Roadha Mihaaru
އިމްޕީޗްގެ ބިރު އޮތަސް ރާމަފޯސާ އިސްތިއުފާ ނުދެއްވާނެ

އިމްޕީޗްގެ ބިރު އޮތަސް ރާމަފޯސާ އިސްތިއުފާ ނުދެއްވާނެ

04 ޑިސެމްބަރ 2022

ދެކުނު އެފްރިކާގެ ރައީސް ސީރިލް ރާމަފޯސާ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައި މަގާމުން އަޒުލުކުރެވިދާނެ ކަމުގެ ބިރު އުފެދިފައި ވިޔަސް އޭނާ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އޭނާގެ ތަރުޖަމާނު އިއްޔެ ވިދާޅުވެއްޖެ އެވެ.

ދެކުނު އެފްރިކާގެ ރައީސް ސީރިލް ރާމަފޯސާ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައި މަގާމުން އަޒުލުކުރެވިދާނެ ކަމުގެ ބިރު އުފެދިފައި ވިޔަސް އޭނާ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އޭނާގެ ތަރުޖަމާނު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރާމަފޯސާގެ ތަރުޖަމާނު ވިންސެންޓް މަގްވެންޔާ ވިދާޅުވި ގޮތުގައި ރާމަފޯސާ ހުންނެވީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ކުރިމަތިލައްވަން ތައްޔާރަށެވެ. އަދި ރައީސް ރާމަފޯސާ މަގާމުގެ ނާޖާއިޒު ފައިދާއެއް ނުނަންގަވާ ކަމަށާއި ނުރަނގަޅު އަމަލެއް ވެސް ނުހިންގަވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ރައީސް ރާމަފޯސާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ، އޭނާގެ މިލްކިއްޔާތުގައި އޮތް ދަނޑުބިމެއްގެ ވިޔަފާރީގެ ތެރެއިން ހިންގާފައިވާ ހަތަރު މިލިއަން ޑޮލަރުގެ ކޮރަޕްޝަންގެ އަމަލުތަކަކާ މެދުގަ އެވެ. އޭގެ އިތުރުން، އެ ވައްކަން ފޮރުވުމުގެ ގޮތުން ހިންގާފައިވާ މީހުން ވަގަށް ނެގުމާއި، ވައްކަމުގައި ބައިވެރި މީހުން ހެކިބަސް ދިނުން ހުއްޓުވުމަށްޓަކައި އެމީހުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެވެ އެވެ.

މި ތުހުމަތުތަކުގެ ހަގީގަތް ބެލުމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ފަރާތުން އެކުލަވައިލި މިނިވަން ޕެނަލަކުން އެ މައްސަލަ ތަހުގީގުކޮށް މިހާރު ވަނީ ރިޕޯޓެއް އެކުލަވާލައިފަ އެވެ. މީޑިއާ އަށް ލީކުވެފައިވާ އެ ރިޕޯޓްގައިވާ ގޮތުން، ރައީސް ރާމަފޯސާ ވަނީ އޭނާގެ މަގާމު ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރައްވައި އަދި އެ ގައުމުގެ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ ގާނޫނާ ޚިލާފަށް އަމަލު ކުރައްވައިފަ އެވެ.

