30 ނޮވެމްބަރ 2022
ބައި ގަރުނުގެ އެކުވެރިކަމެވެ. އެއް އޮފީހެއްގައި، އެއް މޭޒެއްގައި އެތައް އަހަރެކެވެ. އާންމުން ހިތްހަމަޖައްސައިދިނުމާއި، މުނިފޫހިފިލުވައިދިނުމުގައި ދެ ބޭފުޅުން އެކުގައި ހޭދަކުރެއްވި އެތައް ވަގުތެކެވެ. ދެ ބޭފުޅުންގެ ހިތްގައިމު އަޑާ އެކު، އިރު އެރި ކިތަންމެ ފަތިހެކެވެ. މަޖާ ވާހަކަތަކެވެ. ހުނުންގަނޑުތަކެވެ. ސަމާސާތަކެވެ.
ބައި ގަރުނުގެ އެކުވެރިކަމެވެ. އެއް އޮފީހެއްގައި، އެއް މޭޒެއްގައި އެތައް އަހަރެކެވެ. އާންމުން ހިތްހަމަޖައްސައިދިނުމާއި، މުނިފޫހިފިލުވައިދިނުމުގައި ދެ ބޭފުޅުން އެކުގައި ހޭދަކުރެއްވި އެތައް ވަގުތެކެވެ. ދެ ބޭފުޅުންގެ ހިތްގައިމު އަޑާ އެކު، އިރު އެރި ކިތަންމެ ފަތިހެކެވެ. މަޖާ ވާހަކަތަކެވެ. ހުނުންގަނޑުތަކެވެ. ސަމާސާތަކެވެ.
ޒުވާން ދުވަސްވަރުން ފެށިގެން ގޮސް، ދަރިން ލިބި މުޅި ބޯ ނުރަވި އިރު ވެސް ދެ ބޭފުޅުން ތިއްބެވީ ކައިރިކައިރީގަ އެވެ. އެއީ ސަމަރުބްލޫ އިބްރާހިމް މަނިކު (ސަމަރޭ) އާއި ބަދުރުއްނަސީރުގެ އެކުވެރިކަމެވެ.
ބްރޯޑްކާސްޓިންގެ ހިދުމަތުގައި ރަން ހިދުމަތްތަކެއް ކުރެއްވި، އަދި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މަޝްހޫރު އަޑުގެ ވެރިޔާ ސަމަރޭ މިއަދު އަވަހާރަވީ އެވެ. އެންމެބޮޑު ހިތާމައެއް ބަދުރަށެވެ. ސަމަރޭ އަކީ، ބަދުރު ފާހަގަކުރައްވާ ގޮތުގައި ދެގޮތެއް ނުވެ ހުރި ރަހުމަތްތެރިއެކެވެ. އޭނާ އަށް ގެއްލިގެން އެ ދިޔައީ ހަމައެކަނި ގާތްރަހުމަތްތެރިއެއް އެކަންޏެއް ނޫނެވެ. އެއީ އޭނާގެ ވެސް ކުރިއެރުމުގެ އެއްބައެވެ. ބަދުރު ވިދާޅުވާ ގޮތުން ނަމަ، ސަމަރޭ އަކީ ތިމާގެ ބޭފުޅެއް ކަހަލަ ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ އަޑު، އާންމުންގެ ތެރޭގައި ގުގުމަން ފެށީ ދެ ބޭފުޅުންގެ ވަރަށް ބުރަ މަސައްކަތަކުންނެވެ. ދިވެހިރާއްޖޭގެ އަޑު، 1980ގެ ތެރޭގައި ނިދިން ހޭލީ، ސަމަރޭ އާއި ބަދުރުގެ މަސައްކަތުންނެވެ. އެ ދެ ބޭފުޅުންނަކީ، ދިވެހިރާއްޖޭގެ އަޑުގެ ޖޯޑެކެވެ. ދެ ބޭފުޅުން ގުޅިގެން އުފެއްދެވި، އަދި އޭގެ އެތައް ހާސް ޕްރޮގްރާމެއް ދުރަށް ފޮނުވި "ބާއްޖަވެރި ހެނދުނެއް" އަކީ އަދިވެސް ބްރޭންޑެކެވެ.
