Roadha Mihaaru
ތާރުއެޅި ސަރަހައްދުގައި ފެންބޮޑުވީ މަސައްކަތް ނުނިމޭތީ

އަމީނީ މަގު ތާރު އެޅި ސަރަހައްދުގައި ފެންބޮޑުވީ މަސައްކަތް ނުނިމޭތީ: އާރުޑީސީ

07 މާޗް 2023

އަމީނީ މަގުގައި ތާރު އަޅާފައި އޮތް ހިސާބުގައި ރޭ ފެންބޮޑުވީ މަސައްކަތް އެއްކޮށް ނުނިމި އޮތުމުން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަމީނީ މަގުގައި ތާރު އަޅާފައި އޮތް ހިސާބުގައި ރޭ ފެންބޮޑުވީ މަސައްކަތް އެއްކޮށް ނުނިމި އޮތުމުން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ން މިއަދު ބުނެފި އެވެ.

މާލެއަށް ރޭ ވެހުނު ވާރޭގައި، އަމީނީ މަގުގައި ތާރު އަޅައިފައި އޮތް ހިސާބުގައި ފެންބޮޑުވުމުން އާންމުންގެ ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އާރުޑީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ރޭ އެގޮތަށް ދިމާވިޔަސް އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިމުމުން، މެދުނުކެނޑި ބޯކޮށް ވާރޭވެހޭ ދުވަހެއްގައި އެ މަގުގައި ފެންބޮޑުވިޔަސް، ވާރޭ ހުއްޓާލާއިރަށް ފެންގަނޑު ވަރަށް އަވަހަށް ހިނދޭނެ ކަމަށެވެ.

"ފެން ހިންދާ ނިޒާމު އެއްކޮށް ފުރިހަމަވެގެން އަންނާނީ އަމީނީ މަގު ނިމޭއިރު. އަދި މުޅި މަގުގެ މަސައްކަތް ނިމޭއިރު ފެން ހިންދާ ނިޒާމު އަޕްގްރޭޑް ކުރެވި އާ ޕަންޕުތައް ވެސް ބަހައްޓާނެ،" އޭނާ ވިދާޅުވި އެވެ.

އަމީނީމަގު ޒަމާނީކުރުމުގެ މަޝްރޫއުގެ ދަށުން 1.7 ކިލޯމީޓަރުގެ ތާރުއަޅައި، ފެންހިންދާ ނިޒާމެއް ވެސް ހަދަ އެވެ.

އަމީނީ މަގަކީ ވާރޭ ވެހޭ ދުވަސްތަކުގައި މާލޭގައި އެންމެ ބޮޑަށް ފެން ހެދޭ އެއް މަގެވެ. ފެންބޮޑުވެ ހިނގާވެބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ވެސް އުނދަގޫވެ އެވެ.

ތާރު އަޅައިގެން އަމީނީ މަގުގައި ހެދި ފުރަތަމަ ބައި އާންމުންނަށް ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހު ރެ އެވެ. އެ މަގުގެ އެންމެ އިރުން ފެށިގެން ސްޓެލްކޯ އިމާރާތާ ހަމައަށް މިހާރު ވަނީ ތާރު އަޅައިފަ އެވެ.

ދައުލަތުން 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް ލަސްވާތީ ވެސް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑެވެ. އެ ފާޑުކިޔުން ބޮޑުވެފައި އޮއްވާ އެ މަގުގައި އެންމެފަހުން ތާރު އެޅީ ވެސް އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި، މުޅި އެ މަގުގެ މަސައްކަތް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރު މަހަށެވެ.