Roadha Mihaaru
މިނިވަން މުއައްސަސާތަކަށް ސިޔާސީ ޕާޓީތަކުގެ ނުފޫޒު އެބައޮތް: އެމްއާރުއެމް

މިނިވަން މުއައްސަސާތަކަށް ސިޔާސީ ޕާޓީތަކުގެ ނުފޫޒު އެބައޮތް: އެމްއާރުއެމް

06 ޑިސެމްބަރ 2022

ސިޔާސީ ޕާޓީތަކުގެ ނުފޫޒު މިނިވަން މުއައްސަސާތަކަށް މިހާރު އޮންނަ ކަން އިލެކްޝަންސް ކޮމިޝަން (އީސީ) އާ އެކު އެމްއާރުއެމުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަރަށް ބޮޑަށް އެނގިއްޖެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ސިޔާސީ ޕާޓީތަކުގެ ނުފޫޒު މިނިވަން މުއައްސަސާތަކަށް މިހާރު އޮންނަ ކަން އިލެކްޝަންސް ކޮމިޝަން (އީސީ) އާ އެކު އެމްއާރުއެމުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަރަށް ބޮޑަށް އެނގިއްޖެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ އެމްއާރުއެމްގެ ކަންބޮޑުވުންތައް އީސީއާ ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވިގޮތުގައި، މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރަނީ އެ ތަންތަނަށް މެމްބަރުން އައްޔަން ކުރަނީ ރައްޔިތުންގެ މަޖިލިހުން ކަމަށް ވާތީ އެވެ.

"...އެއީ ވަކި އިލެކްޝަންސް ކޮމިޝަނެއް ނޫން. އެހެން ކޮމިޝަންތަކުގެ މެމްބަރުންގެ މައްޗަށް ވެސް ނުފޫޒު ފޯރުވޭ ކަމަށް ގިނަ ރައްޔިތުން އެބަ ގަބޫލުކުރޭ. އެހެންވީމާ އަޅުގަނޑުމެންގެ އެދުމަކީ މަޖިލިސްގައި އެ ތިއްބަވާ މެމްބަރުންނާއި އަދި ސިޔާސީ މަގާމުތަކުގައި ތިއްބަވާ މެމްބަރުންގެ ނުފޫޒު ދިވެހިރާއްޖޭގައި އޮތް އެއްވެސް މުއައްސަސާއެއްގެ އެއްވެސް މެމްބަރަކަށް ނުފޯރުވުން،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ނައިބު ރައީސް ވިދާޅުވި އެވެ.

އެ ޕާޓީގެ ރައީސް އަދި މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ސަގާފަތް މިހާރު އޮތް ގޮތުން ދައުލަތަށް ހިދުމަތް ކުރުމުގެ ފުރުސަތުން ގިނަ ބަޔަކު މަހުރޫމު ވެފައިވާ ކަމަށެވެ. އެހެންވެ، ސިޔާސީ ޕާޓީތަކާ ނުގުޅޭ މީހުންނަށް ފުރުސަތު ދޭން އެމްއާރުއެމުން މަސައްކަތް ކުރިޔަސް އެ ކަމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ރާއްޖޭގެ ކަންކަން މިހާރު އޮތް ގޮތުން ސިޔާސީ ކަންކަން "ބޮޑު ބާޒާރަކަށް" ވަނީ ވެފަ އެވެ.

އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން: މިހާރުގެ ސިޔާސީ މަސްރަހާ މެދު ކަންބޮޑުވެވަޑައިގަންނަވާ.

އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން: މިހާރުގެ ސިޔާސީ މަސްރަހާ މެދު ކަންބޮޑުވެވަޑައިގަންނަވާ.

"ވަރަށް އަންހެލްތީ ވަރަށް ނުރަނގަޅު އުސޫލުތަކެއް، އާދަތަކެއް މިހާރު މި ވަނީ ގާއިމު ވެފައި. މީހަކު ވަޒީފާއެއް ބޭނުންވެއްޖެ ނަމަ މީހަކު އަމިއްލަ ދިރިއުޅުމުގައި ކުރިއެރުމެއް ބޭނުންވެއްޖެ ނަމަ ކޮންމެވެސް ސިޔާސީ ޕާޓީއަކާ ގުޅިގެން ކޮންމެވެސް ބައެއްގެ ފަހަތަށް އަރައިގެން މެނުވީ ދިވެހި ރައްޔިތަކަށް އެއްވެސް ކަމެއް ހާސިލު ނުވާ ހިސާބަށް ގޮސްފައި މި އޮތީ މިހާރު،" ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބައެއް ކަންކަން ހަމަޖެހޭނީ ވަކި ސިޔާސީ ޕާޓީއެއްގެ ބަޔަކަށް ކަމަށް ބުނެ ފާޅުގައި ބައެއް މީހުން ވާހަކަ ދައްކާ ކަމަށެވެ. ގާނޫނުއަސާސީގެ ދަށުން އެކި މަގާމުތަކަށް އައްޔަން ކުރާ މީހުން އެންމެންނަށް ހަމަހަމަކޮށް ހިދުމަތް ކުރަން ޖެހުނު ނަމަވެސް އެ ކަން އެހެން ނުދާ ކަމަށް ފާރިސް ވިދާޅުވި އެވެ.