އެކަމަކު، ބަދުރުގެ މިއަދުގެ ހެނދުނު ބާއްޖަވެރިއެއް ނުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހެނދުނު ހޭލިތަނާ ލިބުނު އެ ހަބަރާ އެކު، މުޅި މީހާ ގަބުވެއްޖެ އެވެ.
"ބަލިވެ އުޅުއްވާ ކަން އަޅުގަނޑަށް އެނގޭ. އެކަމަކު އަދި މަހެއް ވެސް ނުވޭ އެކަން އެނގުނު ފަހުން،" ސަމަރޭގެ ކުއްލި ވަކިވުމާ ބެހޭ ގޮތުން ބަދުރު ވާހަކަ ދެއްކެވި އެވެ.
ސަމަރޭ: މިނިސްޓަރު ކަމުގައި ހުންނަވައިގެން ވެސް ޕްރޮގްރާމްތައް ހުށަހެޅުއްވި، އަދި ޕްރޮގްރާމް އުފެއްދެވި -- ފޮޓޯ: ބަދުރު
ބަދުރާއި ސަމަރޭ، 71، އެންމެ ފުރަތަމަ ދިމާވީ، ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ފަހުކޮޅު މަޖީދިއްޔާ ސްކޫލުގައި ކިޔަވާ ވިދާޅުވާން އުޅުއްވުމުގެ ތެރޭގަ އެވެ. އޭރު އުފެދުނު ރަހުމަތްތެރިކަން، އަހަރުތަކަކަށް ދެމިގެން ދިޔައީ، ބަދުރާއި ސަމަރޭ ދިވެހިރާއްޖޭގެ އަޑަށް ވަޒީފާ އަށް ވަޑައިގަތް ހިސާބުންނެވެ.
"އޭރު އިބްރާހިމް މަނިކު އުޅުއްވީ އެޑިއުކޭޝަންގައި. އެޑިއުކޭޝަނުން އިބްރާހިމް މަނިކު ދިވެހިރާއްޖޭގެ އަަޑަށް އިނގިރޭސި ސެކްރެޓަރީ އަކަށް ބަދަލު ކުރެއްވީ،" ރާއްޖޭގެ ފުރަތަމަ ބްރޯޑްކާސްޓިން ކޮމިޝަނަރު ވިދާޅުވި އެވެ.
"އަޅުގަނޑު މިހާރު ވެސް ހަނދާން ހުރޭ އިބްރާހިމް މަނިކާ އޭރު ދިމާވި ދުވަސްތައް. އިބްރާހިމް މަނިކަކީ ބްރޯޑްކާސްޓިން އަށް އެއްވެސް ޝައުގެއް ހުރި މީހެއް ނޫން ދިވެހިރާއްޖޭގެ އަޑަށް ވަނުމާ ހިސާބަށް. އެކަމަކު އޭގެ ފަހުން ޝައުގުވެރިކަން އުފެދުނީ."
ދިވެހިރާއްޖޭގެ އަޑުގައި އޭރު އަންނަނީ ވަރަށް ތަފާތު ޕްރޮގްރާމްތަކެކެވެ. ގިނައިން ހުންނަނީ ސެޓް ޕްރޮގްރާމްތަކެކެވެ. ޕްރޮގްރާމް ޑައިރެކްޓަރަކަށް ބަދުރު ހުންނަވާއިރު، ސަމަރޭ ހުންނަވަނީ އޭގެ ދަށުންނެވެ.
