Roadha Mihaaru
"ދިވެހި އަލަ" ނެތިދަނީ، ހައްލު އެފްރިކާއިން؟

"ދިވެހި އަލަ"އިގެ ނިމުން، ދަނޑުވެރިންގެ ހައްލު އެފްރިކާއިން؟

08 ޑިސެމްބަރ 2022

ބޮޑު ތަދުގެ ދުވަސްވަރުގައި ރިޔާ ނަގައިގެން އަލަ ހޯދަން ރަށްތަަކަށް ދަތުރު ކުރި ޒަމާނުގެ ވާހަކަތައް ހުވަދު އަތޮޅުގެ މުސްކުޅިން އަދިވެސް ހަނދާން ހުރެ އެވެ. ވަޅޯމަހާއި އެހެނިހެން އަގުހުރި ތެކެތީގެ ބަދަލުގައި ހޯދަނީ އަލަ އެވެ. ބައެއް މީހުން އަގުހުރި ކަސަބު ލިބާހާއި ރަން ފައްޓަރުބައި ވެސް އަލަ އަށް ޓަަކައި ގުރުބާންކުރި އެވެ. ބަނޑުހައިހޫނުކަމުގެ އެ ދުނިޔޭގައި އަަލަ އަކީ "ރަނެވެ".

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ބޮޑު ތަދުގެ ދުވަސްވަރުގައި ރިޔާ ނަގައިގެން އަލަ ހޯދަން ރަށްތަަކަށް ދަތުރު ކުރި ޒަމާނުގެ ވާހަކަތައް ހުވަދު އަތޮޅުގެ މުސްކުޅިން އަދިވެސް ހަނދާން ހުރެ އެވެ. ވަޅޯމަހާއި އެހެނިހެން އަގުހުރި ތެކެތީގެ ބަދަލުގައި ހޯދަނީ އަލަ އެވެ. ބައެއް މީހުން އަގުހުރި ކަސަބު ލިބާހާއި ރަން ފައްޓަރުބައި ވެސް އަލަ އަށް ޓަަކައި ގުރުބާންކުރި އެވެ. ބަނޑުހައިހޫނުކަމުގެ އެ ދުނިޔޭގައި އަަލަ އަކީ "ރަނެވެ".

އަލައިން ގެނުވި ތިޔާގިކަމުގެ މަންފާ އެންމެ ބޮޑަށް ކުރި ހުވަދު އަތޮޅުގެ ދެ ރަށަކީ ބިން ބޮޑު ގދ. ވާދުއާއި ދަނޑުވެރި ކަމަށް ގދ. ގަން ބޭނުންކުރާ ގައްދު އެވެ. އެ ރަށުގެ އިތުރުން ފުވައްމުލަކާއި އައްޑޫގައި ވެސް ޒަމާނުއްސުރެ ކެއުމަށް އަދި ވިޔަފާރި އަށް އަލަ ހައްދައި އުޅުނެވެ. ދުޅަހެޔޮ ކާނާއަަކަށް ވުމުގެ އިތުރަށް އަލަ ވިއްކައިގެންނާއި އޭގެން އުފެއްދުންތައް ހަދައިގެން އާމްދަނީ ވެސް ހޯދި އެވެ.

އެކަމަކު، މީގެ ފަސް ވަރަކަށް އަހަރު ކުރިން ދަނޑުވެރިންނަށް ފާހަގަވާން ފެށީ އަލަ ގަސްތަކުގެ ފަތްތަކުގައި އުފެދޭ ރީނދޫ، ދަބަރު ކުލައެއްގެ ލައްތަކެކެވެ. އެ ލައް ބޮޑުވެގެން ގޮސް ފަތް މޯޅިވެ، ވަކި ހިސާބަކުން މުޅި އަލަ ގަސް މަރުވެގެން ދަނީ އެވެ.

