Roadha Mihaaru
ބަލިނުކުރެވޭ ވަރުގެ އަސްކަރިއްޔާއެއް އުފައްދާނަން

ބަލިނުކުރެވޭ ވަރުގެ އަސްކަރިއްޔާއެއް އުފައްދާނަން: ނޯތު ކޮރެއާ

13 އޮކްޓޯބަރ 2021

އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ އުދުވާނީ ހަމަލާތަކާ ކުރިމަތިލުމަށްޓަކައި، ބަލިކޮށްނުލެވޭ ވަރުގެ އަސްކަރިއްޔާއެއް އުފެއްދުމަށް، އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް-އުން ވައުދުވެވަޑައިގެންފި އެވެ.

އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ އުދުވާނީ ހަމަލާތަކާ ކުރިމަތިލުމަށްޓަކައި، ބަލިކޮށްނުލެވޭ ވަރުގެ އަސްކަރިއްޔާއެއް އުފެއްދުމަށް، އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް-އުން ވައުދުވެވަޑައިގެންފި އެވެ.

ވެރިރަށް ޕިޔޮންގްޔަންގްގައި ހުޅުވި އަސްކަރީ މައުރަޒެއް ހުޅުއްވައިދެއްވަމުން ދެއްކެވި ވާހަކައިގައި ކިމް ވިދާޅުވި ގޮތުގައި އުތުރު ކޮރެއާ އިން ހަތިޔާރު ތަރައްގީކުރަނީ، އެ ގައުމުގެ އަމިއްލަ ދިފާއުގައި ބޭނުންކުރުމަށެވެ. އެއީ ބަޔަކާ ހަނގުރާމަކުރަން އުފައްދާ ހަތިޔާރުތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުތުރު ކޮރެއާ އިން ދާދި ފަހުން ވަނީ އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލެއްގެ އަޖުމަބަލައިފަ އެވެ. އެއީ ރެއިލެއްގައި ގާއިމުކޮށްފައިވާ މިސައިލް ހަރަކުން އުދުއްސައިލި މިސައިލެކެވެ. އަދި މަތިންދާބޯޓަށް ހަމަލާދިނުމަށް ބޭނުންކުރާ ބާވަތުގެ އާ މިސައިލެއްވެސް އަޖުމަބަލާފައިވެ އެވެ.

ދެކުނު ކޮރެއާ އިން ވެސް ދާދި ފަހުން ވަނީ ބެލެސްޓިކް މިސައިލެއްގެ އަޖުމަބަލައިފަ އެވެ. އެއީ ކަނޑުއަޑިން ސަބްމެރިންއަކުން އުދުއްސައިލި މިސައިލެކެވެ.

ގިނަ އަދަދެއްގެ އެކި ބާވަތުގެ ބޮޑެތި މިސައިލްތަކާއި ޓޭންކުތައް ވެސް ދައްކާލަން ބަހައްޓާފައި ހުރި މައުރަޒުގައި ވާހަކަ ދައްކަވަމުން ކިމް ވިދާޅުވީ، ދެކުނު ކޮރެއާ އިން ކިތަންމެ ވަރަކަށް ހަތިޔާރު އުފައްދައި ތަރައްގީކުރިޔަސް، އަވައްޓެރި އެއްވެސް ގައުމަކާ ދެކޮޅަށް ހަނގުރާމަކުރުމުގެ ވިސްނުމެއް އުތުރު ކޮރެއާގައި ނެތް ކަމަށެވެ.

"ހަނގުރާމައެއް ފެށުމާ ބެހޭ ގޮތުން އަހަރެމެންގެ ތެރޭގައި އެއްވެސް ބަޔަކު މަޝްވަރާއެއް ނުކުރޭ. އެކަމަކު އަހަރެމެންގެ ގައުމީ ސިޔާދަތު ރައްކާތެރިކުރުމުގެ ގޮތުން، ހަނގުރާމައެއް ފެށިދާނެ އެންމެހައި ކަންކަމުން ދުރުހެލިވާނެ ގޮތްތަކާއި އަމިއްލަ ނަފްސު ދިފާއުކުރާނެ ގޮތްތަކާ ބެހޭ ގޮތުން އަހަރެމެން މަޝްވަރާ ކުރަން،" ކިމް ވިދާޅުވި އެވެ.

ސެޕްޓެމްބަރު 15، 2021 ގައި އުތުރު ކޮރެއާ އިން އަޖުމަ ބެލި ބެލެސްޓިކް މިސައިލް، ރޭލެއްގައި ގާއިމުކޮށްފައިވާ ހަރަކުން އުދުއްސައިލަނީ. --އޭއެފްޕީ

ސެޕްޓެމްބަރު 15، 2021 ގައި އުތުރު ކޮރެއާ އިން އަޖުމަ ބެލި ބެލެސްޓިކް މިސައިލް، ރޭލެއްގައި ގާއިމުކޮށްފައިވާ ހަރަކުން އުދުއްސައިލަނީ. --އޭއެފްޕީ

ކިމްގެ ވާހަކައިގައި މިއަދު ވެސް އެންމެ ބޮޑަށް ފާޑުވިދާޅުވީ އެމެރިކާ އަށެވެ. އެމެރިކާ އިން މަސައްކަތް ކުރަނީ ދެކޮރެއާގެ ދެމެދުގައި މަސްރަހު ގޯސްކުރަން ކަމަށާއި، އެމެރިކާއަކީ އުތުރު ކޮރެއާގެ ދުޝަމަނެއް ކަމުގައި ބަލަން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވަނީ، އެމެރިކާ އަބަދުވެސް އުތުރު ކޮރެއާއާ އެކުގައި ވާހަކަ ދައްކަން ބޭނުންވާ ކަމަށެވެ. ނަމަވެސް އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށްޓަކައި، އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރުގެ މަޝްރޫއު ހުއްޓާލަންޖެހޭ ކަމަށް ބައިޑެން ވިދާޅުވެ އެވެ.

އުތުރު ކޮރެއާ އިން ވަނީ އެމެރިކާގެ އެ ޝަރުތު ގަބޫލުނުކުރާނެ ކަމަށް ބުނެފަ އެވެ.

އުތުރު ކޮރެއާ އިން ބެލެސްޓިކް މިސައިލާއި ނިއުކްލިއާ ހަތިޔާރު އުފެއްދުން އދ. މަޖިލީހުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އުތުރު ކޮރެއާ އިން އދ.ގެ ނިންމުމަށް ބެލުމެއް ނެތި އެތައް ހަތިޔާރެއް އުފައްދައި އަޖުމަބެލުމުގެ ސަބަބުން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ވަނީ، އުތުރު ކޮރެއާ އަށް ދަތިކުރުމުގެ ގޮތުން އެތައް ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އދ.ގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ އިން ދާދި ފަހުން ބުނެފައިވާ ގޮތުގައި އުތުރު ކޮރެއާގެ ނިއުކްލިއާ ރިއެކްޓަރުތައް އަލުން ހިންގަން ފަށާފައިވާ ކަމަށް މިހާރު ބެލެވެ އެވެ. އެ ރިއެކްޓަރުތަކަކީ ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުންކުރާ ޔޫރޭނިއަމް ފައްކާކުރުމުގެ ގާބިލްކަން ލިބިގެންވާ ރިއެކްޓަރެކެވެ.