"އިބްރާހިމް މަނިކު ބޭނުންވެއްޖެ އެހެން ކަހަލަ ގޮތަކަށް ޕްރޮގްރާމްތަކެއް ހަދަން. އަޅުގަނޑު ހަނދާން އެބަހުރި އެހެން ކިޔާފައި އެންމެ ފުރަތަމަ ފޮނުވީ 'ލަންކާގެ ޖައްވުން' ކިޔާ ސިންގަޅަ ލަވަ ޕްރޮގްރާމެއް،" އޭނާ ވިދާޅުވި އެވެ.
"އެހިސާބުން ދެން ތަފާތު ޕްރޮގްރާމްތަކެއް ހަދަން ފެށުނީ. އަޅުގަނޑާ އިބްރާހިމް މަނިކާ ދެ މީހުން ވެގެން ވަރަށް ގިނަ އެކަހަލަ ޕްރޮގްރާމްތަކެއް ހެދިން."
އޭގެ ތެރޭގައި ރާއްޖޭގައި ވަރަށް ނަން ހިނގި، އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ޕްރޮގްރާމްތަކެއް އިވުނެވެ. ބަދުރާއި އިބްރާހިމް މަނިކު ވެސް ޕްރޮގްރާމްތައް ހުށަހަޅުއްވަމުން ގެންދެވި އެވެ. ޑްރާމާތައް ކުޅުއްވި އެވެ. އެހެންވެ، އަޑުގައި އޮތް ކުޑަކުޑަ، އެކަމަކު މަސައްކަތްތެރި ގާބިލް ޓީމަކާ އެކު މަޑުމަޑުން އެ ސްޓޭޝަން ހުޅެވެމުން، މަގުބޫލުކަން އިތުރުވަމުން ދިޔަ އެވެ.
"ބާއްޖަވެރި ހެނދުނެއް އެއީ އެންމެ މަޝްހޫރުވި ޕްރޮގްރާމަކީ. އަޅުގަނޑާ މިހާރު ދިމާވާ އުމުރުން ހަމަ ދޮށީ ބައެއް މީސްމީހުން ވެސް އެބަ ބުނޭ ތިމަންނަ ސްކޫލަށް ދަނީ ބާއްޖަވެރި ހެނދުނާ އެކުއޭ. އެއީ ވަރަށް ގިނަ މީހުންނާ ގުޅިފައިވާ ހަނދާންތަކެއް،" ބަދުރު ވިދާޅުވި އެވެ.
އޭގެ ހުރިހާ ކްރެޑިޓެއް ބަދުރު ދެއްވީ އިބްރާހިމް މަނިކަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަހަލަ ޕްރޮގްރާމެއް ހެދުމުގެ ވިސްނުން ގެންނެވީ ވެސް ސަމަރޭ އެވެ.
އަޑުގެ އަހަރީ ދުވަހަކު ބޭއްވި ތަމްސީލެއްގައި ސަމަރޭ -- ފޮޓޯ: ބަދުރު
"އޭރު ވެސް އެކިއެކި ސްޓޭޝަންތަކުން ގުޑް މޯނިން ކަހަލަ ޕްރޮގްރާމް އާދޭ. އެކަމަކު އަޅުގަނޑުމެން ތިބީ އެކަހަލަ ޕްރޮގްރާމެއް އަޑުއެހާލެވޭ ކަހަލަ ތަނަވަސްކަމެއްގައެއް ނޫން. އިބްރާހިމް މަނިކު ބޭނުންވީ އެކަހަލަ އާންމު މައުލޫމާތު ގެނެސްދޭ، މީހުންނަށް ކަންކަން ހަނދާންކޮށްދޭ ކަހަލަ ވާހަކަ ދައްކާލާ ޕްރޮގްރާމެއް ހަދަން،" ބަދުރު ވިދާޅުވި އެވެ.
