30 ނޮވެމްބަރ 2022
އެޑިޓަރުގެ ނޯޓް: މިއީ، 2012 ގައި ދިވެހިރާއްޖޭގެ އަޑަށް 50 އަހަރު ފުރުމާ ގުޅިގެން، އިބްރާހިމް މަނިކު "ހަވީރު"ގެ އިސްމާއިލް ނަސީރަށް ދެއްވި އިންޓަވިއުއެކެވެ. މި އާޓިކަލް އެ ނޫހުގައި ޝާއިއުކޮށްފައި ވަނީ، ޖުލައި 21، 2012ގަ އެވެ. މި އާޓިކަލް މި ނޫހުގައި މި ޝާއިއުކުރަނީ، އޭރު ނޫހުގައި ޖެހިގޮތަށް ބަދަލެއް ނުގެނެސް އެވެ.
އެޑިޓަރުގެ ނޯޓް: މިއީ، 2012 ގައި ދިވެހިރާއްޖޭގެ އަޑަށް 50 އަހަރު ފުރުމާ ގުޅިގެން، އިބްރާހިމް މަނިކު "ހަވީރު"ގެ އިސްމާއިލް ނަސީރަށް ދެއްވި އިންޓަވިއުއެކެވެ. މި އާޓިކަލް އެ ނޫހުގައި ޝާއިއުކޮށްފައި ވަނީ، ޖުލައި 21، 2012ގަ އެވެ. މި އާޓިކަލް މި ނޫހުގައި މި ޝާއިއުކުރަނީ، އޭރު ނޫހުގައި ޖެހިގޮތަށް ބަދަލެއް ނުގެނެސް އެވެ.
ދިވެހިރާއްޖޭގެ އަޑަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި އިބްރާހިމް މަނިކު އަވަހާރަވީ މިއަދު ހެނދުނު ބެންގަލޫރުގަ އެވެ.
----------------------
ކިތަންމެ މޫޑު ގޯސްވެފައި ހުންނަ ވަގުތެއްގައި ވިޔަސް، ދިވެހިރާއްޖޭގެ އަޑުގެ ވާހަކަ ދައްކަންޏާ ސަމަރުބުލޫ އިބްރާހިމް މަނިކު (ސަމަރޭ)ގެ މޫޑު މުޅިން ބަދަލުވެގެން ދެ އެވެ. އާ ޖޯޝެއް އާދެ އެވެ. އޭނާގެ މޫނު ކުއްލިއަކަށް އުޖާލާވެ އެވެ. އެ ވާހަކައިގެ ތެރެއަށް ފަސޭހަކަމާ އެކު ވަދެވަޑައިގަންނަވަ އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ؛ އެ ދެކެވެނީ ހަގީގަތުގައި އިބްރާހިމް މަނިކުގެ "ދަރިއެއް"ގެ ވާހަކަ އެވެ. އޭނާ ނުލާހިކު ފަރުވާތެރިކަމާ އެކު ބަލައިބޮޑު ކުރެއްވި ތަނެއްގެ ވާހަކަ އެވެ. އެ ދެކެވެނީ އޭނާގެ ލެއާ ގުޅިފައިވާ، އޭނާގެ ހަޔާތުގެ ބޮޑު ބައެއްގެ ވާހަކަ އެވެ.
ދިވެހިރާއްޖޭގެ އަޑާ ސަމަރޭ ގުޅިވަޑައިގަތީ އިބްރާހިމް ނާސިރުގެ ވެރިކަމުގެ ފަހުކޮޅު، 1975ގަ އެވެ. ސަމަރޭ ވިދާޅުވާ ގޮތުން އިލްޔާސް އިބްރާހިމް އޭނާ އަޑަށް ވެއްދެވީ އިނގިރޭސި ސެކްރެޓަރީއެއްގެ މަގާމަށެވެ. އެކަމުގެ ތެރޭގައި އުޅުއްވަމުން ގެންދަވަނިކޮށް ސްޓޫޑިއޯތަކަށް ވަޑައިގެން އެކަން ބެއްލެވުމުގެ ތެރޭގައި ޕްރޮގްރާމްތައް ހުށަހެޅުއްވުމުގެ ހިޔާލު އުފެދުނީ އެވެ.
