Roadha Mihaaru
ގަސްތަކަށް ޖެހޭ "ކަޅުކޫޑި ބަލި" އެންމެ ގިނައީ އުތުރުގައި

ގަސްތަކަށް ޖެހޭ "ކަޅުކޫޑި ބަލި" އެންމެ ގިނައީ އުތުރުގައި

09 މާޗް 2023

ރާއްޖޭގެ ރުއްތަކަށާއި ގަސްތަކަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާ ކަމަށާއި މި ބަލި އެންމެ ގިނައިން ފެތުރިފައި ވަނީ އުތުރު ރަށްތަކުގެ ގަސްތަކުގައި ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ ރުއްތަކަށާއި ގަސްތަކަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާ ކަމަށާއި މި ބަލި އެންމެ ގިނައިން ފެތުރިފައި ވަނީ އުތުރު ރަށްތަކުގެ ގަސްތަކުގައި ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.

މި ބަލި ފެތުރެނީ ދިރޭ ސޫތްޕެއްގެ ސަބަބުންނެވެ. އެ ފަނިފަކުސަ ރުކުގެ ފަނާއި ގަހުގެ ފެހި ބައިތަކަށް ހަމަލާދިނުމުން ސޫޓީމޯލްޑް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް (ކަޅުކޫޑި ބަލި) ފެތުރި، ގަސްތައް ނިކަމެތިވެ ބައެއް ގަސްތައް މަރު ވެސް ވެ އެވެ.

ފިޝަރީޒް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރުﷲ ހުސެއިން "މިހާރު" އަށް ވިދާޅުވީ ރުއްތަކަށާއި ގަސްތަކަށް ފެތުރެމުން ދަނީ މުޅިން އާ ބައްޔެއް ކަމަށެވެ. މިހާތަނަށް މިނިސްޓްރީން ބެލި ބެލުމުން މި ބަލި އެންްމެ ބޮޑަށް ފެތުރޭ ކަމަށް ފާހަގަ ކުރެވިފައި ވަނީ އުތުރުގެ ރަށްތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބަލި ޖައްސާ ޖަރާސީމު ދެނެގަނެ، ބަލި ކޮންޓްރޯލްކުރުމަށް ޖެހޭ މަސައްކަތްތައް މިނިސްޓްރީން އަންނަނީ ހޯދަމުންނެވެ.

މިއީ އެއްގަހުން އަނެއް ގަހަށް އަރާ ބައްޔެއް ކަމުން ގަސްވިއްކާ ފަރާތްތަކާއި ގަސް ގަންނަ ފަރާތްތަކުން ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އުތުރުގެ ބައެއް ރަށްތަކުން ވާހަކަ ދައްކާލި މީހުން ބުނިގޮތުގައި އެ ބަލި ޖެހިފައިވާ ރުއްތަކުގައި އަޅާ ކުރުނބާގެ ރަހަ ތަފާތެވެ.

"ބަލި ޖެހިފައި ހުންނަ ރުއްތަކުގެ ކުރުނބާ ފެނުގަ ލާނީ ފާ ރަހަ ކަހަލަ ރަހައެއް. ވަރަށް ނުބައި ވަހެއް ވެސް ހުންނާނެ ފެނުގައި. ކާށި ލިބުން ވެސް މިހާރު ދަތިވެގެން މި އުޅެނީ މި ބަލީގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ބުނި ގޮތުގައި ބައެއް މީހުން ބަލި ޖެހިފައިވާ ގަސްތައް ރަނގަޅު ކުރުމަށް ތަފާތު ބޭސް ބޭނުންކުރެ އެވެ. އަނެއްބައި މީހުން ގަސްތަކަށް ފެން ވެސް ޖަހަ އެވެ.

މިނިސްޓްރީން ވަނީ ބަލީގެ އެއްވެސް އަލާމާތެއް އެއްވެސް ގަހަކުން ފެނިއްޖެ ނަމަ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެންގުމަށް އެދިފަ އެވެ.

ރޯދަމަސް ކައިރިވަމުން އަންނައިރު ބާޒާރުގައި ކާށީގެ އަގު ބޮޑުވެފައި ވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.