"މިސާލަކަށް ބިލްތައް ދައްކަން ހުރިކަން ހަނދާންކޮށްލަދީ، އަސްކަނިން ފެން ފައިބާ ނަމަ އެކަން ހައްލުކުރާނެ ގޮތް ވެސް ކިޔާލަދޭ ކަހަލަ ޕްރޮގްރާމެއް. އަޅުގަނޑުމެން ވިސްނީ ލައިވްކޮށް ހަމަ ގެންނަން. އަނެއްކާ މައިކެއް ހުއްޓަސް އެއީ ނެތް އެއްޗެއް ކަމަށް ބަލައިގެން ޕްރޮގްރާމް ހުށަހަޅަން. މީހުން އެ ދުވަހަކަށް ތައްޔާރު ކޮށްދޭ ޕްރޮގްރާމަކަށް ހަދަން."
"ބާއްޖަވެރި ހެނދުނެއް" ވެގެން ދިޔައީ މުޅި ރާއްޖޭގެ އުތުރުން ދެކުނަށް ވައިރަލްވެގެން ދިޔަ ޕްރޮގްރާމަކަށެވެ. ކޮންމެ ދުވަހެއްގެ ފެށުން އައީ އެ ޕްރޮގްރާމާ އެކު އެވެ.
"އެއީ އިބްރާހިމް މަނިކު ހާއްސަ ކަމެއް ބެހެއްޓެވި ޕްރޮގްރާމެއް،" ބަދުރު ވިދާޅުވި އެވެ.
ރޭޑިއޯ ބްރޯޑްކާސްޓިންއަކީ އިބްރާހިމް މަނިކުގެ ހަޔާތުގެ އެއްބައެވެ. ބަދުރު ވިދާޅުވި ގޮތުގައި އެ މަސައްކަތަށް ސަމަރޭގެ ހާއްސަ ޝައުގެއް އޮވެ އެވެ.
"އަޅުގަނޑަށް ފާހަގަކުރެވެނީ ހިޔާލު ތަނަވަސް، ވިސްނުން ތޫނު ބޭފުޅެއްގެ ގޮތުގައި. އަދި އެހާމެ ސަމާސާ، ސަކަ މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައި،" ބަދުރު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ އަޑު މުޅިން ބަދަލުކޮށްލި މޭސްތިރިޔާ އިބްރާހިމް މަނިކަކީ. ދިވެހިރާއްޖޭގެ އަޑުގެ ހުރިހާ ކުރިއެރުމެއްގެ އެންމެ އަޑީގައި ހުންނެވީ އިބްރާހިމް މަނިކު. އެ ކްރެޑިޓް އޭނާ އަށް ހަމަ ހައްގު،" ބަދުރު ވިދާޅުވި އެވެ.
އަޑުގައި ކުރިން އުޅުއްވި ބޭފުޅުންނާއި މިހާރު އުޅުއްވާ ބައެއް ބޭފުޅުން ދާދިފަހުން ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ނަސްރުﷲ އިދުރީސް
ހަމައެކަނި އަޑެއް ނޫނެވެ. ރާއްޖޭގެ މުޅި ބްރޯޑްކާސްޓިން ދާއިރާ އަށް ސަމަރޭ ގެންނެވީ ވަރަށް ބޭނުންތެރި، ޒަމާނީ އިންގިލާބެކެވެ. އޭނާ އެންމެ ބޮޑަށް ދެކެވަޑައިގަތް ހުވަފެން، ރަށްރަށުން ހަބަރު ކިޔުމާއި ޕްރޮގްރާމްތައް ތައްޔާރު ކުރުމަށް ރަށްރަށުގައި މީޑިއާ ސެންޓަރުތަކެއް އުފައްދަވައި ހިންގެވި އެވެ. މި ދާއިރާ އަށް ރަށްރަށުން ތަމްރީނުވެގެން ވެސް އެތައް ޒުވާނުންނެއް ނުކުތެވެ. ރާއްޖޭގެ ސިޔާސީ ވެށި ޑިމޮކްރަސީގެ ރޫހު ފެށިގެން ދިޔައިރު އިންފޮމޭޝަން މިނިސްޓަރު ކަމުގައި ހުންނެވީ ވެސް ސަމަރޭ އެވެ. އެކަމަކު، އެ ހުރިހާ ހުރަސްތަކެއްގެ ތެރޭގައި އޭނާ އިސްކުރެއްވީ އެކުވެރިކަމާއި ގާތްކަމެވެ. ކިތަންމެ ބޮޑު ކަމެއް ދިމާވިޔަސް، އެއީ ކުޑަކަމެއްގެ ގޮތުގައި ބައްލަވައި އެކަންކަން ހައްލުކޮށްލެއްވިލެއް އެހާ މޮޅެވެ.
