Roadha Mihaaru
އުފަންވާ ކުދިންގެ ރަޖިސްޓަރީ ލަސްކޮށްފިނަމަ ޖޫރިމަނާ

އުފަންވާ ކުދިން ރަޖިސްޓަރީކުރުން ލަސްކޮށްފިނަމަ މިއަދުން ފެށިގެން ޖޫރިމަނާކުރާނެ

18 ޑިސެމްބަރ 2022

ރާއްޖޭގައި އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ނުކޮށްފި ނަމަ، 10،000ރ. އިން ޖޫރިމަނާކުރާ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ނުކޮށްފި ނަމަ، 10،000ރ. އިން ޖޫރިމަނާކުރާ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ބިލު ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އަދި މިއަދު ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށައިފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އުފަންވުމާއި މަރުވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާ އެކު، ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ މައްޗަށް ލާޒިމުވާނެ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވިހާ ކުދިން، އެ ގައުމެއްގައި އުފަންވި ކަމުގެ ރަސްމީ ލިޔުމާ އެކު، ރާއްޖެ އެނބުރި އަންނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހޭ ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ. އަދި އެ ކުދިން އުފަންވާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި، އުފަންދުވަހުގެ ސެޓިފިކެޓް ހައްދަން ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

ޖޫރިމަނާކުރާނީ އެ ހާލަތް މެދުވެރިވި ސަބަބަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށް ވެސް ގާނޫނުގައިވެ އެވެ.

ފޫޅުމާ ފޯމުގައި ބައްޕައަށް ސޮއިނުކުރެއްވިއްޖެ ހާލަތެއްގައި މަންމައަށް ސޮއިކުރެވޭ ގޮތަށް އަދި މަންމައަށް ސޮއިނުކުރެވިއްޖެ ހާލަތެއްގައި ބެލެނިވެރިޔަކަށް ސޮއިކުރެވޭ ގޮތަށް ވެސް ހަދަން ނިންމައި އެ ގާނޫނުގައި ހިމަނާފައިވެ އެވެ.

ގާނޫނުގެ ތަފުސީލު

• ރަށް ނުވަތަ ސިޓީ ކައުންސިލުން އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ދަފުތަރެއް ބެލެހެއްޓުން.

• ސިއްހީ ހިދުމަތްދޭ މަރުކަޒަކުން މަރު ސާބިތުކުރުމަށް ފަހު، މަރުވި މިހާގެ ވާރިސުން އެކަން ލަސްނުކޮށް ކައުންސިލަށް އެންގުން.

• ފޫޅުމާ ފޯމު، އުފަންދުވަހުގެ ސެޓްފިކެޓް، މަރު ފޯމް އަދި އައިޑީކާޑަށް ސައްހަަ ނޫން ބަދަލެއް ގެނެސްފި ނަމަ، އާންމު މީހަކު 10،000ރ. އާއި 15،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

• އެފަދަ އަމަލެއް ކުރަނީ ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު ނަމަ 15،000ރ. އާއި 25،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.