"އެންމެ ފުރަތަމަ އަޅުގަނޑު ހުށަހެޅީ ސްރީ ލަންކާގެ ޖައްވުން ކިޔާ ޕްރޮގްރާމެއް ސިންގަޅަ ލަވަތަކެއް އެއްކޮށްގެން. ބަދުރުމެން [އަޑުގައި ސަމަރޭއާ އެކު ވަރަށް ގިނަ ދުވަހު އުޅުއްވި މިހާރުގެ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް] މިހާރު ވެސް ޖޯކުޖަހާނެ އެ ޕްރޮގްރާމަށް. އެ ހިސާބުން މަސައްކަތް ފަށައިގެން އަޅުގަނޑަށް ވަރަށް ކުރާހިތްވާ ކަމަކަށް ވެއްޖެ،" އޭނާ ވިދާޅުވި އެވެ.
ސަމަރޭގެ އަޑު، އެހުންތެރިންގެ ތެރޭގައި މަޑުމަޑުން ވަކި ހިއްޕަމުން ގެންދިޔަ އެވެ. އޭނާ އަށް ބޮޑު ފުރުސަތެއް ދެން ލިބިވަޑައިގަތީ ޑްރާމާތަކުންނެވެ. އެއީ ޝެއިހު މުހަންމަދު ޖަމީލު ދީދީއާ އެކު ދީނީ ޕްރޮގްރާމްތަކެއް ހެއްދެވުމުގެ ތެރޭގަ އެވެ.
ސަމަރޭ "ހަވީރު" އަށް އިންޓަވިއުއެއް ދެއްވަނީ -- ފޮޓޯ: ހަވީރު
"އެހެން އުޅެމުން ދަނިކޮށް އީދަކާ ދިމާކޮށް ޑްރާމާއެއް ލިޔުއްވަން ޖަމީލް އަރިހުން އެދެފިން. އޭނާ ދެން ލިޔުއްވީ މަޝްހޫރު ގިތެޔޮގުޅި. އޭގައި ބަދުރާއި ޒުހޭރާ އާއި އަޅުގަނޑު ވެސް އުޅޭނެ. އެއީ ޑްރާމާތަކުގައި ބައިވެރިވާން ފެށުނު ގޮތަކީ. އެހެން އުޅެމުން ދަނިކޮށް އެކަން މަޖާ ކަމަކަށްވީ،" ސަމަރޭ ވިދާޅުވި އެވެ. "އޭރު ޑްރާމާތަކުގައި އަޑު ބޭނުންކުރަމުން އައިސް އަޅުގަނޑުގެ އަޑު ވަރަށް ހިނގާ އަޑަކަށް ވެސް ވީ."
އެ ހިސާބުން ސަމަރޭ ޖެހުނީ ތިން އަހަރަށް ދިވެހިރާއްޖޭގެ އަޑާ ވަކިވެވަޑައިގެން އިނގިރޭސިވިލާތަށް ކިޔަވާ ވިދާޅުވާން ވަޑައިގަންނަވާށެވެ. އެނބުރި ވަޑައިގެންނެވިއިރު ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރު ނިމި، މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ވަނީ ފެށިފަ އެވެ. އެހެން ނަމަވެސް، ކަންތައްތައް ވީ ދެރަ ގޮތަކަށެވެ. ސަމަރޭ އަށް އަޑުން ފުރުސަތު ލިބިވަޑައެއްނުގަތެވެ. އޭނާ އަށް ޖެހިވަޑައިގަތީ އީޑީސީގައި ވަޒީފާ އަދާކުރައްވާށެވެ.
