Roadha Mihaaru
ރިޒާވްގައި މިވަގުތު 499 މިލިއަން ޑޮލަރު

ރިޒާވްގައި މި ވަގުތު ހުރީ 499 މިލިއަން ޑޮލަރު

30 ނޮވެމްބަރ 2022

ދައުލަތުގެ ޖުމްލަ ރިޒާވްގައި މި ވަގުތު ހުރީ 499 މިލިއަން ޑޮލަރު ކަމަށާއި ރިޒާވް އެހާ ބޮޑަށް ދަށަށް ދަނީ، ތެލަށް ކުރަން ޖެހޭ ހަރަދު ބޮޑުވާތީ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުގެ ޖުމްލަ ރިޒާވްގައި މި ވަގުތު ހުރީ 499 މިލިއަން ޑޮލަރު ކަމަށާއި ރިޒާވް އެހާ ބޮޑަށް ދަށަށް ދަނީ، ތެލަށް ކުރަން ޖެހޭ ހަރަދު ބޮޑުވާތީ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭއިން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާ އަށް އުފުލެމުން އަންނަ ދަނޑިވަޅެއްގައި ތެލަށް ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުވާތީ، އެކަމަށް ރިޒާވުން ކުރަން ޖެހޭ ހޭދަ ވެސް ބޮޑުވަމުންދާ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގެ ރިޒާވްގައި ހުރީ 540 މިލިއަން ޑޮލަރެވެ. އެހެންވެ، އެ މަހަށް ވުރެ ވެސް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ މިވަނީ މަދުވެފަ އެވެ. އެހެންވެ، މިއީ ވޭތުވެދިޔަ 21 މަހު ވެސް ރާއްޖޭގެ ރިޒާވް ދަށަށް ނުދާ ވަރެކެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރު ރިޒާވް ހުންނާނީ 606.3 މިލިއަން ޑޮލަރުގަ އެވެ. މިއީ މި އަހަރުގެ ރިޒާވް ހުންނާނެ ކަމަށް ލަފާކުރާ އަދަދަށްވުރެ 32 މިލިއަން ޑޮލަރު ދަށް އަދަދެކެވެ. މި އަހަރު ނިމޭ އިރު ރިޒާވްގައި 638 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ބަޖެޓު ފޮތުގައި ލަފާކޮށްފައިވެ އެވެ. ރާއްޖޭގެ ރިޒާވް މިދިޔަ އަހަރު ނިމުނު އިރު ހުރީ 805 މިލިއަން ޑޮލަރުގަ އެވެ. އަދި 2020 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ރިޒާވް ހުރީ 985 މިލިއަން ޑޮލަރުގަ އެވެ.

އެމްއެމްއޭއިން ބުނީ މި އަހަރުގެ މެދުން ފެށިގެން ރާއްޖޭގެ ރިޒާވް އަންނަނީ ދަށްވަމުން ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ވަރަކަށް ކުރިއަށް އޮތްތަނުގައި ވެސް ރިޒާވަށް އޭގެ އަސަރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެ އިދާރާއިން ބުންޏެވެ.

މި އަހަރު ރާއްޖޭގެ ރިޒާވް މައްޗަށް ގޮސްފައި ހުރީ މާޗް މަހު އެވެ. އެ މަހު ރާއްޖޭގައި ރިޒާވްގައި 865 މިލިއަން ޑޮލަރު ހުއްޓެވެ. އެ މަހާ އަޅާ ކިޔާ ނަމަ ރާއްޖޭގެ ރިޒާވް ވަނީ 366 މިލިއަން ޑޮލަރު ދަށަށް ގޮސްފަ އެވެ. އެއީ ގާތްގަނޑަކަށް 45 ޕަސެންޓުގެ ވެއްޓުމެކެވެ.

ދައުލަތުގެ ޖުމްލަ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވްގައި ހުރި މިންވަރު ވެސް އެއް މަހުން އަނެއް މަހަށް ދަނީ ދަށްވަމުންނެވެ. އެ ރިޒާވްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރީ 184 މިލިއަން ޑޮލަރެވެ.

ޔޫޒަބަލް ރިޒާވްގެ ތަފްސީލް ކުރިން ހާމަކުރި ނަމަވެސް މިހާރު އެމްއެމްއޭ އިން އެކަމުގެ ތަފްސީލުތައް ހާމައެއް ނުކުރެ އެވެ. ޔޫޒަބްލް ރިޒާވަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީތައް އުނިކުރުމުން ބާކީ އޮންނަ އަދަދެވެ. ޔޫޒަބްލް ރިޒާވުން ދައްކައިދެނީ ބޭރު ފައިސާގެ އެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރުމަށް ހުރި ފައިސާގެ އަދަދެވެ.

އެކަމަކު، މި ވެރިކަމުގެ ފަސް އަަހަރުގެ ތެރޭގައި ދައުލަތުގެ ރިޒާވް އެއް ބިލިއަން ޑޮލަަރަށް އިތުރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސިީ ވައުދެކެވެ.

ރިޒާވް އިތުރު ކުރުމަށްޓަކައި އެންމެ ފަސޭހަ ގޮތަކީ ލިބޭ އާމްދަނީން މިންވަރެއް ރައްކާކުރުމެވެ. ގައުމަށް ވަންނަ ބޭރު ފައިސާ އަށް ވުރެ ގައުމުން ބޭރުވާ ބޭރު ފައިސާ ގިނަވާ ނަމަ ދުވަހެއް ދުވަހަކަށް ރިޒާވް ދާނީ ދަށްވަމުންނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރުމަށްޓަކައި ރިޒާވް ބޮޑު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.