މި ބަލި މިހާރު މުޅި ރާއްޖޭގައި އެބަ އޮތެވެ. ނަތީޖާއަކީ ކުރިން ހެއްދި ފުޅާމިނުގައި އަލަ ނުހެއްދި މަޑުމަޑުން ނެތެމުން ދިޔުމެވެ. ދަނޑުވެރިންނަށް އެ ބާވަތް ގެއްލުމެވެ. ކެއުމަށް އަލަ ހައްދަމުން ދިޔަ މީހުންނަށް ވެސް އެއީ މިހާރު ހައްދަން އުނދަގޫ، ތަދު އެއްޗެކެވެ. ބައެއް ރަށްތަކުގައި މަދުމަދުން އަލަ ހައްދާ ނަމަވެސް، އެއްވެސް ވަރަކަށް ނުހެއްދޭ ހިސާބަށް ވެސް ބައެއް ރަށްރަށް ހިނގައްޖެ އެވެ.

"ތެދުތެދަށް ދަންނަވަންޏާ ދިވެހި އޮޅު އަލަ މިއޮއް ބޮޑު ވާދޫން، އެއޮއް ވަރަށް އަލަ ގެންގުޅުނު ރަށުން ހަމަ އެއްކޮށް ނެތިއްޖެ،" ވާދޫގެ ހާލަތު އެ ރަށުގެ ދަނޑުވެރިއެއް ކަމަށްވާ މުހައްމަދު އިބްރާހިމް ކިޔައިދިނެވެ.

"މުޅި ރާއްޖޭގައި ކަހަލަ ގޮތަކަށް މިހާރު މި ބަލި އެބަ އޮތް ކަމަށް އެކި ފަރާތްތަކުން އެކި ދިމަދިމާލުން ލިބޭ މައުލޫމާތުން އެނގެނީ."

ދިވެހި އަންހެނަކު އަލަ ކަނޑަނީ: އަލަ ވިއްކައިގެންނާއި އެއިން އުފެއްދުންތައް ހަދައިގެން ގިނަ ބަޔަކު އާމްދަނީ ހޯދި

ދިވެހި އަންހެނަކު އަލަ ކަނޑަނީ: އަލަ ވިއްކައިގެންނާއި އެއިން އުފެއްދުންތައް ހަދައިގެން ގިނަ ބަޔަކު އާމްދަނީ ހޯދި

މީގެ ކުރިން އެތައް ސަތޭހަ ކިލޯއެއްގެ އަލަ ބޭރު ކުރި ގަމުން އެ ބަލީގެ އަސަރުތައް ފެންނަން އެބަ ހުއްޓެވެ. ކުރިން އެ ރަށުގައި ގޮވާލުމުން އަޑުއިވޭ ހިސާބުގައި ގައްދޫ ކޮންމެ ވެސް މީހެއްގެ އަލަ އޮޅެއް އޮންނާނެ އެވެ. އެ މީހުން ފަސޭހަ އަކަށް ކޮށި މަގުތަކުގައި އަލަ ބަސްތާތައް ގާޑިއާތަކުގައި އުފުލި އެވެ. އެކަމަކު، މިހާރު އެ އޮޅުތަކާއި މަގުތައް ވަލަށް ވެ، ބެދިއްޖެ އެވެ.

ކެންޔާއިން ތަފާތު ބާވަތެއް

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ދެނެގަނެފައިވާ ގޮތުގައި އަލަ ގަސްތަކަށް ޖެހެމުން ދަނީ "ޓާރޯ ލީފް ބްލައިޓް" ކިޔާ ބައްޔެކެވެ. ވަރަށް އަވަހަށް ފެތުރިގެންދާ އެ ބަލި ޖެހެނީ ފައިތޯފްތޮރާ ކޮލޮކޭޝިއާ ކިޔާ އޫމެސައިޓެއްގެ ސަބަބުންނެވެ. އެ ބައްޔަށް އޮތް ދެމެހެއްޓެނިވި ހަމައެކަނި "ފަރުވާ" އަކީ ބައްޔާ ދުރު މުޑުވަކެއް ހޯދުމެވެ.

އެމެރިކަން ސަމޯއާގައި ވެސް 1993 ވަނަ އަހަރު ޓާރޯ ލީފް ބްލައިޓް ފެތުރި ކެއުމާއި ވިޔަފާރީގެ ބޭނުމަށް އަލަ ހެއްދުން ހުއްޓެނެވެ. އެ މައްސަލަ ހައްލު ކުރެވުނީ 1997 ވަނަ އަހަރު މައިކްރޮނީޝިއާއިން އަލައިގެ އާ މުޑުވަކެއް ގެނެސްގެންނެވެ.

