Roadha Mihaaru
މޫސުމީ ގެއްލުމުގެ ބަދަލު ދޭ ފަންޑު ހަދަނީ

ކޮޕް27: މޫސުމީ ގެއްލުމުގެ ބަދަލު ދޭ ފަންޑު ހަދަން އެއްބަސްވެއްޖެ

20 ނޮވެމްބަރ 2022

މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް މުއްސަނދި ގައުމުތަކުން މާލީ އެހީތެރިކަން ދިނުމަށް ހާއްސަ ފަންޑެއް އެކުލަވައިލަން ކޮޕް ސަމިޓުގެ ބައިވެރިން މިއަދު އެއްބަސްވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް މުއްސަނދި ގައުމުތަކުން މާލީ އެހީތެރިކަން ދިނުމަށް ހާއްސަ ފަންޑެއް އެކުލަވައިލަން ކޮޕް ސަމިޓުގެ ބައިވެރިން މިއަދު އެއްބަސްވެއްޖެ އެވެ.

މިސްރުގެ ޝަރްމުއްޝައިހުގައި މިހާރު ކުރިއަށް ގެންދާ އދ. ގެ ތިމާވެއްޓާ ބެހޭ ކޮންފަރެންސް، ކޮޕް27ގައި މި ފަހަރު އެންމެ ހޫނުކޮށް ދިޔަ ބަހުސަކީ ދުނިޔޭގެ މުއްސަނދި ގައުމުތަކުން ހިންގާ އަމަލުތަކުގެ ސަބަބުން ކުދި ގައުމުތަކަށް މޫސުމީ ކާރިސާތައް ތަހައްމަލު ކުރަން ޖެހިފައިވުމެވެ. އެ ބަހުސަށް މުއްސަނދި ގައުމުތަކުން ސަމާލުކަން ނުދެތީ އެކަމުގެ ފާޑުކިޔުން ވަރަށް ބޮޑުވި އެވެ.

ކޮޕް27 ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް އާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިޝަތު ޝައުނާ -- ފޮޓޯ: ރައީސް އޮފީސް

ކޮޕް27 ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް އާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިޝަތު ޝައުނާ -- ފޮޓޯ: ރައީސް އޮފީސް

"ލޮސް އެންޑް ޑެމޭޖް" ނުވަތަ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ ފަންޑަކީ މުއްސަނދި ގައުމުތަކުގެ ފެކްޓަރީތަކާއި އެ ނޫންވެސް ތަންތަނުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި އަދި ފަގީރު ގައުމުތަކަށް ލިބޭ ބޮޑެތި މޫސުމީ ގެއްލުންތަކުގެ ބަދަލު ހޯދަން އެކުލަވައިލާ ފަންޑެކެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ސަމިޓުގައި ބައިވެރިވި 200 ގައުމަކުން "ލޮސް އެންޑް ޑެމޭޖް" ފަންޑު ހެދުމަށް މިއަދު ހެނދުނު ބޭއްވި ކޮޕް ސަމިޓުގެ ބައްދަލުވުމުގައި އެއްބަސްވި އެވެ.

މިއީ ވަރަށް ގިނަ ކަންބޮޑުވުންތައް ހުރި މައްސަލައެއް. އަދި މާނަވީ ގޮތެއްގައި މި މައްސަލަ އަށް ހައްލެއް ހޯދަން ކުރެވޭނެ ކަންކަން ވެސް ކުރަން ޖެހޭ: ޝައުނާ، ތިމާވެއްޓާ ބެހޭ މިނިސްޓަރު

ރާއްޖޭގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ލޮސް އެންޑް ޑެމޭޖް" ފަންޑު ހަދަން ގައުމުތަކުން އެއްބަސްވުމަކީ ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގައި ލިބުނު ވަރަށް ތާރީހީ ކާމިޔާބީއެއް ކަމަށެވެ.

"މިއީ ވަރަށް ގިނަ ކަންބޮޑުވުންތައް ހުރި މައްސަލައެއް. އަދި މާނަވީ ގޮތެއްގައި މި މައްސަލަ އަށް ހައްލެއް ހޯދަން ކުރެވޭނެ ކަންކަން ވެސް ކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ އެއްބަސްވުމުގެ އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުނިޔެ ހޫނުވަމުން ދާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމެވެ. ނަމަވެސް، އެ އެއްބަސްވުމުގައި ޖައްވަށް ވިހަ ގޭސްތައް ބޭރުކުރުން މަދުކުރުމާ ގުޅޭ ވާހަކަތައް ހިމަނާފައި ނެތް ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް މާލީ އެހީދޭނެ ކަމަށް، އެމެރިކާ އާއި ޔޫރަޕްގެ މުއްސަނދި ގައުމުތަކުން އެއްބަސްވި މިއީ އަދި ފުރަތަމަ ފަހަރެވެ.

އެ ފަންޑަށް ބޭނުންވާ ފައިސާ ޖަމާކުރާނީ ދުނިޔޭގެ ބައެއް މުއްސަނދި ގައުމުތަކުންނެވެ. އެ ފަންޑުން މާލީ އެހީ ލިބޭނީ ރާއްޖެ ހިމެނޭ ގޮތަށް، މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ، މާލި ތަނަވަސްކަން ވެސް ދަށް ގައުމުތަކަށެވެ. އަދި އެ ފަންޑުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ވެސް، މޫސުމީ ބަދަލުތަކުގެ އަސަރު ކުރާ ގައުމުތަކަށް އެހީވާނެ އެވެ.