ ކުއްޖާ ހައްޔަރުގައި ހުއްޓައި ފުލުހުން އޭނާ އަތުން ހޯދި މައުލޫމާތަށް ބިނާކޮށް، ފަޅު ގޯއްޗެއްގެ މަގުފާރު ކައިރި ކޮނެގެން ފުލުހުން ނެގި 210 ސެލޯފިންކޮޅުގައި ދެ ގްރާމުގެ ކެނަބިސް ފެނިފައިވެ އެވެ. އަދި އޭނާ ޑްރަގް ވަޅުލި ކަމަށް ބުނި އިތުރު ގެއެއްގެ ބިންގަނޑު ކޮނެގެން ނެގި ހަތަރު ރަބަރު ޕެކެޓުން ޖުމްލަ 4.1 ގްރާމްގެ ޑައިމޯފިން ފެނިފައިވެ އެވެ.

ވެލިދޫ ކޯޓުން ނިންމީ، އެ ކުއްޖާގެ މައްޗަށް ދައުލަތުން ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށެވެ. އަދި ފެބްރުއަރީ 2020ގަ ކަނޑައެޅީ އޭނާ 16 އަހަރަށް ޖަލަށްލުމާއެކު 66،666ރ.އިން ޖޫރިމަނާ ކުރުމުގެ އަދަބެއް ދިނުމަށެވެ. ލުއި އަދަބެއް އޭނާއަށް ލިބުނީ ކުށް ކުރި އިރު 18 އަހަރު ނުފުރޭތީ ގާނޫޫނީ ގޮތުން ލިބޭ ލުއިތަކާ ހެދި އެވެ. އެ ހުކުމް އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

ވެލިދޫ ކޯޓުގެ ނިންމުން އެ ކުއްޖާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ހައި ކޯޓުން ނިންމާފައި ވަނީ ވެލިދޫ ކޯޓުގެ ހުކުމް ބާތިލު ކުރާށެވެ. އެއީ އޭނާ ހައްޔަރު ކުރި ގޮތުގައި ގާނޫނީ މައްސަލަތަކެއް ހުރުމުން، ފުލުހުން ހޯދި ހެކިތައް ގާނޫނާ ހިލާފު ކަމަށް ބުނެ އެ ކުއްޖާގެ ފަރާތުން ހުށަހެޅި ނުކުތާއަކާ ގުޅިގެންނެވެ.

އެންމެ ފުރަތަމަ އޭނާ ހޯދަމުން ދަނިކޮށް ފެނިގެން ބަލައިފާސްކުރި އިރު އަތުން އެއްވެސް ޑްރަގެއް ނުފެނެ އެވެ. އެހެންވެ، އޭނާ ކޯޓު އަމުރަކާ ނުލައި ހައްޔަރު ނުކުރެވޭނެ ކަމަށް އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގައިވެ އެވެ. އަދި އެގޮތަށް ހައްޔަރުކޮށްގެން ހޯދި ހެކި ގަބޫލުނުކުރެވޭނެ ކަމަށް ބުންޏެވެ.

އެކަމަށް ދައުލަތުން ވެސް ކޯޓުގައި ވީ އެއްބަހެވެ. ދައުލަތުން ބުނެފައި ވަނީ އެ ކުއްޖާ މަސްތުވާތަކެތި ގެންގުޅެެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ކުއްޖާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އެއްވެސް ޑްރަގެއް ފެނިފައިނުވާ ކަމަށެވެ.

އެއްވެސް ޑްރަގްއެއެއް އޭނާ އަތުން ފެނިފައިނުވުމުން، ކޯޓު އަމުރަކާ ނުލައި އޭނާ ހައްޔަރުކުރަން ޖެހޭ އެކަށީގެންވާ ސަބަބު، އެ ހިސާބުން ފިލައިގެންގޮސްފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެހެންނަމަވެސް، ހައްޔަރު ކުރެވޭނެ ސަބަބު ނެތީސް ފުލުހުން އޭނާ ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ދައުލަތުން އެއްބަސްވި އެވެ.

ދައުލަތުން ބުނީ އެގޮތަށް އަމަލު ކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ވެސް ދަންނަ ހަމައެއް ނޫން ކަމަށެވެ. އެހެންކަމުން އެފަދައިން އިސްތިއުނާފުކުރާ ކުއްޖާ ހައްޔަރުކޮށް ސުވާލުކޮށްގެން ހޯދި މައުލޫމާތުގެ މައްޗަށް ބިނާކޮށް ހޯދާފައިވާ ހެއްކާއި ގަރީނާއަކީ ގާނޫނުއަސާސީއާ ހިލާފަށް ހޯދާފައިވާ ހެކި ކަމުގައި ދައުލަތުން ވެސް ދެކޭ ކަމަށް ބުންޏެވެ.

އެ މައްސަލައިގައި އިސްތިއުނާފު ރައްދުވި ކުއްޖާ އެދުނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ވެސް ބުނީ ކޯޓު އަމުރަކާ ނުލައި ފުލުހުން އޭނާ ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ގާނޫނާ ހިލާފަށް އޭނާ ހައްޔަރުކޮށްގެން ފުލުހުން ހޯދި ހެކިތަކަކީ އޭގެ މައްޗަށް ޝަރީއަތުން ގޮތް ކަނޑައެޅޭނެ ހެކިތަކެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި ނުވަތަ ކުށެއް ކޮށްފިކަމަށް، ނުވަތަ އެ ވަގުތު އެއުޅެނީ ކުށެއް ކުރަންކަމަށް ހައްޔަރުކުރާ މީހާގެ ބުއްދިއަށް ގަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން ނޫނީ ކޯޓު އަމުރަކާ ނުލައި އެއްވެސް މީހަކު ހިފާ ހައްޔަރުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 46 ވަނަ މާއްދާގައި އޮވެ އެވެ.

މި މައްސަލަ ހައި ކޯޓުގައި ބެއްލެވީ ފަނޑިޔާރުން ހުސެއިން މަޒީދު، ހުސެއިން ޝަހީދު އަދި މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޒީދެވެ.

ސާދަ ގްރާމަށް ވުރެ ގިނައިން ކެނަބިސް އަދި ހަތަރު ގްރާމަށް ވުރެ ގިނައިން ޑައިމޯފިން ފެނިއްޖެ ނަމަ އެއީ ޓްރެފިކް ކުރުމަށް ގެންގުޅުނު ތަކެތި ކަމަށް ބަލާނެ އެވެ. ޑްްރަގް ޓްރެފިކް ކުރުމުގެ ކުށަށް އޮންނަނީ 25 އަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު 100،000ރ. އާއި 10،000،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މި މައްސަލައިގައި ދައުވާ ލިބުނު ކުއްޖާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކުރީ ޓްރެފިކިންގެ މިންގަނޑަށް ވުރެ 0.1 ގްރާމް އިތުރުވެގެންނެވެ.