Roadha Mihaaru
ހޭންޑް ފުޓް އެންޑް މައުތު: އިސްކުރަންވީ ތާހިރުކަން

ހޭންޑް ފުޓް އެންޑް މައުތު: އިސްކުރަންވީ ތާހިރުކަން

24 ނޮވެމްބަރ 2022

ހޭންޑް ފުޓް އެންޑް މައުތު ބައްޔަކީ އާންމުކޮށް ކުޑަކުދިންނަށް ވަރަށް ފަސޭހައިން ޖެހޭ ވައިރަލް އިންފެކްޝަނެކެވެ. އަތާއި ފައި އަދި އަނގައިގެ ތެރޭގައި ފޮޅުތަކެއް ނެގުމަކީ މި ބަލީގެ އަލާމާތެކެވެ. އާންމުކޮށް މި ބަލި ޖެހެނީ ކޮކްސަކީވައިރަސް އެއްގެ ސަބަބުންނެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ހޭންޑް ފުޓް އެންޑް މައުތު ބައްޔަކީ އާންމުކޮށް ކުޑަކުދިންނަށް ވަރަށް ފަސޭހައިން ޖެހޭ ވައިރަލް އިންފެކްޝަނެކެވެ. އަތާއި ފައި އަދި އަނގައިގެ ތެރޭގައި ފޮޅުތަކެއް ނެގުމަކީ މި ބަލީގެ އަލާމާތެކެވެ. އާންމުކޮށް މި ބަލި ޖެހެނީ ކޮކްސަކީވައިރަސް އެއްގެ ސަބަބުންނެވެ.

މި ބައްޔަށް ހާއްސަ ފަރުވާއެއް ނެތް ކަމުގައި ވިޔަސް، ގިނައިން އަތްދޮވުމާއި މި ބަލިޖެހިފައިވާ މީހުންނާ ދުރުގައި އުޅުމަކީ މި ބަލިން ރައްކާތެރިކޮށްދޭ ކަމެކެވެ.

ބަލީގެ އަލާމާތްތައް

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ކަރުގައި ރިއްސުން، ހީކެރުވުން، އަނގައިގެ އެތެރެ ދުޅަވެ ތަދުވުން، ހަށިގަނޑުގައި އާދަޔާހިލާފަށް ރިއްސުން، އަދި ކާހިތް ނުވުން ހިމެނެ އެވެ.

އާންމުކޮށް މި އަލާމާތްތައް ފެންނާނީ ބަލި ޖެހޭތާ 3-6 ދުވަހާ ދެމެދު އެވެ. އަދި ކުޑަކުދިން ނަމަ، ކާހިތްނުވެ، ކަރުތެރޭގައި ރިއްސުމާއި ހުމުގެ އަސަރު ހުރުން ވެސް އެކަށީގެންވެ އެވެ.

އަނގަމަތީގަ އާއި ކަރުތެރޭގެ ރިހުން ފެށެނީ ހުން އަންނަތާ އެއް ދުވަސް ފަހުންނެވެ. ބައެއް ފަހަރު ބުރަކަށީގައި ވެސް ރިއްސަ އެވެ.

އުމުރުން ހަ މަހަށްވުރެ ކުޑަ ކުއްޖެއް ނަމަ ނުވަތަ ދިފާއީ ނިޒާމު ބަލިކަށި ކުއްޖެއް ނަމަ ނުވަތަ ބަލީގެ ސަބަބުން ކެއުން ބުއިމަށް ހުރަސްއެޅޭ ނަމަ ވީ އެންމެ އަވަހަކަށް ސިއްހީ ތަޖުރިބާކާރެއްގެ އެހީ ހޯދަންވާނެ އެވެ.

އާންމުކޮށް ކުޑަކުދިންނަށް ޖެހޭ މި ބަލިން، އެ ކުދިން ރައްކާތެރި ކުރުމުގެ ގޮތުން ގިނަގިނައިން އަތް ފައި ދޮވުން އާދައަކަށް ހަދާށެވެ. އަދި ސާފުތާހިރުކޮށް އުޅުމުން ކުދިން ހާނުވާށެވެ. ކުދިން ކުޅެން އުޅޭ ތަންތަން އާންމުކޮށް ސާފުކުރާ ވަރަށް ވުރެ ގިނައިން ސާފުކޮށް ބަލަހައްޓަން ވާނެ އެވެ.

މި ބައްޔަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީ، ބަލީގެ އަލާމާތްތައް ހުންނަ މީހުންނަށް ގައިގޯޅި ނުވާށެވެ.