"އެހެންވެ ރައީސަށް އަޅުގަނޑު ދެންނެވީ އަޅުގަނޑު ޕިޔޯނަކަށް ވިޔަސް ދިވެހިރާއްޖޭގެ އަޑަށް ވައްދައިދޭށޭ. އޭރު އީޑީސީން ވެސް ޕްރޮގްރާމް މި ހަދަނީ އަޑުގައި. އެހެންވެ، ތިން މަހަށް ފަހު އެނބުރި އަޑަށް ދިޔައީ،" ސަމަރޭ ވިދާޅުވި އެވެ.
ކިޔަވާ ވިދާޅުވާން އިނގިރޭސިވިލާތުގައި ހުންނެވިއިރު، ސަމަރޭއާ އެއް ކޯހެއްގައި އުޅުނު ސީޝެލްސްގެ ދެ އަންހެނަކާ އެއް ދުވަހެއްގައި ދެކެވުނު ވާހަކައެއް ވެގެން ދިޔައީ ސަމަރޭގެ މުޅި ހަޔާތް ބަދަލުކޮށްލި ދުވަހަކަށެވެ.
"އެހެން ވާހަކަ ދެކެވުމުގެ ތެރޭގައި އަޅުގަނޑު ބުނެފިން ތިތާނގައި [ސީޝެލްސްގައި] އުޅޭނޭ ދިވެއްސެއް. އަފީފޭ ކިޔާނީ. ދެން އޭނާ ބުނެފި ތިއީ ތިމަންނަމެންގެ ރޭޑިއޯ ޕްރެޒެންޓަރެކޭ. އޭނާ ވަރަށް ހާއްސަ ޕްރޮގްރާމެއް ހުށަހަޅާނޭ. އެ ދުވަސްވަރަކީ ބީބީސީގެ ގުޑް މޯނިން މަޝްހޫރުވެގެން ދިޔަ ދުވަސްވަރު. އަފީފު ވެސް އެ ޕްރޮގްރާމް ހުށަހަޅުއްވަނީ އެ ގައުމުގައި،" ސަމަރޭ ވިދާޅުވި އެވެ.
ސަމަރޭ ހަފުލާއެއްގައި: އޭނާގެ ހިދުމަތްތައް ގިނަ -- ފޮޓޯ: ހަވީރު
މަޝްހޫރު، ފޫހިވުމެއް ނެތް، އަދި މުޅި ގައުމު އެ ޕްރޮގްރާމަކަށް އިންތިޒާރު ކުރި "ބާއްޖަވެރި ހެނދުނެއް" ފެށުމުގެ ހިޔާލަކީ އެއީ އެވެ. ސަމަރޭ ރާއްޖެ ވަޑައިގެން އެ ޕްރޮގްރާމް ހުށަހަޅުއްވަން ފެއްޓެވި އެވެ. ބަދުރާ އެކީ ޖޯކު ވިދާޅުވެ، އެކި މީސްމީހުންނާ ބައްދަލުކުރައްވަމުން، ވާހަކަ ދައްކަވަމުން ގެންދެވި ގޮތުން އެއީ ދިވެހިރާއްޖޭގެ އަޑަށް އައި އިންގިލާބެކެވެ. އެއް ދުވަހުން އަނެއް ދުވަހަށް އެ ޕްރޮގްރާމްގެ އެހުންތެރިން ގިނަވަމުން ގޮސް، މުޅި ރާއްޖޭގެ ހަތަރު ބިތުގައި "ބާއްޖަވެރި ހެނދުނެއް" ވަކިހިއްޕި އެވެ. ހެނދުނުގެ ފެށުމަކަށް އެ ޕްރޮގްރާމް ހިޔާރުކުރަން އެތައް ބަޔަކަށް މަޖުބޫރުވެގެން ދިޔަ އެވެ.