ދިވެހި ދަނޑުވެރިންނަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަލައިގެ އެހެން މުޑުވައްތައް ގެނެސްގެން ރާއްޖޭގައި ޓެސްޓު ކުރާތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. މިނިސްޓްރީން ވަނީ އަލައިގެ ރަނގަޅު މުޑުވަކެއް އެފްރިކާގެ ގައުމެއް ކަމަށްވާ ކެންޔާއިން ހޯދައިފަ އެވެ.

ކެންޔާއިން ގެނައި ޓާރޯލީފް ބްލައިޓް ބަލިޖެހުންދުރު އަލައިގެ ވައްތަރެއްގެ މުޑުވައް ގދ. ގައްދޫގައި އިންދުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގެ ބައެއް ދަނޑުވެރިންނާއެކު މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން --

ކެންޔާއިން ގެނައި ޓާރޯލީފް ބްލައިޓް ބަލިޖެހުންދުރު އަލައިގެ ވައްތަރެއްގެ މުޑުވައް ގދ. ގައްދޫގައި އިންދުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގެ ބައެއް ދަނޑުވެރިންނާއެކު މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން --

އެ މުޑުވައް މީހުން އުޅޭ ރަށްތަކުގައި އިންދާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގަ އެވެ. ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރުﷲ ހުސެއިން ވިދާޅުވި ގޮތުގައި ކެންޔާއިން ގެނައި އަލައިގެ އާ މުޑުވަަކީ ބަލިތަކާ ދުރު ވައްތަރެކެވެ.

އެ މުޑުވައް ފޮނުވާފައި ވަނީ ފަސް ރަށަކަށެވެ. އެއީ، ފުވައްމުލަކުގެ އިތުރުން ގދ. ވާދު އާއި އެ އަތޮޅު ގައްދޫ، ފިޔޯރީ، ހޯނޑެއްދޫ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ފަސް ރަށަށް ކުރިތައް ފޮނުވައިގެން އިންދުމުގެ ބޭނުމަކީ އަޖުމަ ބެލުމެވެ.

އެ ރަށްރަށުގައި އެ އަލަ ހައްދައި ބެލެހެއްޓުން ހަވާލުކޮށްފައި ވަނީ އެއިން ކޮންމެ ރަށެއްގެ ކައުންސިލާ އެވެ. ކޮންމެ ރަށެއްގައި ވެސް އަލަ ހައްދަމުން އަންނަނީ ކައުންސިލުގެ ބެލުމުގެ ދަށުން އެ ރަށެއްގެ ދަނޑުވެރިއެކެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފުރަތަމަ މަރުހަލާގައި އާންމުކޮށް ދަނޑުވެރިންނަށް އާ މުޑުވައް ދޫނުކުރީ އަދި އަޖުމަ ބަލާތީ އެވެ. އެކަމަކު، ނަތީޖާ ރަނގަޅު ނަމަ މިނިސްޓްރީން ނިންމާފައި ވަނީ އެ މުޑުވައް ބޭނުންވާ ހުރިހާ ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށެވެ.

ކެންޔާއިން ގެނައި ޓާރޯލީފް ބްލައިޓް ބަލިޖެހުންދުރު އަލައިގެ ވައްތަރެއްގެ މުޑުވައް ފުވައްމުލަކުގައި އިންދުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގެ ބައެއް ދަނޑުވެރިންނާއެކު މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން --

ކެންޔާއިން ގެނައި ޓާރޯލީފް ބްލައިޓް ބަލިޖެހުންދުރު އަލައިގެ ވައްތަރެއްގެ މުޑުވައް ފުވައްމުލަކުގައި އިންދުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގެ ބައެއް ދަނޑުވެރިންނާއެކު މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން --

މިއީ "ދިވެހި އަލައިގެ" ނިމުން؟

ކެންޔާއިން ގެނައި އަލަ ގަހުގައި އަލަ އަޅާނީ ތިން މަހާއި ހަތަރު މަހާ ދޭތެރޭގަ އެވެ. އެހެންވެ އެ މުޑުވައް އަދި ކަނޑާ ހިސާބަކަށް ނުދެ އެވެ. އެކަމަކު، ނަތީޖާ މިހާތަނަށް ދައްކަނީ ރަނގަޅަށް ކަމަށް އާ މުޑުވައް ލިބުނު ބައެއް ރަށްތަކުން ބުނެ އެވެ.

