Roadha Mihaaru
ޒުވާން ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗު އެއްވަރު

ޒުވާން ގައުމީ ޓީމު ތިން ވަނަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗު އެއްވަރު

21 ނޮވެމްބަރ 2022

އެފްއޭއެމް އެއް ނަމްބަރު ޓާފް ދަނޑުގައި މިހާރު ކުރިއަށްދާ މި އަހަރުގެ ތިން ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމް ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެފްއޭއެމް އެއް ނަމްބަރު ޓާފް ދަނޑުގައި މިހާރު ކުރިއަށްދާ މި އަހަރުގެ ތިން ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމް ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.

ގައުމީ ޓީމުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިންވިކްޓޯ ސްޕޯޓްސް ކުލަބާ ވާދަކޮށް އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފަސް ވަނަ މިނިޓުގައި ޒުވާޏް ޓީމުން ލަނޑު ޖަހައި ކުރި ހޯދި އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޝަނާން ރަޝާދެވެ. އެހެން ނަމަވެސް ހާފް ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް މުހައްމަދު އަޔާޒް ވަނީ އިންވިކްޓޯ އަށް ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ދެ ވަނަ ހާފުގައި ވެސް ފުރަތަމަ ލަނޑު ޖެހީ، ޒުވާން ކުޅުންތެރިންނާ އެކު ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ ޒުވާން ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ގެ އިރުޝާދުގެ ދަށުން ކުޅެމުން ދިޔަ 19 އަހަރުން ދަށުގެ ޓީމެވެ. މެޗުގެ 72 ވަނަ މިނިޓުގައި ޒުވާން ޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން ލަނޑު ޖެހީ އިޝްފާފު މުހައްމަދު ފިރާގެވެ. ނަމަވެސް އެއްވަރުވީ 84 ވަނަ މިނިތުގައި އިންވިކްޓޯގެ އަހުމަދު ފިޔާޒް ޖަހައިދިން ގޯލުންނެވެ.

ޒުވާން ގައުމީ ޓީމާއި އިންވިކްޓޯ ސްޕޯޓްސް ހިމެނެނީ، މަސްއޮޑި ސްޕޯޓްސް ކްލަބާއި ޔޫއެން ފްރެންޑްސް އަދި އަނާކީ ސްޕޯޓްސް ކްލަބާ އެކު ގުރޫޕް ޑީ ގަ އެވެ.

އިއްޔެ ހަވީރު މަސްއޮޑި ސްޕޯޓްސް ވަނީ 4-0 އިން ޔޫއެން ފްރެންޑްސް ބަލި ކޮށްފަ އެވެ. މަސްއޮޑި ސްޕޯޓްސްގެ ލަނޑުތައް ޖަހައިދިނީ އަލީ ހާފިޒު (ހާއްޕެ) އާއި ޝިފާޒް އާދިލް (މަޓާ) އަދި އަހުމަދު އައްސަދެވެ. އާދިލް ވަނީ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.

މިދިޔަ ހަފްތާ މުބާރާތް ފެށި މެޗުގައި އަނާކީ އާއި ޔޫއެން ފްރެންޑްސް ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. އަދި އެ ރޭ މަސްއޮޑި ސްޕޯޓްސް ވަނީ އިންވިކްޓޯ ސްޕޯޓްސްއާ ވާދަކޮށް 4-0 އިން މޮޅު ވެފަ އެވެ.

މިވަގުތު ގުރޫޕްގެ އެއް ވަނައިގައި އޮތީ ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދައިފައިވާ މަސްއޮޑި ސްޕޯޓްސް އެވެ. ބާކީ ހަތަރު ޓީމަށް ވެސް އެއް ޕޮއިންޓް ލިބިފައި ވެއެވެ.

މަސްއޮޑި ސްޕޯޓްސް އަކީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކަކާ އެކު މި އަހަރުގެ ތިންވަނަ ޑިވިޝަނަށް ދުރާލާ ތައްޔާރުވި ޓީމެކެވެ. އެޓީމަށް އިރުޝާދު ދެނީ، ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުގައި ވެސް ތަޖުރިބާ ހުރި ކޯޗު މުހައްމަދު ފަރީދު (ފަރިއްޓޭ) އެވެ.

މުބާރާތުގެ ގުރޫޕް އޭ ގައި ހިމެނޭ ލެގޫންސް ސްޕޯޓްސް ކްލަބް ވަނީ ކުޅުނު ފުރަތަމަ މެޗު، ތުޅާދޫ އެވެންޗާސް ސްޕޯޓްސް އާ ވާދަކޮށް 4-0 އިން ކާމިޔާބު ކޮށްފަ އެވެ. އެ ގުރޫޕުގެ ދެ ވަނަ މެޗުގައި ވިޔަންސާ ވަނީ 1-0 އިން މޯލްޑިވް ސޮކާ މޭޓްސް (އެމްއެސްއެމް) އަތުން ބަލި ވެފަ އެވެ.

ގުރޫޕް ސީ ގެ ފުރަތަމަ މެޗުގައި ވިލިމާލެ ޔުނައިޓެޑުން 4-1 އިން ސީބީއެލް ސްޕޯޓްސް ބަލި ކުރި އިރު، ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބް ވަނީ އެންމެ ފަހު ސިކުންތުގައި ކާމިޔާބު ކުރި ލަނޑުން 3-2 އިން ސްޕޯޓްސް ކްލަބް ހޮސްކޯވޯ ބަލި ކޮށްފަ އެވެ.

ގުރޫޕް ބީ ގައި ހިމެނޭ ސެންޓް ސްޕޯޓްސް ކްލަބް ވެސް ވަނީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރު ވެފަ އެވެ. އެ ޓީމުން ވަނީ ސްރީ ލަންކާގެ ގައުމީ ޓީމަށް ކުޅޭ ކަވިންދު އިޝާން އާއި ޝެނާލް ސަންދޭޝް ޕިންގޯ ޓީމަށް ގެނެސްފަ އެވެ. ނަމަވެސް ފުރަތަމަ މެޗުގައި ހުޅުމާލެ ޔޫތު ކުލަބާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މި ގުރޫޕުގައި ހިމެނޭ ހިންނަވަރު ހިރިޔާ ވަނީ 4-3 އިން ސްޕޯޓްސް ކްލަބް ރިވަލްސާ ބަލިކޮށްފަ އެވެ.

ތިން ވަނަ ޑިވިޝަންގައި މިއަދު ކުޅޭނީ ގުރޫޕް ބީ ގެ ދެ މެޗެވެ. ހަވީރު ކުޅޭ މެޗުގައި ހިރިޔާ އާއި ހުޅުމާލެ ޔޫތު ކުލަބް ބައްދަލު ކުރާއިރު، މިރޭ ކުޅޭ މެޗުގައި ރިވަލްސާ އާއި ސެންޓް ސްޕޯޓްސް ބައްދަލު ކުރާނެ އެވެ.