Roadha Mihaaru
ބަޔަކު ނުރުހުނަސް، ޑްރަގާ ދެކޮޅު މަސައްކަތް ނުހުއްޓޭނެ

ބަޔަކު ހިތްހަމަނުޖެހުނަސް، ޑްރަގާ ދެކޮޅު މަސައްކަތް ހުއްޓައެއް ނުލާނަން: ރައީސް

04 ޖެނުއަރީ 2022

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން ކުރާ މަސައްކަތާ މެދު ބަޔަކު ހިތްހަމަނުޖެހުނަސް، އެކަން ހުއްޓާނުލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން ކުރާ މަސައްކަތާ މެދު ބަޔަކު ހިތްހަމަނުޖެހުނަސް، އެކަން ހުއްޓާނުލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ލަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އެކަން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި އެކަމާ މެދު ބަޔަކު ކަންބޮޑުވިޔަސް، އެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިކަމާ ކަންބޮޑުވާ ބަޔަކު އެބަ އުޅޭ. އެއީ ޑްރަގްގެ ވިޔަފާރި ރާއްޖޭގައި ކުރާ ފަރާތްތަކާއި ވަގު ވިޔަފާރީއަށް ދެވި ހިފާފައި ތިބި ފަރާތްތައް. އެ މީހުންނަކަށް ކަމަކު ނުދާނެ މިކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެން އެކަމެއް ހުއްޓައެއް ނުލާނަން. އެހީ ލިބެން އޮތް ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާ އެކު ރާއްޖޭގެ ބޯޑަރުތައް ބަލަހައްޓައި، ރާއްޖެއަށް އެތެރެކުރާ ޑްރަގް ކޮންޓްރޯލް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ދާދިފަހުން އެކުލަވާލި ޓާސްކް ފޯހުގެ މަސައްކަތުގެ ނަތީޖާ މިއަހަރުގެ މެދު ތެރޭގަައި ފެންނަން ފަށާނެ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން ބޭރުގެ އެހީ ވެސް ހޯދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އެގޮތަށް ވިދާޅުވިއިރު، މިދިޔަ އަހަރު 500 ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަނިކޮށް ވަނީ އަތުލައިގެންފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި އެންމެ ގިނައިން މަސްތުވާތަކެތި އަތުލައިގަތް އަހަރެވެ.