Roadha Mihaaru
އިރާނުގެ ކޯޗުގެ ކަރުގައި ހިފި މަންޒަރު ވައިރަލްވެއްޖެ

އުފަލުން ގޮސް އިރާނުގެ ކޯޗުގެ ކަރުގައި ހިފި މަންޒަރު ވައިރަލް ވެއްޖެ

25 ނޮވެމްބަރ 2022

ވޯލްޑް ކަޕުގައި މިއަދު ވޭލްސްއާ ދެކޮޅަށް އިރާނުގެ ގައުމީ ޓީމު ކުޅުނު މެޗުގެ ފަހު ލަނޑާއެކު، އުފާފާޅު ކުރުމުގެ ގޮތުން އިރާނުގެ ސަރްދާރު އަޒުމޫން، އެ ޓީމުގެ ކޯޗު ކާލޯސް ކުއިރޯޒްގެ ކަރުގައި ހިފާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެ އެވެ.

ވޯލްޑް ކަޕުގައި މިއަދު ވޭލްސްއާ ދެކޮޅަށް އިރާނުގެ ގައުމީ ޓީމު ކުޅުނު މެޗުގެ ފަހު ލަނޑާއެކު، އުފާފާޅު ކުރުމުގެ ގޮތުން އިރާނުގެ ސަރްދާރު އަޒުމޫން، އެ ޓީމުގެ ކޯޗު ކާލޯސް ކުއިރޯޒްގެ ކަރުގައި ހިފާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެ އެވެ.

އިރާނުގެ ފުރަތަމަ ލަނޑު އިތުރު ވަގުތުގެ 8 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ރުޒްބެހް ޗެޝްމީ އެވެ. މެޗުގެ އެންމެ ފަހު ސިކުންތުގައި ދެ ވަނަ ލަނޑު ރަމީން ރެޒައިއަން ޖެހުމުން އިރާނުގެ ކުޅުންތެރިން އާދަޔާ ހިލާފަށް އުފާފާޅު ކުރި އެވެ.

މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުމަށް ފަހު، ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފޭބި އަޒުމޫނަށް ވީ ގޮތަކީ ރަމީން، އެ ލަނޑު ޖެހުމުން އާދަޔާ ހިލާފު ޖޯޝެއް އައީ އެވެ. ބެންޗުގައި އިނދެ، އުފާޅުކުރުމުގެ ގޮތުން ކުއްލިއަކަށް ކޮޅަށް ތެދުވެ ކޯޗު ކުއިރޯޒްގެ ކަރުގައި ހިފީ އެވެ. އެ މަންޒަރުން ފެނުނު ގޮތުން ނަމަ އަޒުމޫންގެ އުފާފާޅު ކުރުން ކޯޗަށް އެހާ ކަމަކު ނުދިޔަ އެވެ. ކަރުގައި ހިފުމުން ކޯޗަށް ކޮންމެވެސް ވަރަކަށް އުނދަގުލެއް ކުރިމަތިވިކަން މޫނުމަތިން ފެނުނު އަސަރުން އެނގެ އެވެ.

އެ މަންޒަރު ޓީވީން ވެސް ވަގުތުން ދެއްކި އެވެ. މިހާރު ސޯޝަލް މީޑިއާގައި އަންނަނީ އެ ފޮޓޯ ވެސް ވަރަށް ބޮޑަށް ވައިރަލް ވަމުންނެވެ.

އެ މޮޅަކީ ފަސްވަނަ ފަހަރަށް ވޯލްޑް ކަޕުގައި ވާދަކުރާ އިރާނަށް، މުބާރާތުގެ ތާރީހުގައި ލިބުނު ތިންވަނަ މޮޅެވެ. މީގެ ކުރިން އެ ޓީމު މޮޅުވީ މޮރޮކޯއާ ދެކޮޅަށް 2018 ގައި އަދި އެމެރިކާއާ ދެކޮޅަށް 1998 ގަ އެވެ.

މިއަދުގެ މެޗަށް އިރާން ނުކުތްއިރު އިނގިރޭސި ވިލާތުގެ މީޑިއާތަކުން ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް ޕްރެޝަރު ކުރުމަށް ސިޔާސީ މައްސަލަތައް ނަގައިގެން ކުޅުންތެރިންނާ ސުވާލު ކޮށްފަ އެވެ. ޔުނައިޓެޑް ކިންޑޮމަށް ނިސްބަތްވާ ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އިރާން މޮޅުވުމުން ކުޅުންތެރިންނަށް އެހާ ބޮޑު ޖޯޝެއް އައީ އެހެންވެ ކަމަށް ބެލެވެ އެވެ.

މިއަދުގެ މެޗުން މޮޅުވެ، އިރާނަށް ވަނީ ދެވަނަ ބުރަށް ދިއުމުގެ އުންމީދެއް ލިބިފަ އެވެ. އެ ޓީމުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ނުކުންނާނީ އެމެރިކާއާ ދެކޮޅަށެވެ.