Roadha Mihaaru
ގިނަ މީހުން އެދެނީ ޖޭއެސްސީގައި ސިޔާސީ މީހުން ނުތިބެން

ޖޭއެސްސީގެ ފޯމޭޝަނަށް ހޯދި ހިޔާލު: ގިނަ މީހުން ބޭނުންވަނީ ސިޔާސީ މީހުން ނުހިމަނަން

01 ޑިސެމްބަރ 2022

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ މީހުން ނުހިމެނޭ ގޮތަށް އެ ކޮމިޝަން އަލުން އެކުލަވައިލަން ޝަރުއީ ދާއިރާގެ ބައެއް ފަރާތްތަކާއި އާންމުން ހިޔާލު ހުށަހަޅައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ މީހުން ނުހިމެނޭ ގޮތަށް އެ ކޮމިޝަން އަލުން އެކުލަވައިލަން ޝަރުއީ ދާއިރާގެ ބައެއް ފަރާތްތަކާއި އާންމުން ހިޔާލު ހުށަހަޅައިފި އެވެ.

ގާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައިވާ ގޮތަށް ޖޭއެސްސީ އެކުލަވާލާފައި ވާއިރު، އޭގެ ސަބަބުން އެ ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރުވޭ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ. އެހެންވެ، މި ސަރުކާރު ވެސް ނޮވެމްބަރު 2018 ގައި ވެރިކަމަށް އައީ އެ ފޯމޭޝަން ބަދަލުކުރުމުގެ ވައުދާ އެކު އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަަމަ ހަތަރު އަހަރުގެ ތެރޭގައި އެ ކޮމިޝަން އިސްލާހު ކުރުމުގެ މަސައްކަތް ނުކުރާތީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ވަނީ ފޯމޭޝަން ބަދަލު ކުރަން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ނިންމައި އެ މަސައްކަތް ފަށައިފަ އެވެ.

ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރުމާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހުން، ޖޭއެސްސީ އާއި ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކާއި ބާ ކައުންސިލާއި ގާނޫނީ ވަކީލުންނާއި މަދަނީ ޖަމިއްޔާތަކާ ބައްދަލުކުރި އެވެ. އަދި އާންމުންގެ ހިޔާލު ހޯދުމަށް ސާވޭއެއް ވެސް ހިންގި އެވެ. ހިޔާލު ހޯދުމަށް ކުރި މަސައްކަތުގެ މައްޗަށް އޭޖީ އޮފީހުން ވަނީ ކަރުދާހެއް އެކުލަވާލައި މިއަދު އާންމުކޮށްފަ އެވެ.

އެ ކަރުދާހުގައި މުއައްސަސާތަކާ ކުރި މަޝްވަރާތަކަށް ފަހު، އެ ފަރާތްތަކުން ހުށަހަޅާ ޖޭއެސްސީގެ ފޯމޭޝަންތަކުގެ މޮޑެލްތައް ވެސް ހިމަނާފައިވެ އެވެ. އަދި ފާހަގަ ކުރި ކަންކަން ބަޔާންކޮށްފައިވެ އެވެ.

ފަނޑިޔާރުން އައްޔަންކުރުމާއި ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމާއި ފަނޑިޔާރުން ވަކިކުރުމުގެ މައިގަނޑު ދައުރު އަދާކުރާ ޖޭއެސްސީގައި މިހާރު ތިއްބަވާ 10 މެމްބަރުންގެ ތެރެއިން ހަ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރުންނެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް:

- އާންމުންގެ ތެރެއިން ކަނޑައަޅާ އެއް މެމްބަރު.

- ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެމްބަރެއް.

- ސިވިލް ސާވިސް ކޮމިޝަންގެ ރައީސް.

- ބަންޑާރަ ނައިބު.

- ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރެއް.

- ގާނޫނީ ވަކީލުންގެ ތެރެއިން ވަކީލެއް.

- ދަށު ކޯޓުތަކުގެ ފަނޑިޔާރެއް.

- ހައި ކޯޓު ފަނޑިޔާރެއް.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް.

ޖޭއެސްސީގެ ފޯމޭޝަން އިސްލާހު ކުރުމާ މެދު ހިޔާލު ހޯދަން އާންމުންގެ މެދުގައި ހެދި ސާވޭގައި އޮކްޓޯބަރު 5، 2022 އިން އޮކްޓޯބަރު 20، 2022ގެ ނިޔަލަށް 115 މީހަކު ސުވާލު ކަރުދާސް މެދުވެރިކޮށް ހިޔާލު ހުށަހަޅާފައިވެ އެވެ.

ސާވޭގައި ބައިވެރިވި ގިނަ މީހުން ވެސް ހިޔާލު ހުށަހަޅާފައި ވަނީ ޖޭއެސްސީގެ ފޯމޭޝަން އިސްލާހު ކުރަން ޖެހޭ ކަމަށާއި ސިޔާސީ މީހުން ހިމަނަން ނުފެންނަ ކަމަށެވެ.

އެގޮތުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ފެންނަ ކަމަށް ސާވޭގައި ބައިވެރިވި 91.3 މީހުން ބުންޏެވެ.

އެ ކޮމިޝަނުގައި ފަނޑިޔާރުން ބައިތިއްބަން ޖެހޭ ކަމަށް ފެންނަ ކަމަށް ބުނީ ސާވޭގައި ބައިވެރިވި 51.3 ޕަސެންޓު މީހުން ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖޭއެސްސީގައި ހުންނަން ފެންނަތޯ ސާވޭގައި ކުރި ސުވާލުގެ ޖަވާބުގައި 87.8 ޕަސެންޓު މީހުން ބުނީ ނުފެންނަ ކަމަށެވެ. އަދި ބަންޑާރަނައިބު ވެސް ހިމަނަން ނުފެންނަ ކަމަށް 67 ޕަސެންޓު މީހުން ބުނި އިރު، ސީއެސްސީގެ ރައީސް ހިމަނަން ނުފެންނަ ކަމަށް 82.6 ޕަސެންޓު މީހުން ބުންޏެވެ.

މަޖިލީހުގެ އެއްވެސް މެމްބަރެއް ހިމަނަން ނުފެންނަ ކަމަށް 76.5 ޕަސެންޓު މީހުން ބުނެފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެމްބަރެއް ވެސް ޖޭއެސްސީގައި ހިމަނަން ނުފެންނަ ކަމަށް ސާވޭގައި ބައިވެރިވި 75.7 ޕަސެންޓު މީހުން ބުނެފައިވެ އެވެ.

އެހެންނަމަވެސް، މިހާރު ވެސް އޮންނަ ގޮތަށް ގާނޫނީ ވަކީލުންގެ ފަރާތުން މެމްބަރެއް ހުންނަން ޖެހޭ ކަމަށް 69.6 ޕަސެންޓު މީހުން ބުނެފައިވެ އެވެ. އަދި އާންމުންގެ ފަރާތުން މެމްބަރެއް ހުންނަން ޖެހޭ ކަމަށް 73 ޕަސެންޓު މީހުން ބުނެފައިވެ އެވެ.

ޖުމްލަ ގޮތެއްގައި ޖޭއެސްސީ އިސްލާހު ކުރަން ހިޔާލު ހުށަހެޅި ގޮތް

- ޝަރުއީ ދާއިރާ އާއި ދައުލަތުގެ އެހެން ފަރާތްތަކާއި އާންމުންގެ ތެރެއިން ހޮވާލެވޭ ބަޔަކު ހިމެނޭ ގޮތަށް: 28.7 ޕަސެންޓު

- ފަނޑިޔާރުން ހިމެނޭ ގޮތަށް އެހެންނަމަވެސް، އަގުލަބިއްޔަތު ނޯންނަ ގޮތަށް: 27 ޕަސެންޓު

- ފަނޑިޔާރުން ނުހިމެނޭ ގޮތަށް: 19.1 ޕަސެންޓު- ޝަރުއީ ދާއިރާއާއި ދައުލަތުގެ އެހެން ފަރާތްތަކާއި އާންމުންގެ ތެރެއިން ހޮވާލެވޭ ބަޔަކު ހިމެނޭ ގޮތަށް: 28.7 ޕަސެންޓު

- ފަނޑިޔާރުންގެ އަގުލަބިއްޔަތު އޮންނަ ގޮތަށް: 16.5 ޕަސެންޓު

- ހަމައެކަނި ފަނޑިޔާރުންނާއި އާންމުންގެ ތެރެއިން ހޮވާލެވޭ ބަޔަކު ހިމެނޭ ގޮތަށް: 8.7 ޕަސެންޓު

ޝަރުއީ ދާއިރާގެ ހިޔާލު ވެސް ސިޔާސީ މީހުންނާ ދެކޮޅަށް

އޭޖީ އޮފީހުން އާންމު ކުރި ކަރުދާގައިވާ ގޮތުން ޝަރުއީ ދާއިރާގެ ގިނަ ފަރާތްތަކުން ވަނީ ސިޔާސީ މީހުން ޖޭއެސްސީގައި ނުހިމަނަން ނުވަތަ މަދު ކުރަން އެދިފަ އެވެ. އެއީ ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމަށް ކަމަށް ބުނެ އެވެ.