"އޭރު މީހުންނާ ވާހަކަ ދައްކާ އެހެން ޕްރޮގްރާމެއް ނޯވޭ. އެހެންވެ ވަރަށް ވައިގައި ހިފި ބާއްޖަވެރި ހެނދުނެއް،" ސަމަރޭ ވިދާޅުވި އެވެ.
އޭގެ އިތުރުން ވެސް ސަމަރޭ ވަރަށް ގިނަ ޕްރޮގްރާމްތައް އުފެއްދެވި އެވެ. ސިއްހަތު، ފުޓުބޯޅަ އަދި މުނިފޫހިފިލުވުމުގެ އެހެނިހެން ޕްރޮގްރާމްތައް އުފެއްދެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަތެވެ. އެހެން ނަމަވެސް، ނުވަދިހައިގެ ފަހުކޮޅު މަޝްހޫރުވެގެން ދިޔަ "ނެގިގާގަނޑު" އެއީ ސަމަރޭ އަށް މުޅިން ހާއްސަ ޕްރޮގްރާމަކަށް ވި އެވެ. ސަމަރޭ އެހެން ނަމަކާ އެކު ދުނިޔެ އަށް އުފަންވެ ވަޑައިގަތެވެ.
"ނެގިގާގަނޑު އެއީ ވަރަށް މަޝްހޫރު އެއްޗެއް. ބައެއް މީހުން އަޅުގަނޑަށް އެބަ ގުޅާލާ ޒާހިދު (އެ ޑްރާމާގައި ސަމަރޭގެ ނަން) އޭ ކިޔާލައިފައި. އާންމުންގެ ތެރޭގައި އެހާ ވެސް މަޝްހޫރުވި ޑްރާމާއެއް އެއީ. ހާއްސަކޮށް ޒާހިދުގެ ނަން،" ސަމަރޭ ވިދާޅުވި އެވެ.
ސިޔާސީ އިސްލާހުތައް، 2005 ގައި ރާއްޖެ އަށް އަންނަން ފެށުމާއި، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓް ޒުވާންވެގެން ދިޔައިރު އޭގެ ގެއްލުން އެންމެ ބޮޑަށް ކުރި އެއް ބޭފުޅަކީ ސަމަރޭ އެވެ. އެ ބުރުގައި އޭނާ އިންފޮމޭޝަން މިނިސްޓަރުކަމުން ވަކިކުރައްވައި ޔޫތު މިނިސްޓަރު ކަމަށް ބަދަލުކުރައްވަން ނިންމެވި ނިންމެވުން އޭނާގެ ހިތުން ދުވަހަކު ވެސް ނުފޮހެވޭނެ ކަމަށް ސަމަރޭ ވިދާޅުވި އެވެ.
"އެތަނުން [އަޑުން] ވަކިވުމަކީ އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް ނާދޭ އެވަރުގެ ދެރަވި ދުވަހެއް. ހަފުތާއެއް ވީއިރު ވެސް ނުވެސް ނިދޭ. ރަނގަޅަށް ނުވެސް ކެވޭ. ހަގީގަތުގައި ވެސް ވަރަށް ދެން އެހެން ކަހަލަ ނިކަމެތި ކަމެއް އިހުސާސް ކުރެވުނު. އެއީ ކޮންމެހެން އިންފޮމޭޝަން މިނިސްޓަރުކަމުން ވަކިވާތީއެއް ނޫން. އެއާ އެކު ދިވެހިރާއްޖޭގެ އަޑުން ވެސް ވަކިވާން ޖެހޭތީ [މައްސަލައަކަށްވީ]،" ސަމަރޭ ވިދާޅުވި އެވެ. "އެހެންވެ އަޅުގަނޑު މައުމޫނަށް ސިޓީއެއް ވެސް ފޮނުވިން އަޅުގަނޑަށް ހެވޭ މިނިސްޓަރުކަން ނެގިޔަސް، އެކަމަކު ދިވެހިރާއްޖޭގެ އަޑުގައި ބަހައްޓައިދޭށޭ. ހެވޭ ޕިޔޯނަކަށް ވިޔަސް. އެހެން ނަމަވެސް އެކަން އެގޮތަކަށް ނުވި."
