Roadha Mihaaru
ކޮރެއާއާއެކު ސުލްހަޔަށް މަސައްކަތްކުރަން ބޭނުން: ޗައިނާ

ސުލްހަޔަށްޓަކައި ކޮރެއާއާ އެކު މަސައްކަތް ކުރަން ބޭނުން: ޗައިނާ

28 ނޮވެމްބަރ 2022

ދުނިޔޭގެ ސުލްހަޔާއި ހަމަޖެހުމަށްޓަކައި، އުތުރު ކޮރެއާއާ އެކުގައި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވެއްޖެކަމަށް އުތުރު ކޮރެއާ އިން ބުނެފި އެވެ.

ދުނިޔޭގެ ސުލްހަޔާއި ހަމަޖެހުމަށްޓަކައި، އުތުރު ކޮރެއާއާ އެކުގައި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވެއްޖެކަމަށް އުތުރު ކޮރެއާ އިން ބުނެފި އެވެ.

އުތުރު ކޮރެއާއާ އެކުގައި ދުނިޔޭގެ ސުލްހައަށް މަސައްކަތްކުރަން ބޭނުންވާ ކަމަށް ޗައިނާ އިން މި ބުނީ، މިހާތަނަށް އުތުރު ކޮރެއާ އިން އުފެއްދި އެންމެ ބޮޑު ބެލިސްޓިކް މިސައިލްގެ އަޖުމަބެލުމާ ގުޅިގެން، ހުޅަނގުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށް އުތުރު ކޮރެއާ ކުށްވެރިކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އުތުރު ކޮރެއާއާ ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންވާކަން ޗައިނާގެ ރައީސް ޝީ ހާމަކުރެއްވީ، ރިއާސީ ތިން ވަނަ ދައުރަކަށް ޝީ އިންތިޚާބުކުރުމަށް، ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީން ނިންމުމާ ގުޅިގެން، އުތުރު ކޮރެއާގެ ރައީސް ކިމް ފޮނުއްވެވި ތަހުނިޔާގެ މެސެޖަށް ދެއްވި ޖަވާބުގަ އެވެ. އެ ޖަވާބުގައި ރައީސް ޝީ ވިދާޅުވެފައިވަނީ "ދުނިޔެއާއި ސަރަހައްދުގެ ސުލްހަޔާއި ހަމަޖެހުމާއި ތަރައްގީ އާއި ފާގަތިކަމަށްޓަކައި" އުތުރު ކޮރެއާއާ އެކުގައި މަސައްކަތް ކުރަން ޗައިނާ ތައްޔާރަށް އޮތް ކަމަށެވެ.

ރައީސް ޝީގެ މެސެޖްގައި ވިދާޅުވެފައިވަނީ ދުނިޔޭގެ ވަގުތާއި ތާރީޚު ވެސް ދަނީ އާދަޔާ ޚިލާފު ގޮތަކަށް ބަދަލުވަމުން ކަމަށާއި، އެ ބަދަލުތަކުގެ ތެރޭގައި އުތުރު ކޮރެއާއާ އެކުގައި ގުޅިގެން މަސައްކަތްކުރަން ޗައިނާ ބޭނުންވާ ކަމަށެވެ.

އުތުރު ކޮރެއާ އިން އެ ގައުމުގެ އެންމެ ބޮޑު ބެލެސްޓިކް މިސައިލް އަޖުމަ ބެލުމުގެ ދުވަސްކޮޅެއް ކުރިން، ޗައިނާގެ ރައީސް ޝީ ވަނީ އިންޑޮނީޝިޔާގެ ބާލީގައި އޮތް ޖީ20ގެ މަހާސިންތާގައި، އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލު ކުރައްވައި އުތުރު ކޮރެއާގެ މަސްރަހާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ބައިޑެން ވިދާޅުވެފައިވަނީ އުތުރު ކޮރެއާ އިން އެ ސަރަހައްދުގެ ހަމަޖެހުން ނަގައިލުމަށް ކުރާ މަސައްކަތަށް ޗައިނާ އިން އެއްބާރުލުން ނުދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އަދި ޗައިނާ އަކީ އުތުރު ކޮރެއާގެ އެންމެ ގާތް ގައުމު ކަމަށްވާ އިރު، އުތުރު ކޮރެއާ މައިތިރި ކުރުމަށް ޗައިނާގެ ނުފޫޒު ބޭނުންކުރުމަށް ވެސް ރައީސް ބައިޑެން އެދިވަޑައިގެންނެވި އެވެ.