ފޯމޭޝަނާ ގުޅޭ ގޮތުން ޖޭއެސްސީއިން އޭޖީ އޮފީހުގައި ބުނެފައި ވަނީ އިސްލާހުގެ މަގުސަދަކީ ވެސް ސިޔާސީ ނުފޫޒުން އެއްކިބާކުރުން ކަމަށްވާއިރު، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ޖޭއެއްސީގައި ހިމެނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެކަމަކު، ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތައް ޖޭއެސްސީގައި ތިބުމުން އޭގެ ޒާތުގައި ކޮމިޝަނަށް ނުފޫޒު ފޯރާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ޖޭއެއްސީ ބުންޏެވެ.

ސިޔާސީ މަގާމުތަކުގައި ތިބޭ އެންމެން ޖޭއެސްސީގައި ނުހިމަނަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެދިފައިވާކަން އޭޖީ އޮފީހުގެ ކަރުދާހުން އެނގެން ނެތެވެ. އެކަމަކު، ޖޭއެސްސީގެ މެމްބަރުން މަދު ކުރަން ފެންނަ ކަމަށް އެ ކޯޓުގެ ބައެއް ފަނޑިޔާރުން ބުނެފައިވެ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޖޭއެސްސީއިން އުނިކުރަން ހިޔާލު ހުށަހެޅި އެވެ.

ސުޕީރިއާ ކޯޓުތަކުގެ ގާޒީންނާއި ޖުޑިޝަލް ދާއިރާތަކުގެ އިސްމެޖިސްޓްރޭޓުންނާއެކު އޭޖީ އޮފީހުން ބޭއްވި ބައްދަލުވުމުގައި ގިނަ ގާޒީން ހިޔާލު ހުށަހަޅާފައި ވަނީ ޖޭއެސްސީގައި ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ނުހިމެނުމަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ބަންޑާރަނައިބާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްއާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުން ކޮމިޝަންގައި ހިމެނުން ރަނގަޅު ނޫން ކަމަށް ގިނަ ގާޒީން ފާހަގަކުރި އެވެ. އަދި އާންމުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކީ ފަންނީ ރޮނގަކުން ތަޖުރިބާ ލިބިފައިވާ، ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ، އަދި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދިފައިނުވާ މީހަކަށްވުން މުހިންމު ކަމަށް ވެސް ބައެއް ގާޒީން ފާހަގަކުރި އެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް ކޮންމެހެން ވެސް ބަދަލުކުރުން މުހިންމު ކަމަށާއި ކޮމިޝަންގައި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބޭ ގޮތަށް ހަމަޖެއްސުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ހައި ކޯޓުގެ ބައެއް ފަނޑިޔާރުން ވިދާޅުވި އެވެ. މަގާމުގެ ހައިސިއްޔަތުން ކޮމިޝަންގައި މެންބަރުން ހިމެނުމާމެދު ކުރި މަޝްވަރާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ބަންޑާރަނައިބާއި، އުއްތަމަފަނޑިޔާރު ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ހިމެނުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އެކަމަކު، އެހެން ބައެއް ފަނޑިޔާރުންނަށް ފެނިވަޑައިގަތީ މިހާރު ކޮމިޝަން އޮތް ގޮތް ބަދަލު ކުރުން ކޮންމެހެން މުހިންމު ނޫން ކަމަށެވެ.

މަދަނީ ޖަމިއްޔާތަކުގެ ހިޔާލު ހޯދި އިރު އެއް ޖަމިއްޔާއިން ވަނީ މިހާރު ޖޭއެއްސީ އޮތް ގޮތް ރަނގަޅު ކަމަށާއި އެ ކޮމިޝަން އެކުލަވާލާފައި ވަނީ ދައުލަތުގެ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެވޭނެ ގޮތަކަށް ކަމަށް ބުނެފަ އެވެ. އަދި ސަރުކާރާއި މަޖިލީސް ތަމްސީލު ކުރާ މީހުން ތިބުމަކީ ސިޔާސީ ތަނެއްގެ ގޮތުގައި ބަލަން ޖެހޭ ސަބަބެއް ނޫން ކަމަށާއި ބަލަން ޖެހޭނީ ބެސްޓް ޕްރެކްޓިސްއަށް ކަމަށް ބުނެފައިވެ އެވެ.

އެހެންނަމަވެސް، ގިނަ ޖަމިއްޔާތަކުން ބުނެފައި ވަނީ، ގާނޫނީ ވަކީލުން ތަމްސީލު ކުރާ މެމްބަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނެވުމުން ނުފޫޒު ފޯރުވަން ފުރުސަތު ލިބޭ ކަމަށެވެ.

ބާ ކައުންސިލުގެ ހުރިހާ މެމްބަރުން ވެސް އެއްބަސްވެފައި ވަނީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމަށް ޖޭއެއްސީގައި ސިޔާސީ މީހުން ތިބުން ރަނގަޅު ނޫން ކަމަށެވެ. އެކަމަކު ބަންޑާރަނައިބު ޖޭއެސްސީގައި ބެހެއްޓުމާ މެދު މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވި އެވެ.