Roadha Mihaaru
ކުރީގެ އަނބިމީހާއަށް ކުރި ހަރަދު އަނބުރާ ނުލިބުނު

ކުރީގެ އަނބިމީހާ އަށް ކުރި ހަރަދު ހޯދަން ކުރި ދައުވާ ކާމިޔާބެއްނުވި

21 ނޮވެމްބަރ 2022

ކުރީގެ އަނބިމީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު ކޮށްފައިވާ ހަރަދުތައް އަނބުރާ ހޯދަން ދިވެހި ފިރިހެނަކު ކުރި ދައުވާ ސިވިލް ކޯޓުން އިއްޔެ ނާކާމިޔާބުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ އަނބިމީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު ކޮށްފައިވާ ހަރަދުތައް އަނބުރާ ހޯދަން ދިވެހި ފިރިހެނަކު ކުރި ދައުވާ ސިވިލް ކޯޓުން އިއްޔެ ނާކާމިޔާބުވެއްޖެ އެވެ.

ށ. އަތޮޅަށް ނިސްބަތްވާ ފިރިހެނަކު ދައުވާކުރީ އޭނާގެ ކުރީގެ އަނބިމީހާއާ ދެކޮޅަށެވެ. ފިރިހެން މީހާ ދައުވާކުރީ އެ ދެ މީހުންގެ ކައިވެނި ރޫޅުމަށްފަހު އޭނާއާ އަލުން ކައިވެނި ކުރާނެ ކަމަށް ބުނެ އަންހެން މީހާ އޭނާ ލައްވައި 34،000ރ. ގެ ހަރަދުތަކެއް ކުރުވި ކަމަށް ބުނެ އެ ފައިސާ އަނބުރާ ހޯދުމަށެވެ.

އަންހެން މީހާއަށް އުފަންދުވަހުގެ މާބޮނޑި އާއި ކޭކާއި މޭކަޕް ސާމާނާއި ހެދުމާއި ބޫޓުގެ އިތުރުން ޖިމަށް ދިއުމުގެ ފީ އާއި ބާޒާރު ކުރުމަށާއި ސައިކަލުގެ މަރާމާތަށް ވެސް ފައިސާ ދެއްކީ ދެއްކީ ފިރިހެން މީހާ ކަމަށް އެ ދައުވާގައިވެ އެވެ. އަދި ފައިސާ ވެސް އެކިފަހަރު މަތިން ދީފައިވާ ކަމަށް ދައުވާގައިވެ އެވެ.

މިފަދަ މައްސަލަތަކުގައި މީގެކުރިން ކޯޓުތަކުން ނިމިފައިވަނީ ލޯބިވެރިންނަށް ކުރާ ހަރަދު އަނބުރާ ދޭންޖެހޭ ގޮތަށެވެ. އެއީ ހަރަދު ކުރަންޖެހޭ ގުޅުމެއް ނެތުމުން އެއީ ދަރަންޏެއް ކަމަށް ބެލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާތީ އެވެ. އެކަމަކު މި މައްސަލާގައި ނިންމީ އެއީ ދަރަންޏެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައިވަނީ އަންހެން މީހާއަށް ގަނެދިން ކަމަށް ބުނާ މާބޮނޑި އާއި ކޭކާއި މި ނޫން ވެސް ތަކެއްޗަކީ އާންމު އުސޫލުން މީހުން ހަދިޔާގެ ގޮތުގައި ދޭނެ ތަކެތި ކަމަށް ބެލެވޭ ކަމަށެވެ. އަދި ފައިސާގެ ގޮތުގައި ވެސް އެންމެ ބޮޑު އަދަދަކަށް ދީފައިވަނީ 2،500ރ. ކަމަށް ވާތީ އެއީ ހެޔޮހިތުން ދީފައިވާ އެއްޗެއް ކަމަށް ގަބޫލު ކުރެވޭ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، އިތުރު ހެއްކެއް ނެތީސް، އެއީ ދަރަންޏެއްގެ ގޮތުގައި ދިން ތަކެތި ކަމަށް ނުނިންމޭނެ ކަމަށް ހުކުމުގައިވެ އެވެ.

މީގެ އިތުރުން ހަރަދުތައް ކުރި ކަމަށް ބުނާ މުއްދަތަކީ ކައިވެނި ރޫޅުމަށްފަހު އިއްދައިގެ މުއްދަތު ވެސް ހިމެނޭހެން ކޮށްފައިވާ ޚަރަދުތަކެއް ކަމަށްވާއިރު އޭގެފަހުން ދިން ތަކެއްޗާއި ފައިސާއަކީ ކޮބައިކަން ފިރިހެން މީހާއަށް ބުނެ ދެވިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.

ގާޒީ އަބްދުއްނާސިރު ޝަފީގު އިއްވެވި ހުކުމުގައިވާ ގޮތުން ފިރިހެން މީހާ ކުރި ދައުވާގައި އެއްވެސް އަސާސެއް ނެތެވެ.