Roadha Mihaaru
ކިމް ޖޮން-އުން ބޭރުގެ ވެރިއަކާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފި

ނޯތު ކޮރެއާގެ ލީޑަރު ބޭރު ގައުމެއްގެ ވެރިއަކާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފި

28 މާޗް 2018

ބެއިޖިން (މާޗް 28) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ޗައިނާ އަށް ވަޑައިގެން އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (މާޗް 28) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ޗައިނާ އަށް ވަޑައިގެން އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވައިފި އެވެ.

މިއީ 2011 ވަނަ އަހަރު ނޯތު ކޮރެއާގެ ވެރިކަމަށް ވަޑައިގެންނެވި ކިމް ބޭރު ގައުމެއްގެ ވެރިއަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. ޝީ ޖިންޕިންއާ ކިމް ބައްދަލު ކުރައްވާފައި މި ވަނީ އޭނާ ޗައިނާ އަށް ވަޑައިގެންފައިވާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.

ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ބުނީ ޗައިނާގެ ރައީސްއާ އެކު ކިމް ވަނީ ކާމިޔާބު މަޝްވަރާތަކެއް ބާއްވާފައި ކަމަށެވެ. އަދި ނޯތު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމް ހުއްޓާލަން ކިމް ތައްޔާރަށް ހުންނެވި ކަމަށް ވެސް ނިއުސް އެޖެންސީން ބުނެފައިވެ އެވެ. އެކަމަކު ޝަރުތުތަކަކާ އެކު އެވެ.

"ކޮރެއާ ޕެނިންސުލާގައި ނިއުކްލިއާ މައްސަލަ ހައްލު ކުރެވިދާނެ. އެއީ ސައުތު ކޮރެއާ އާއި އެމެރިކާ އިން ރަނގަޅު ނިޔަތަކާ އެކު މަސައްކަތް ކޮށްގެން،" ކިމްއާ ހަވާލާދީ ޒިންހުއާ އިން ބުނެފައިވެ އެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮންް އުން ޗައިނާ އަށް ވަޑައިގެން އެ ގައުމުގެ ރައީސް ޝީ ޗިންޕިންއާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮންް އުން ޗައިނާ އަށް ވަޑައިގެން އެ ގައުމުގެ ރައީސް ޝީ ޗިންޕިންއާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ޗައިނާ އަކީ ނޯތު ކޮރެއާގެ އިގްތިސާދީ ބައިވެރިއެކެވެ. ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން އާއި އެޕްރީލް މަހު އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެކު މެއި މަހު ކިމް ޖޮން-އުން ބާއްވަވާ ބައްދަލުވުމުގެ ކުރިން ޗައިނާގެ ރައީސްއާ ކިމް ބައްދަލު ކުރައްވާނެ ކަމަށް ކުރިން ވެސް ލަފާކޮށްފައިވެ އެވެ. ބެއިޖިން އަށް ކިމް ވަޑައިގަތުމަކީ ޓްރަމްޕާއި މޫން ޖައި-އިންގެ ބައްދަލުވުމަށް ނޯތު ކޮރެއާ އިން ތައްޔާރުކަން އަންގައިދޭ ކަމެކެވެ.

ކިމްގެ ދަތުރު ނޯތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީ ކޭސީއެންއޭ އިން ސިފަކޮށްފައި ވަނީ ޗައިނާއާ އެކު އޮންނަ ގުޅުމުގެ ރަނގަޅު ރަމްޒެއްގެ ގޮތުގަ އެވެ. އަދި ނޯތު ކޮރެއާ އަށް ވަޑައިގަތުމުގެ ދައުވަތު ޗައިނާގެ ރައީސް ގަބޫލް ކުރައްވާފައިވާ ކަމަށް ވެސް ނޫސް އެޖެންސީން ބުނެފައިވެ އެވެ.

ކިމް ޗައިނާ އަށް ވަޑައިގެންނެވީ އަނބިކަނބަލުން ރި ސޮލް ޖޫއާ އެކު އެވެ. އޭނާ އަށް ބެއިޖިން އަށް ފުރާވަޑައިގެންނެވީ އާދިއްތަ ދުވަހު އެވެ. އަދި އެނބުރި ވަޑައިގެންނެވީ އިއްޔެ ހަވީރު އެވެ.

ކިމްގެ ދަތުރުރާ ބެހޭ މައުލޫމާތު ޗައިނާ އިން މިހާރު ވަނީ އެމެރިކާއާ ހިއްސާކޮށްފަ އެވެ. ރައީސް ޓްރަމްޕް މިދިޔަ މަހު ވަނީ ކިމްއާ ބައްދަލު ކުރުމަށް ދިން ދައުވަތު ގަބޫލް ކުރައްވައިފަ އެވެ. އެ ބައްދަލުވުން ބާއްވައިފި ނަމަ އެއީ އެމެރިކާގެ ރައީސްއަކު ނޯތު ކޮރެއާގެ ލީޑަރަކާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.