ސަމަރޭ އަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ކޮއްކޮ ފަރީޝާގެ ފިރިކަލުންނެވެ. އެކަމަކު، ބަދުރު ވިދާޅުވި ގޮތުގައި، އިބްރާހިމް މަނިކުގެ ތަފާތަކަށް ވީ އޭނާ އަކީ މަގާމަށް ޓަކައި ބްރޯޑްކާސްޓިން އަށް ވެދެވަޑައިގަތް ބޭފުޅަކަށް ނުވުމެވެ.
"އިންފޮމޭޝަން މިނިސްޓަރަކަށް ވެ ވަޑައިގަތަސް ކުރިން ވެސް ކުރައްވަމުން ގެންދެވި ކަންކަން ކުރެއްވި. އަޅުގަނޑުމެންނާ އޮތް ގުޅުންތައް ވެސް ހަމަ އޮތް. އަނެއްކާ ދިވެހިރާއްޖޭގެ އަޑަށް އިބްރާހިމް މަނިކު ވަޑައިގަތީ ކޮންމެހެން މިނިސްޓަރުގެ މަގާމަށް ވަޑައިގަންނަވާކަށް ނޫން."
ދެހާސް ފަހެއްގައި، ބަދުރު ދިވެހިރާއްޖޭގެ އަޑުން ވަކިވެ ވަޑައިގަތެވެ. އަދި، ރައީސް މައުމޫންގެ ވެރިކަން ނިމުމާ އެކު، 2008 ގައި ސަމަރޭ ދިވެހިރާއްޖޭގެ އަޑާ އަލްވަދާއު ވިދާޅުވި އެވެ.
"އެކަމަކު އަޑުގައި ކުރިން އުޅުނު އެންމެންނާ އަޅުގަނޑުމެން އޮންނާނެ މިހާރު ވެސް ބައްދަލުވުންތައް. އަޅުގަނޑުމެންގެ ގުޅުން ހަމަ ވަރަށް ރަނގަޅު. ހަމަ ބަރާބަރަށް ބައްދަލުކޮށް ވެސް ހަދަން،" ބަދުރު ވިދާޅުވި އެވެ.
ބަދުރާއި ސަމަރޭ ފޮޓޯއަކަށް ހުއްޓިވަޑައިގެން: އަޑުގެ ތާރީހުގައި އެންމެ މުހިންމު ދެ ހިދުމަތްތެރިން -- ފޮޓޯ: ބަދުރު
މީގެ ދެ މަސް ކުރިން، ރާއްޖޭގެ ފުރަތަމަ ބްރޯޑްކާސްޓިން އެވޯޑުގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު އިބްރާހިމް މަނިކަށް ދިން އިރު ވެސް، ސަމަރޭ އާ އެކު ބަދުރު ހުންނެވި އެވެ. އަދި ސަމަރޭގެ ތައާރަފު ވެސް ދެއްވީ ބަދުރެވެ.
"އިބްރާހިމް މަނިކާ އަޅުގަނޑާ ދެމެދު އޮތީ ވަރަށް އެކުވެރި ގުޅުމެއް."