ސަމަރޭ، އޭރުގެ ހެލްތު މިނިސްޓަރު އަހުމަދު އަބްދުﷲ އަދި ވިމެންސް މިނިސްޓަރު ރާޝިދާ ޔޫސުފާ އެކު -- ފޮޓޯ: ހަވީރު
ސަމަރޭ އަށް ފުން އަސަރުތަކެއް ނުކުރާންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ؛ އޭނާގެ މުޅި ދިރިއުޅުމަކީ ދިވެހިރާއްޖޭގެ އަޑެވެ. ކޮންމެ މަގާމަކަށް އޭނާ ވަޑައިގަތަސް، އޭނާގެ ރަސްމީ އޮފީސް، ނުވަތަ މުހިންމު ނިންމުންތައް ނިންމޭ އޮފީސް ހުންނަނީ ވެސް އަޑުގެ އިމާރާތުގަ އެވެ. އަނެއްކޮޅުން، މުޅި މި ސަރަހައްދުގައި ވެސް ގޮންޖަހާލެވޭ ވަރުގެ ތަރައްގީ ސްޓޫޑިއޯތަކެއް ހައްދަވައި، އަޑު އަޑަކަށް ހެއްދެވީ ސަމަރޭގެ ވަރަށް ބުރަ މަސައްކަތަކުންނެވެ.
"އަޑުގައި މަސައްކަތް ފަށައިގެން އައިއިރު އަޅުގަނޑުގެ އެހެން އެއްވެސް ވިސްނުމެއް ނުވިސްނަން އަޑާ މެދު ނޫނިއްޔަކާ. ތެދަށް ދަންނަވަންޏާ އާއިލާއާ ދޭތެރެއަކު ވެސް ނުވިސްނަން. އަބަދު 24 ގަޑިއިރު ވެސް ވިސްނީ ދިވެހިރާއްޖޭގެ އަޑާ ދޭތެރޭގައި. އަޑުގެ ޕްރޮގްރާމްތައް ބަދަލުކުރަނީ ކިހިނެއްތޯ އާއި ކުރިއެރުވޭނީ ކިހިނެއްތޯ ވިސްނަމުން ދިޔައީ. އަޅުގަނޑު އެއްއިރެއްގައި ހެދިން 11 ޕްރޮގްރާމް އެކި ރަށްރަށަށް ގޮސް ރެކޯޑުކޮށްގެން ރައިވަރު ޕްރޮގްރާމެއް ވެސް،" އޭނާ ވިދާޅުވި އެވެ. "އެ ދުވަސްވަރަކީ ސްޓޫޑިއޯއެއް ހުންނަ ދުވަސްވަރެއް ނޫން. ގޯނި ދަމާފައި ހުންނާނީ. އެންމެ އެއާކޯނަކުން ހޮޅިއެއް ނެރެގެން ސްޓޫޑިއޯ ވެސް ހަދާފައި ހުންނާނީ. އެހެން އުޅެނިކޮށް އެތައް އަހަރަކަށް ފަހު، އަޅުގަނޑު ކައިރީގައި މައުމޫން ބުނެފި ތިގޮތަށް ކިހިނެއްހޭ ދިރިއުޅޭނީ، ރަނގަޅު ސްޓޫޑިއޯއެއް ހަދަންވީ ނޫންހޭ. ދެން ތަނެއް ހޯދަމުން ދަނިކޮށް، އަޅުގަނޑަށް ފެނުނީ ހަކުރާފެއާ. އެތަން ހޯދައިގެން އަޅުގަނޑުމެން ދެތިން މީހަކު ވެގެން އެތަން ރާނައި ގޯނި ޖަހައި ސައުންޑް ޕްރޫފްކޮށް އެއާކޯން ވެސް އަމިއްލަ އަށް ބެހެއްޓީ. އެހެންވީމަ ހަގީގަތުގައި ދިވެހިރާއްޖޭގެ އަޑުގައި ނުހުންނާނެ އަޅުގަނޑު ނުކުރާ ހަމަ އެއްވެސް ކަމެއް. ހުރިހާ މަސައްކަތެއް އަޅުގަނޑު ހުންނާނީ ކޮށްފައި. އެއްޗެއް ގެނަޔަސް އޭތި އަޅުގަނޑު ދަސްކުރާނަން. އެހެންވެ އެކަމަކަށް އެހެން މީހަކަށް މަކަރެއް ނުހެދޭނެ. އަޅުގަނޑު ނުދަންނަ މަސައްކަތެއް ނުހުންނާނެ."