ތަހުގީގަށް ފަހު ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓާ ބެހޭ ގޮތުން، ރާމަފޯސާގެ ތަރުޖަމާނު ވިދާޅުވީ އެ ރިޕޯޓަކީ ފުރިހަމަނުވާ ދޮގު ރިޕޯޓެއް ކަމަށާއި، ގައުމުގެ ދުރު ކުރިމަގަށް ފައިދާ ހުރީ އެފަދަ ދޮގު ރިޕޯޓްތަކާ ކުރިމަތިލައްވައިގެން ކަމަށެވެ. އެފަދަ ދޮގު ރިޕޯޓެއްގެ މައްޗަށް ބިނާކޮށް މަގާމުން އިސްތިއުފާ ދެއްވުމަކީ ނުވަތަ މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގަތުމަކީ، ގައުމުގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ގޮތެއް ނޫން ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ރައީސް ރާމަފޯސާގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ، އޭނާގެ ދަނޑުބިމެއްގައި ހުރި އިމާރާތެއްގެ ތެރޭގައި ހުރި ސޯފާއެއްގެ ތެރޭގައި ރައްކާކޮށްފައި ހުރި ހަތަރު މިލިއަން ޑޮލަރު، ބަޔަކު ވަގަށް ނެގުމުން ވެސް އެކަން ގާނޫނީ ގޮތުން އަންގަންޖެހޭ ފަރާތްތަކަށް ނުއެންގުމުގެ ކުށެވެ. އޭގެ އިތުރުން އެހާ ގިނަ އަދަދެއްގެ ބޭރު ފައިސާ ލިބުނު ގޮތަކާއި ހުރި ތަނެއް ވެސް، އެ ގައުމުގެ މަރުކަޒީ ބޭންކަށް އެންގުމަކާ ނުލައި އަމިއްލަ ގޭގައި ރައްކާކޮށްފައި ބެހެއްޓުމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެވެ އެވެ.

މިނިވަން ޕެނަލުން ބެލި ތުހުމަތުތަކުގެ ތެރޭގައި، ވައްކަން ކުރި ކަމަށް ބެލެވޭ މީހުންތައް ބަޔަކު ފޮނުވައިގެން ވަގަށް ނަގައިގެން ތަނެއްގައި ބަންދުކޮށް، އަމިއްލައަށް ތަހުގީގުކޮށް، އެކަމުގައި ބައިވެރިވި މީހުންނަށް ފައިސާދީ، އެމީހުންގެ އަނގަ ބަންދުކުރުވި މައްސަލަ ވެސް ހިމެނެ އެވެ. އެ ތަހުގީގާ ގުޅޭ ރިޕޯޓް މިހާރު ވަނީ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފަ އެވެ.

މި ތުހުމަތުތަކާ ގުޅޭ ގޮތުން ރައީސް ރާމަފޯސާ ވިދާޅުވަނީ އެ ފައިސާތަކަކީ އޭނާގެ ދަނޑުގައި ގެންގުޅުނު މީގޮނުތަކެއް ވިއްކައިގެން ލިބިފައިވާ ފައިސާ ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކުން އެ ރިޕޯޓް ދިރާސާ ކުރުމަށް ފަހު، އެ މައްސަލައާ ގުޅިގެން ރައީސް ރާމަފޯސާ މަގާމުން އަޒުލުކުރުމާ މެދު މި ހަފުތާގެ ތެރޭގައި ގޮތެއް ނިންމާނެ އެވެ. އަދި އޭނާ މަގާމުން އަޒުލުކުރަން ނިންމައިފި ނަމަ، އެ ކަމުގެ އިޖުރާއާތުތައް ވަރަށް އަވަހަށް ފަށާނެ އެވެ.

މަގާމުން އަޒުލުކުރުމުގެ ބިރު ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އޭނާ އުންމީދުކުރައްވައިގެން ހުންނެވީ، މި މަހު ފަހުކޮޅު ބާއްވާ، ވެރިކަން ކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް ޕާޓީގެ ގައުމީ މަޖިލީހުގައި، އޭނާ އަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ދިނުމަށް ޕާޓީގެ ތެރެއިން ފާސްކުރުމަށެވެ. އެ ޕާޓީއަކީ ކޮރަޕްޝަނާ ދެކޮޅަށް ވަރަށް ފުޅާ އެޖެންޑާއެއް ގެންގުޅޭ ޕާޓީއަކަށް ވާތީ، އެފަދަ ތުހުމަތެއްގައި ހުންނެވި ބޭފުޅަކަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ދިނުމަށް ނުނިންމާނެ ކަމަށް ބެލެވެ އެވެ.