Roadha Mihaaru
އަމީނީމަގުގައި ތާރު އަޅަނީ ދެ ބަޔަކަށް ބަހާލައިގެން

އަމީނީމަގުގައި ތާރު އަޅަން ޕްލޭންކޮށްފައި އޮތީ ދެ ބަޔަކަށް ބަހާލައިގެން: އާރުޑީސީ

22 ނޮވެމްބަރ 2022

އަމީނީމަގުގައި ތާރު އަޅަން ޕްލޭންކޮށްފައި އޮތީ ދެ ބަޔަކަށް ބަހާލައިގެން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަމީނީމަގުގައި ތާރު އަޅަން ޕްލޭންކޮށްފައި އޮތީ ދެ ބަޔަކަށް ބަހާލައިގެން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން މިއަދު ބުނެފި އެވެ.

އާރުޑީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަމީނީމަގުގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމުމަށް އެ ކުންފުނިން ކުރަން ޖެހޭ ހުރިހާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އެ މަގު ހަދާއިރު ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ކުރަން ޖެހޭ އަޕްގްރޭޑިންގެ މަސައްކަތްތައް ވެސް ހުރުމުން ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.

"ފުރަތަމަ ސެގްމަންޓްގެ ތާރުއެޅުން ފިޔަވާ ހުރިހާ މަސައްކަތްތަކެއް އެ ހުރީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ޕްލޭންގައި އޮތީ ގާތްގަނޑަކަށް އަމީނީމަގުގެ ދެބައިކުޅަ އެއްބަޔާ ހިސާބަށް ޕޭވިންގެ މަސައްކަތްތަކާއި ދެން ކުރަން ޖެހޭ މަސައްކަތްތައް ކޮށްފައި، މަގު ދެ ބަޔަކަށް ބަހާލައިގެން ތާރު އަޅަން: އާރްޑީސީގެ އޮފިޝަލް

"އަޅުގަނޑުމެންގެ ޕްލޭންގައި އޮތީ ގާތްގަނޑަކަށް އަމީނީމަގުގެ ދެބައިކުޅަ އެއްބަޔާ ހިސާބަށް ޕޭވިންގެ މަސައްކަތްތަކާއި ދެން ކުރަން ޖެހޭ މަސައްކަތްތައް ކޮށްފައި، މަގު ދެ ބަޔަކަށް ބަހާލައިގެން ތާރު އަޅަން."

އަމީނީމަގު ހަދަން ނިންމާފައިވާ ގޮތުގެ ޑިޒައިން. -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އަމީނީމަގު ހަދަން ނިންމާފައިވާ ގޮތުގެ ޑިޒައިން. -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އޭނާ ވިދާޅުވީ އެ މަގުގައި ތާރު އަޅަން ފަށާނީ ބިލަބޮންގް ސްކޫލް ހުންނަ ހިސާބަށް ޕޭވިންގެ މަސައްކަތްތައް ނިމުމުން ކަމަށެވެ.

ތާރު އަޅަން ނުފެށިޔަސް، ޕޭވިންގެ މަސައްކަތް ނިމޭވަރަކުން އެ މަގަށް ވެހިކަލްތަކަށް ވަދެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެވަނަ ސެގްމަންޓްގެ މަސައްކަތް ފެށުމުގައި އަޅުގަނޑުމެންނަށް ދިމާވެގެން އުޅޭ ދައްޗަކީ އެމްޑަބްލިއުއެސްސީގެ އަޕްގްރޭޑިންގެ މަސައްކަތްތައް ކުރުމަށްޓަކައި އެ ބޭފުޅުން ފޯރުވައިދޭން ޖެހޭ ބައެއް މެޓީރިއަލްސް އަޅުގަނޑުމެންނަށް ނުލިބިގެން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ސާމާނު ވަރަށް އަވަހަށް ލިބޭނެ ކަމުގެ ޔަގީންކަން އެމްޑަބްލިއުއެސްސީން އޮތީ ދީފަ އެވެ.

އަމީނީމަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށިތާ ތިން މަސް ދުވަސް ވާއިރު، އެ މަގުގެ އެއްވެސް ތަންކޮޅެއްގައި ތާރު އެޅިފައި އަދި ނުވާތީ، އާންމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑުވެފަ އެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީމަގު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރީ މި އަހަރު ޖުލައި މަހު ތިނެއްގަ އެވެ. މިދިޔަ އޮގަސްޓް މަހު 30 ގައި އަމަލީ މަސައްކަތް ފެށި އެ މަގުގައި ތާރު އަޅާ ނިންމަން ދިނީ 10 މަސްދުވަހުގެ މުއްދަތެކެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރާ އެ މަޝްރޫއުގެ ދަށުން އަމީނީމަގުގައި 1.7 ކިލޯމީޓަރުގެ ތާރު އަޅައި، ފެންހިންދާ ނިޒާމެއް ވެސް ހަދާނެ އެވެ.