ސަމަރޭ: އޭނާ އަކީ ބްރޯޑްކާސްޓިންގެ ވަރުގަދަ ޝަޚުސިއްޔަތެއް -- ފޮޓޯ: ހަވީރު
ސަމަރޭ ވިދާޅުވީ އަޑު ދޫކޮށްލައްވަން ބޭނުން ނުވި ސަބަބުތައް ބައިވަރު ކަމަށެވެ. އެފަދަ ލޯތްބެއް ޖެހެން ޖެހޭ ސަބަބުތަކެއް ވެސް އޭނާ ދެއްކެވި އެވެ.
"އަޅުގަނޑު އަޅުގަނޑަށް ހެދީ ދިވެހިރާއްޖޭގެ އަޑު. މުޅި ރާއްޖެ އަށް އަޅުގަނޑު އެނގުނީ ދިވެހިރާއްޖޭގެ އަޑުގެ ސަބަބުން. މީހުންނަށް އިހުސާސް ވެސް ނުކުރެވޭނެ މީހުން އަޅުގަނޑުމެންނަށް ދޭ ލޯތްބާއި ގަދަރު. ރަށްރަށުގައި އެބަތިބި އަޅުގަނޑުމެންގެ އަތުގައި ހިފާލައިފައި ސަލާން ކޮށްލަން ބޭނުންވާ މީހުން. ބައެއް ރަށްރަށުން އެބަހުރި އަޅުގަނޑުގެ ނަން ޖަހައިގެން ބޯކިބާ އެއްޗެއް އަޅައިފައި ފޮނުވާފައި ވެސް،" ތާރީހީ ހަނދާންތައް އާކުރައްވަމުން އޭނާ ވިދާޅުވި އެވެ. "ސަރުކާރުގެ ކަމެއްގައި ވަޑައިގަންނަވާ މިނިސްޓަރަކަށް ވުރެ ވެސް އަޅުގަނޑުމެންނަށް ލިބޭ ސަޕޯޓް ބޮޑު. މީހުން ހަގީގަތުގައި ދަންނަނީ އަޅުގަނޑުގެ އަޑު. އަޅުގަނޑުގެ އަޑު އިވުނީމަ އެބަ އިނގޭ މިއީކަން ސަމަރޭ އަކީ. މިހާރު ވެސް މީހުންނަށް ގުޅާފައި ނަން ނުބުންޏަސް ބުނާނެ ސަމަރޭ ދޯއޭ. ނުދަންނަ މީހުންނަށް ވެސް ވަރަށް ފަސޭހައިން އަޅުގަނޑު ފަޅާއަރާނެ އަޅުގަނޑުގެ އަޑު އިވޭއިރަށް. އެހާ ވެސް އަޅުގަނޑުމެންގެ އަޑު މަޝްހޫރު."
