Roadha Mihaaru
އީރާން ޓީމު ހަލާކުރަން އުޅޭކަމުގެ ތުހުމަތު މީޑީއާއަށް

އިނގިރޭސި މީޑިއާ އިން މަސައްކަތްކުރަނީ އީރާން ޓީމު ހަލާކުކޮށްލަން

21 ނޮވެމްބަރ 2022

ދޯހާ (ނޮވެމްބަރު 21) - އިނގިރޭސި މީޑީއާއިން މަސައްކަތް ކުރަނީ އީރާންގެ ޓީމު ހަލާކުކޮށްލަން ކަމަށް އެ ޓީމުގެ މިޑްފީލްޑަރު އަލި ރިޒާ ޖަހަންބަކްޝް ބުނެފި އެވެ.

ދޯހާ (ނޮވެމްބަރު 21) - އިނގިރޭސި މީޑީއާއިން މަސައްކަތް ކުރަނީ އީރާންގެ ޓީމު ހަލާކުކޮށްލަން ކަމަށް އެ ޓީމުގެ މިޑްފީލްޑަރު އަލި ރިޒާ ޖަހަންބަކްޝް ބުނެފި އެވެ.

ވޯލްޑް ކަޕުގައި އީރާންގެ ފުރަތަމަ މެޗުގައި މިއަދު އެ ޓީމުން ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ. އީރާންގައި ބުރުގާ އެޅުން މަޖުބޫރު ކުރުމާ ދެކޮޅަށް މިހާރު ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން އީރާންގެ ޓީމަށް ވެސް އިނގިރޭސި މީޑިއާތަކުން ދަނީ ފާޑު ކިޔަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިނގިރޭސި މިޑީއާތަކުގެ ސުވާލަކަށް ވީ، އީރާންގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އޭގެ އަސަރު ޓީމަށް ކުރާނެތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެމުން ޖަހަންބަކްޝް ބުނީ ތި ސުވާލު ކުރާނެ ކަމަށް ބެލެވެނީ އިނގިރޭސި މީޑިއާއިން ކަމަށެވެ.

"އަހަރެން ހައިރާނެއް ނުވޭ. އަހަންނަށް އެނގޭ ތި ސުވާލު އަންނާނީ އިނގިރޭސި މީޑީއާއިންކަން. އަހަންނަށް ޔަގީނެއް ނޫން އިންގްލެންޑްގެ ގުރޫޕްގައި އަހަރެމެން ނުހިމެނޭނަމަ ތި ސުވާލު ހިފައިގެން ކަލޭމެން އަންނާނެ ކަމެއް. ދެ ވަނަ ކަމަކީ މިކަން އަހަރެމެންގެ ޓީމަށް ކުރިމަތިވާން ފަށައިފި މީގެ ދެ ހަފުތާ ކުރިން ވެސް،" ކުރިން އިނގިރޭސި ކްލަބް ބްރައިޓަން އަށް ވެސް ކުޅުނު ޖަހަންބަކްޝް ބުންޏެވެ.

"އިނގިރޭސި މީޑީއާއިން މަސައްކަތް ކުރަނީ މެންޓަލް ގޭމެއް ކުޅެން. އެކަމަކު އަހަރެމެން އެކަމާ ސަމާލަުކަމެއް ނުދެން. އަދި އޭގެ އަސަރެއް ވެސް ނުކުރާނެ."

އީރާން ކޯޗުގެ ތައުރީފް އިނގިރޭސި ޓީމަށް

އިރާންގެ ކޯޗު ކާލޯސް ކުއިރޯޒް ބުނީ، އިނގިރޭސި ގައުމީ ޓީމަކީ 1966 ގައި އެ ގައުމުން ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމާ އެއް ފެންވަރުގެ ޓީމެއް ކަމަށެވެ.

"(އިނގިރޭސި ކޯޗު) ގެރެތު ސައުތުގޭޓް އިނގިރޭސި ޓީމަށް ގެންނަމުންދާ އާ ޖީލުގެ ކުޅުންތެރިންނަކީ އެންމެ ހުނަރުވެރި ކުޅުންތެރިން. ވޯލްޑް ކަޕް 1966 ވަނަ އަހަރު އިންގްލެންޑް ހޯދިފަހުން މިހާރު އޮތް އެންމެ ވަރުގަދަ ސްކޮޑް މި އޮތީ،" އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑްގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ކުއިރޯޒް ބުންޏެވެ.

އިންގްލެންޑާއި އިރާން ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ. އެ މެޗުގެ ސްކޯ ދިމާ ކުރުމުގެ ފުރުސަތު މެޗު ފެށެންދެން "މިހާރު" ގެ ސްކޯ ޕްރެޑިކްޓާއިން ވަނީ ހުޅުވާލާފަ އެވެ.