Roadha Mihaaru
ދަރުމަވަންތަ ހޮސްޕިޓަލްގެ ތިއޭޓަރުތައް ބޭނުން ކުރަން ފަށައިފި

ދަރުމަވަންތަ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުތައް ބޭނުން ކުރަން ފަށައިފި

20 ނޮވެމްބަރ 2022

ދަރުމަވަންތަ ހޮސްޕިޓަލުގައި ހެދި އޮޕަރޭޝަން ތިއޭޓަރުތައް، އެ ތަނުގެ މަސައްކަތްތައް ނިންމިތާ ހަތަރު އަހަރު ފަހުން ބޭނުންކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ހޮސްޕިޓަލުގައި ހެދި އޮޕަރޭޝަން ތިއޭޓަރުތައް، އެ ތަނުގެ މަސައްކަތްތައް ނިންމިތާ ހަތަރު އަހަރު ފަހުން ބޭނުންކުރަން ފަށައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2.1 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހޭދައެއް ކޮށްގެން އިމާރާތް ކުރި 25 ބުރީގެ ހޮސްޕިޓަލުގައި އާދައިގެ ހަތަރު ތިއޭޓަރާއި ހައިބްރިޑް ތިއޭޓަރެއް ހަދާފައި އެބަހުއްޓެވެ. ނަމަވެސް، އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް އެ ތަންތަން ބޭނުންކުރަން ނުފަށާތީ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

އެ ފާޑުކިޔުންތަކާ ހެދި އައިޖީއެމްއެޗުން މީގެ ކުރިން ބުނީ ހައިބްރިޑް ތިއޭޓަރު ބޭނުން ނުކުރެވި ދިގުލައިގެން ދަނީ، އެ ތިއޭޓަރުތައް ހުރި ފްލޯ، ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާތީ ކަމަށެވެ. ކޮވިޑުގެ ހާލަތު ރަނގަޅުވުމުން އެ ތަންތަން ބޭނުންކުރަން ފަށާނެ ކަމަށް ވެސް ކުރިން ބުންޏެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެންމެ ފުރަތަމަ ދެ ތިއޭޓަރު ބޭނުންކުރަން ފެށީ ކޮވިޑުގެ ތެރޭގައި އިމަޖެންސީ އޮޕަރޭޝަންތައް ކުރުމަށް ކަމަށެވެ. ނަމަވެސް، މިހާރު ޝެޑިއުލްޑް އޮޕަރޭޝަންތައް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބާކީ ހުރި ދެ ތިއޭޓަރު ވެސް މިއަދު ބޭނުންކުރަން ފެށުމުން، ހަތަރު ތިއޭޓަރު ފަންކްޝަން ކުރެވުނީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި އަދި ވެސް ހައިބްރިޑް ތިއޭޓަރު ބޭނުންކުރާކަށް ނުފަށަ އެވެ.

ރާއްޖޭގައި ހުރި އެންމެ އަގުބޮޑު ހޮސްޕިޓަލްގެ ކަންކަން އެނގޭ މީހަކު މިދިޔަ ހަފުތާގައި "މިހާރު" އަށް ބުނި ގޮތުގައި 23 މިލިއަން ރުފިޔާގެ އަގުހުރި ސާމާނުގެ ތިއޭޓަރު ބޭނުން ނުކުރާތީ ބައެއް މެޝިންތަކުގައި ހުރީ ފަންގަސް ޖަހައިފަ އެވެ.

އެ މަރާމާތުތައް އަދި ވެސް ނުނިމޭތީ، އެ ހޮސްޕިޓަލާ މި ފަހުން ގުޅިވަޑައިގެންނެވި ޑޮކްޓަރުން އޮޕަރޭޝަންތައް ކުރައްވަން ވަޑައިގަންނަވަނީ އަމިއްލަ އެހެން ހޮސްޕިޓަލްތަކަށް ކަމަށް އޭނާ ބުންޏެވެ.

"މިގޮތަށް ހެދީމަ އައިޖީއެމްއެޗްގައި ވަރަށް ހަރަދު ކުޑަކޮށް ކުރެވެން ހުރި އޮޕަރޭޝަންތަކަށް އާސަންދައިން އަދި އެންސްޕާއިން ވެސް ބޮޑު ހަރަދެއް މި ކުރަނީ. މިގޮތަށް ވާން މި ޖެހެނީ ވެސް އޮޕަރޭޝަން ތިއޭޓަރު ބޭނުން ނުކުރާތީ،" އެކަމުގެ މައުލޫމާތު އިނގޭ މީހަކު ބުންޏެވެ.