ހަގީގަތުގައި ވެސް އަޑުގައި އޭރު އުޅުއްވި ޓީމު ހުށިޔާރެވެ. އެ މީހުންގެ މަޝްހޫރުކަން މުޅި ރާއްޖޭގައި ވަނީ ފެތުރިފަ އެވެ. މިހާރު ސިޓިން ރޫމުތަކުގައި ޓީވީ ބަލާހެން މީގެ ކުރިން އަހަމުން ދިޔައީ އަޑުގެ ޕްރޮގްރާމްތަކެވެ. އަޑު މުޅި ރާއްޖެ އަށް ފެތުރުމުގަ އާއި އަޑުގެ ޕްރޮގްރާމްތައް ރަނގަޅު ކުރުމުގައި ސަމަރޭ ވަނީ ގިނަ ގުރުބާނީތަކެއް ވެވަޑައިގެންފަ އެވެ. އޭނާގެ ސިކުނޑީގައި ކޮންމެ ސިކުންތެއް ވެސް އެނބުރެމުން ދިޔައީ އަޑުގެ ތެރޭގަ އެވެ.
"އަޅުގަނޑު އަމިއްލަ ނަފުސަށް ހުވާކޮށްފައި އޮންނާނެ، އަދި ވަރަށް ހާއްސަ ރައްޓެހިން ގާތުގައި ވެސް ބުނެފައި އޮންނާނެ އަޅުގަނޑު މަރުދުވަހަށް ވެސް އުޅޭނީ މިތަނުގައޭ. ކުރަން ބޭނުންވާ ކަމަކީ މީއޭ. ތެދަށް ބުނަންޏާ އަޅުގަނޑު ބޭނުމެއް ނުވޭ އެތަނުގެ ވެރިކަމެއް. މިނިސްޓަރުކަން ވެސް ބޭނުމެއްނުވޭ ހަގީގަތުގައި. އެކަމަކު ހާލަތު ނިޔާކުރި ގޮތުން އެކަން ކުރަން ޖެހުނީ. ހަގީގަތުގައި މިނިސްޓަރުކަން ކުރުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑަށް ގެއްލުމެއް. އެހެންނޫން ނަމަ މިއަދު ވެސް އެތާނގައި އަޅުގަނޑު ހުރީސް. އުމުރުގެ ގޮތުން އަދި އަޅުގަނޑު ފޭލްވާވަރެއް ނުވާނެ،" ސަމަރޭ ވިދާޅުވި އެވެ. "ހަގީގަތުގައި އަޅުގަނޑު އެތަނުން ބޭރުކޮށްލާ މީހާ ވާނީ އަޅުގަނޑުގެ ދުޝްމަނަކަށް ކަމަށް އޭރު ވެސް އަޅުގަނޑު ދުށީ. އަޅުގަނޑު ބޭނުމޭ ޕިޔޯނަކަށް ވިޔަސް އެކަން ކުރަން. އަޅުގަނޑު މަރުވެދާން ބޭނުންވީ އެތަނުގައި ހުރެގެން."
ބްރޯޑްކާސްޓިންގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު މީގެ ދެ މަސް ކުރިން ސަމަރޭ އަށް ދެއްވަނީ -- ފައިލް ފޮޓޯ: މިހާރު
ދިވެހިރާއްޖޭގެ އަޑުގެ ރިހި ޔޫބީލް މީގެ 25 އަހަރު ކުރިން ފާހަގަކުރި އިރު، ސަމަރޭ އަކީ އެތާނގެ އެންމެ އިސް ވެރިޔާ އެވެ. އެ ހަފުލާގައި ސަމަރޭ އާއި ބަދުރާ ދެ ބޭފުޅުން، އަޑުގެ 50 ވަނަ އަހަރު ނުވަތަ ރަން ޔޫބީލާ ބެހޭ ގޮތުން ދެއްކެވި ވާހަކަތައް މިހާރު އާކުރައްވަ އެވެ. މިއަދު މިއޮތީ އެ ދުވަސް އައިސްފަ އެވެ. މި އަހަރު ފާހަގަކުރާ 50 ވަނަ އަހަރާ ބެހޭ ގޮތުން އެ ދުވަހު ދެ ބޭފުޅުން ޖޯކު ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކަކު އަނެކަކަށް ބުނިން އެ ދުވަހުން އަޅުގަނޑުމެން ގެންނާނީ ކޮންމެވެސް އެއްޗަކަށް ލައިގެން އުފުލާލައިގެން ނޫން ބާއޭ ވެސް،" ސަމަރޭގެ ހަނދާންތައް ބޭރުކުރެއްވި އެވެ.