ވާދޫ ކައުންސިލުގެ މެމްބަރު މުހައްމަދު ޝިފާގު ވިދާޅުވި ގޮތުގައި އެ ރަށުގައި އިންދި 60 ގަހުން އެއްވެސް ގަހަކުން ބައްޔެއް ނުފެނެ އެވެ. ދުޅަހެޔޮކޮށް ބޮޑުވަމުން ދެ އެވެ.

ވިއްސާރައިގެ އަސަރުކުރުމުން ފިޔޯރީގައި އިންދި އާ އަލަތައް ހެދެން ޖެހޭ ވަރަށް އަދި ނުހެދޭ ކަމަށް ރަށުގެ ކައުންސިލުން ބުންޏެވެ. އެކަމަކު، އެ ގަސްތަކުން ވެސް ބަލި ފެނިފައި ނުވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

"ކެންޔާ އަލައިގެ ހެދެމުންދާ ވަރު ރަނގަޅު އަދި އޭގެއިން ބައްޔެއް ނުފެނޭ. އޭގެ އަލަ އެ ބޭފުޅުން [މިނިސްޓްރީން] ވިދާޅުވަނީ ހަ އިންޗި އަށް އިންޗި ވަރު ހުންނާނެ ކަމަށް. އެކަމަކު އަޅުގަނޑުމެންނަށް އެނގޭނީ ތިން މަސް ފަހުން ކަނޑާ އިރުގައި. އަދި [ގަސް] ރަނގަޅަށް ހުރީ،" މުހައްމަދު އިބްރާހިމް ބުންޏެވެ.

ކެންޔާއިން ގެނައި ޓާރޯލީފް ބްލައިޓް ބަލިޖެހުންދުރު އަލައިގެ ވައްތަރެއްގެ މުޑުވައް މިނިސްޓަރު ޑރ. ހުސެއނިް ރަޝީދު އިންދަވަނީ

ކެންޔާއިން ގެނައި ޓާރޯލީފް ބްލައިޓް ބަލިޖެހުންދުރު އަލައިގެ ވައްތަރެއްގެ މުޑުވައް މިނިސްޓަރު ޑރ. ހުސެއނިް ރަޝީދު އިންދަވަނީ

ކެންޔާއިން ގެނައި މުޑުވައް ކާމިޔާބު ވެއްޖެ ނަމަ ދިވެހީން އެ މުޑުވައް ހެއްދުން އާންމުވެ އެ މުޑުވައް ބާޒާރަށް ނެރޭނެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހީން ޒަމާނުއްސުރެ ހައްދައި އުޅުނު ބާވަތް ނެތިދިޔުމުގެ ފުރުސަތު ވެސް އެބައޮތެވެ. މުހައްމަދު އިބްރާހިމް ވެސް އެ ކަންބޮޑުވުން ފާޅުކުރި އެވެ.

"އެ [ދިވެހި] އަލައަށް ޖެހުނު ބައްޔެއް ވެސް ނުހޯދުނު އެއަށް ލިބުނު ފަރުވާއެއް ވެސް ނެތް. ދިވެހި އަލަ ހަމަ މަރުވީ. ދިވެހި އަލައެއް ނެތް." މުހައްމަދު އިބްރާހިމް ބުންޏެވެ.

އެހެންނަމަވެސް، ދިވެހި އޮޅު އަލަ އަކީ ހަގީގަތުގައި ރާއްޖެ އަށް "ނޭޓިވް" ނުވަތަ ރާއްޖޭގައި ގުދުރަތީ ގޮތުން ކުރިން ވެސް ހެދޭ އެއްޗެއް ކަމެއް އެނގޭކަށް ނެތެވެ.

ދަނޑުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިބްރާހިމް ޝަބާއު ލަފާ ކުރައްވާ ގޮތުގައި އިންޑިއާ، ލަންކާ އަދި އިންޑޮނޭޝިއާއިން މީގެ ޒަމާންތަކެއް ކުރިން ރާއްޖެއަށް ގެނައީ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މީގެ އެތައް ސަަތޭކަ އަހަރު ކުރިން ވެސް ހުވަދޫ އަދި އައްޑޫން ލަންކާ، އިންޑިއާ އަދި އިންޑޮނޭޝިއާ ފަދަ ތަންތަނަށް ސީދާ ދަތުރު ކުރި އެވެ. ކަންކުން ފަތް އަދި ސިޓްރަސް ފްރުޓްތައް ވެސް އެ ދުވަސްވަރު ރާއްޖެއަށް ތައާރަފުވި ކަމަށް އޭނާ ވިދާޅުވި އެވެ.

އުންމީދުތަކާ ގުޅިފައި

ދެކުނުގެ ދަނޑުވެރިން އަލައިން މަންފާ ހޯދި ޒަމާން އަނބުރާ ގެންނަން ބޭނުންްވެ އެވެ. ސަގާފަތާއި އާދަކާދަ އާއި ތާރީހާ ގުޅިފައިވާ އެ ފަލަމަޑި ނެތިޔުމަކީ އެދޭ ގޮތެއް ނޫނެވެ.

ފިޔޯރީ ކައުންސިލުގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވި ގޮތުގައި އެ ރަށުގައި ވެސް އެކި ބޭނުންތަކަށް އަލަ ހެއްދުން ކުރިއާ އަޅާ ބަލާއިރު ދަށަށް ހިނގައްޖެ އެވެ. އަލަ ހައްދަން ކުރަން ޖެހޭ މަސައްކަތް ބޮޑުކަމުން އެކަމަށް އޮތް ޝައުގުވެރިކަަން މިހާރު ގެއްލިފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އެ މަސައްކަތް ކުރަނީ މިހާރު ވިއްސަކަށް މީހުންނެވެ.

ކައްކާފައި ހުރި އަލަ: ދުޅަހެޔޮ ކާނާއަަކަށް ވުމުގެ އިތުރަށް އަލަ ވިއްކައިގެންނާއި އޭގެން އުފެއްދުންތައް ހަދައިގެން އާމްދަނީ ހޯދި

ކައްކާފައި ހުރި އަލަ: ދުޅަހެޔޮ ކާނާއަަކަށް ވުމުގެ އިތުރަށް އަލަ ވިއްކައިގެންނާއި އޭގެން އުފެއްދުންތައް ހަދައިގެން އާމްދަނީ ހޯދި

ހުވަދޫ، ފުވައްމުލައް އަދި އައްޑޫގައި ތުނިކޮށް އަލަ ކޮށައި ތެލުލައިގެން ވިއްކައި ވެސް ހަދަ އެވެ. އޭގެން ދިވެހި މެޓާ ހަދައި އެ ތަކެތި ވެސް ވިއްކައި އުޅުނެވެ. އެއީ އާއިލާތަކުން އާމްދަނީ ހޯދުމަށް ކުރި މަސައްކަތެއް ނަމަވެސް، އެ ދޮރު ވެސް ގިނަ މީހުންނަށް މިހާރު ބަންދު ކަމަށް މުހައްމަދު އިބްރާހިމް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި، ބަލީގެ ފެތުރުނު ފަހުން، އަލަ ލިބޭލެއް މަދު ކަމުން އޭގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެންމެ ރަނގަޅަށް ހެއްދުނު ދުވަސްވަރު ކިލޯއެއް 30-20 ރުފިޔާއަށް ލިބުނު ނަމަވެސް މިހާރު އަގު ކިލޯއެއް 80-100 ރުފިޔާއަށް ވުރެ މައްޗަށް ހިނގައްޖެ ކަމަށް އޭނާ ބުންޏެވެ.

"ކެންޔާ އަލަ ނަމަވެސް އަަޅުގަނޑުމެން ބޭނުންވަނީ ރަނގަޅުކަމުގައި ވަނީ ނަމަ އަލަ އޮޅު ހައްދާ ފަރާތަކަށް ބަހައިގެން ހަމަ ކުރިން ވެސް ވާދޫގައި އޮތް ބޮޑު އަލަ ދަނޑުތައް އަލަ ދަނޑުތައް ގޮތުގައި އުފެއްދުން." މުހައްމަދު އިބްރާހިމް ބުންޏެވެ.