Roadha Mihaaru
ޓެކްސް ބޮޑުކުރުމުގެ އިސްލާހު ތަސްދީގުކޮށްފި

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ އިސްލާހު ތަސްދީގުކޮށްފި

22 ނޮވެމްބަރ 2022

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ރަައްޔިތުންގެ މަޖިލިހުން ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ރަައްޔިތުންގެ މަޖިލިހުން ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހު ގެޒެޓުކުރުމުން ޓޫރިޒަމްގެ ހިދުމަތްދޭ ފެސިލިޓީތަކުން ނަގާ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ޖެނުއަރީ 1 އިން ފެށިގެން ބޮޑުވާނެ އެވެ. ޖީއެސްޓީ ވެސް ހަ ޕަސެންޓުން އަށް ޕަސެންޓަށް އެ ތާރީހުން ފެށިގެން ބޮޑުވާނެ އެވެ.

ސަރުކާރުން އެ އިސްލާހު ގެންނަން ބޭނުންވި ސަބަބެއް ކަމަށް ބުނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށެވެ.

ޓެކްސް ބިލު ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލަށް ހުށަހެޅި އިސްލާހުތައް ބޭރު ކޮށްލުމަށް ފަހު، ސަރުކާރުން ފޮނުވި ގޮތަށް ފާސްކުރީ މިދިޔަ މަހު 31 ގަ އެވެ. އެ ބިލް ފާސްކުރީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމުން ދައުލަތުގެ އާމްދަނީ އަށް 3.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ. އަންނަ އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީ ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 32 ބިލިއަން ރުފިޔާގަ އެވެ.

ދައުލަތުގެ އާމްދަނީ އިތުރު ކުރަން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަން ނިންމައި، އެ އަށް އަމަލު ކުރަން ފެށިއިރު، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ މިއީ ޓެކްސް ބޮޑު ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ލަފާދީފަ އެވެ. އެމްއެމްއޭ އިން ބުނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން ރޭޓު ގާތްގަނޑަކަށް 5.4 ޕަސެންޓަށް އިތުރުވާނެ ކަމަށެވެ. އޭގެ ތެރެއިން 2.2 ޕަސެންޓަކީ ސީދާ ގޮތެއްގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން އަގުތަކަށް އަންނަ އިތުރުވުމެކެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި، ޖީއެސްޓީ ބޮޑުކުރުމާ ގުޅިގެން ފައިދާ އިތުރު ކުރުމަށް ވިޔަފާރިވެރިން މިހާރަށް ވުރެ ވެސް އަގުތައް ބޮޑުކުރާނެ ކަމަށް ބެލެވެ އެވެ. އެހެންވެ، ތަކެތީގެ އަގު 2.2 ޕަސެންޓަށް ވުރެ ވެސް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ބުނީ ޓެކްސް ބޮޑު ކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ ހަރަދުތައް ހަމަޖައްސައި، ޑެފިސިޓް ކުޑަކުރުން ކަމަށް ވިޔަސް އެކަން އަންނަ އަހަރުގެ ބަޖެޓުން ހާސިލެއް ނުވާ އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން މަޖިލީހުން ފާސްކުރީ، މަޖިލިހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޮޑު ކޯޅުމަކަށް ފަހު އެވެ. ނަޝީދުގެ ފެކްޝަންގެ މަޖިލިސް މެމްބަރުން ޓެކްސް ބޮޑުކުރަން ދެކޮޅު ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން ބޭނުންވީ އެ ގޮތަށް ފާސްކުރާށެވެ. އެއާއެކު އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ވެސް އެ މައްސަލާގައި އެރީ ނަޝީދުގެ ފެކްޝަންގެ މެމްބަރުންގެ ފަހަތަށެވެ