އެ ވިދާޅުވާ ދުވަސް މިއޮތީ ކުރިމަތީގަ އެވެ. އެހެން ނަމަވެސް، ދެ ބޭފުޅުން ވެސް ތިއްބެވީ ހެޔޮ ހާލުގަ އެވެ. އެކަމަކު އެ ދެ ބޭފުޅުން ވެސް މިހާރު އެތަނަކު ނޫޅުއްވަ އެވެ. ސަމަރޭ ހުންނެވީ ވަރަށް ދުރުގަ އެވެ. އޭނާ އިންނެވީ އޭނާގެ ހިތްޕުޅަށް އަރާވަޑައިގަތް ގޮތަށް ފުރޮޅުލީ ގޮނޑިއެއްގައެއް ނޫނެވެ. ހަމަ ހެޔޮ ހާލުގަ އެވެ. ރަނގަޅު ސިއްހަތެއްގަ އެވެ. ބޭނުން ނަމަ، ހިންގަވާފައި، ނުވަތަ ދުވެވަޑައިގެންފައި ވެސް އަޑުގެ އިމާރާތަށް ވަދެވަޑައިގެންނެވޭ ހާލުގަ އެވެ. އެހެން ނަމަވެސް، އެތަނުގެ އެތެރެ އަށް އެންމެ ފިޔަވަޅެއް އެޅުއްވުމުގެ ހިޔާލެއް ވެސް ސަމަރޭގެ ހިތްޕުޅަކު އަދި ނެތެވެ. އަޑާ ދޭތެރޭގައި އޭނާގެ ޝަކުވާތަކެއް އެބަ ހުއްޓެވެ. ނިވިދިއްލޭ ކިތަންމެ ގިނަ ބޮތްކެއް ދިއްލައި، އޭގެ އަލިކަމުން މުޅި ރާއްޖެ އަލިކޮށްލިއަސް، ސަމަރޭގެ ހިތުގައި އަނދިރިގަނޑެއް ވެ އެވެ. އެއީ، އާންމުންނާ ހަމައަށް ގެނެސްދެވޭ ވަރުގެ ވާހަކަތަކެއް ނޫނެވެ. އެ ސަބަބުތައް އޮތީ އޭނާގެ ހިތްޕުޅުގަ އެވެ.
'ހަވީރު' ނޫސް ހިންގޭގޮތް ވުމުން އެމްޖޭއޭގެ މަރުހަބާ
"ހަވީރު" އަކީ ޑރ.ޒާހިރުގެ މިލްކެއް: ސުޕްރީމް ކޯޓު
ފައިސަލް ބޭނުންވަނީ އަޑުގެ ނަން ސަމަރޭއަށް ހާއްސަކުރަން
ވަރުގަދަ އަޑާ ވަކިވުން: ބަދުރުގެ ހަޔާތުން ސަމަރޭ!
ދިވެހި ނޫސްވެރިކަން ބަދަލުކޮށްލި ސިކުނޑި
"ހަވީރު" މައްސަލައިން ބޮޑު ބޭއިންސާފެއް ފެނޭ: ހުކުމް
ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ނާއިލާ އަވަހާރަވެއްޖެ
ހަވީރު މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ، އަމުރެއް
"މިހާރު" ތިން އަހަރު: ފަސް އެނބުރި ބެލުމެއް ނެތް
"ހަވީރު"ގެ ހުކުމް ބާތިލް، އަލުން ބަލަން އަންގައިފި