އެ އެކުވެރިޔާ އަށް ޓަކައި ބަދުރުގެ އެދުމެއް ވެސް އެބައޮތެވެ. އޭނާ ވިދާޅުވީ، "އަޅުގަނޑުމެން ވެސް އުޅުނީ ގައުމަށް ހިދުމަތްކޮށްދެވޭތޯ" ކަމަށާއި "އޭގެ ތެރޭގައި މީހަކު ހިތްހަމަނުޖެހޭ ކަމެއް ވެސް ކުރެވިފައި އޮވެދާނެ" ކަމަށެވެ.
"އެކަމަކު އަޅުގަނޑު އެދެނީ އިބްރާހިމް މަނިކާ ދޭތެރޭ އެއްވެސް ބޭފުޅަކު ހިތްބުރަ ކަމެއް ނުބޭއްވެވުން. ކަމެއް އޮވެދާނެ ހިތްހަމަނުޖެހޭ. އެކަމަކު އިބްރާހިމް މަނިކަކީ މީހަކު ނުރުހި ހުންނަވަރަށް ވުރެ ސާފު ސާދާ ހިތްހެޔޮ ބޭފުޅެއް،" ބަދުރު ވިދާޅުވި އެވެ.
އަޑާ ވަކިވެ ވަޑައިގަތުމަށް ފަހު ވެސް ސަމަރޭ ބްރޯޑްކާސްޓިން އާ ދުރަށް ވަޑައެއްނުގަތެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ އަޑާއި ރޭޑިއޯ އަކީ އޭނާގެ ހަޔާތުގެ، އަދި ދިރިއުޅުމުގެ އެއްބައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި، އޭނާގެ އުންމީދަކީ އަމިއްލަ ރޭޑިއޯ ޗެނަލެއް އުފަންކޮށް މި ދާއިރާ ދިރުވުމެވެ.
ދިވެހިރާއްޖޭގެ އަޑުގެ އެންމެ ވަރުގަދަ ހިދުމަތްތެރިޔާ އަވަހާރަވުމުގެ ހިތާމަ އަކީ ނިމުމެއް ނެތް ހިތާމަ އެކެވެ. އެއްއިރެއްގައި، އެއީ މުޅި ގައުމުގެ ބަތޮލުންނެވެ. މުޅި ދުނިޔޭގައި ވާނުވާ ދިވެހިންނަށް އަންގައިދީ، މުނިފޫހިފިލުވައިދީ ހިތްހަމަޖައްސައިދީ ހަދައިދިނީ ދިވެހިރާއްޖޭގެ އަޑެވެ. ރޭޑިއޯ އެވެ. އެއީ މީގެ ކުރިން ދިރިއުޅުމުގެ އެއްބައެވެ. އޭގެ މުގުލުގައި އެންމެ ގިނަ ދިވެހި ހުންނެވި އެއް ބޭފުޅަކީ، ޝައްކެއް ނެތެވެ، ސަމަރޭ އެވެ.
ފައިސަލް ބޭނުންވަނީ އަޑުގެ ނަން ސަމަރޭއަށް ހާއްސަކުރަން
ޕީއެސްއެމުން އުސޫލާ ހިލާފަށް 22 މިލިއަން ދޫކުރި
އާކައިވް: ސަމަރޭގެ "އަޑަށް" އަލްވަދާއު!
ސަމަރުބުލޫ އިބްރާހީމް މަނިކު އަވަހާރަވެއްޖެ
ނަސްރުގެ އަޑު ފަނޑުވުމެއް ނެތް، ވަޒީފާގައި ނަމޫނާއެއް
ލޯފަން ޔޫސުފަށް ރައީސް އާކޮށްދެއްވި އުއްމީދު!
ބަދުރާއި އިބްރާހީމް އިސްމާއީލަށް ދައުލަތުގެ އިއްޒަތް
ކެންޑިޑޭޓުންގެ ބަހުސް އާދިއްތަ ދުވަހު ފަށަނީ
ޕީއެސްއެމްގެ މަސައްކަތު ވަގުތަށް ބޮޑު ބަދަލުތަކެއް