"ތިމަންނަ ޕާޓީގެ މީހުންނަށޭ ހުރިހާ ވަޒީފާއެއް ލިބޭނީ، ތިމަންނަގެ ޕާޓީގެ މީހުންނަށޭ ސަރުކާރުގެ ހުރިހާ ކޮންޓްރެކްޓެއް ލިބޭނީ ސްކޮލަޝިޕެއް ލިބޭނީ، ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭން ޖެހޭ ކަމެއް ހަމަޖެހޭނީ ޕާޓީ އަށް ސޮއިކުރީމައޭ ޕާޓީ އަށް މެމްބަރުން ގެނައީމައޭ 20 ފޯމު ގެނައީމައޭ. މި އުސޫލު މި އޮތީ ގާއިމު ވެފައި. މި ނޫން ގޮތަކަށް ކަންކަން ނުހިނގާނެ ކަމަށް މީހުން ގަބޫލު ވެސް ކުރޭ މިހާރު،" ފާރިސް ވިދާޅުވި އެވެ.

މީހަކު ވަޒީފާއެއް ބޭނުންވެއްޖެ ނަމަ މީހަކު އަމިއްލަ ދިރިއުޅުމުގައި ކުރިއެރުމެއް ބޭނުންވެއްޖެ ނަމަ ކޮންމެވެސް ސިޔާސީ ޕާޓީއަކާ ގުޅިގެން ކޮންމެވެސް ބައެއްގެ ފަހަތަށް އަރައިގެން މެނުވީ ދިވެހި ރައްޔިތަކަށް އެއްވެސް ކަމެއް ހާސިލު ނުވާ ހިސާބަށް ގޮސްފައި މި އޮތީ މިހާރު،"--- ފާރިސް

އޭނާ ވިދާޅުވީ އެ ކަންކަމުން އަރައިގަންނަން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުންނާއި މިނިވަން މުއައްސަސާތަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، މިހާރު ހިމާޔަތް ކުރެވެނީ ސިޔާސީ ޕާޓީތަކާއި ސިޔާސީ ފަރާތްތައް އެކަނި ކަމަށެވެ. ނިކަމެތި އާންމުންގެ މަސްލަހަތު ހިމާޔަތް ކުރެވޭކަށް ނެތެވެ.

ފާރިސް ވިދާޅުވިގޮތުގައި، އާންމުންގެ އިތުބާރު ގެއްލިގެން އުޅޭ މައިގަނޑު ސަބަބަކީ ސިޔާސީ ޕާޓީތައް މަސައްކަތް ކުރަން ނޭނގުމެވެ. އާންމުންގެ ކަންބޮޑުވުންތައް ޕާޓީތަކުން އަހައި ކަންކަން ނިންމިޔަސް އެ ކަމެއް ވަކި ގޮތަކަށް ނިންމި ސަބަބު ބުނެދޭން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަންކަން އިސްލާހު ކުރަން އެމްއާރުއެމުން ހާއްސަ މަސައްކަތްތަކެއް

ފާރިސް ވިދާޅުވީ، އެ ކަންކަމަށް ރިއާޔަތްކޮށް އެމްއާރުއެމުން ވަކި އުސޫލުތަކެއް މިހާރު އެކުލަވައިލަމުން އަންނަ ކަމަށެވެ.

"ކުރުކޮށް ދަންނަވާ ނަމަ ނަމަ އަޅުގަނޑުމެންގެ އެތެރޭގެ އުސޫލުތައް އެބަ ގާއިމުކުރަން. މިހާރު އޭގެ ބޮޑު ބައި ނިމިފައި މި އޮތީ. ހަމަ އެއާއެކީގައި ދައުލަތުގެ ކަންތައްތައް އިސްލާހު ކުރުމާ ބެހޭ ގޮތުން އަޅުގަނޑުމެން ސިޔާސަތުތަކެއް އެބަ ކަނޑައަޅަން. ސިޔާސަތުތައް ކަނޑައަޅާ ކޮމިޓީތައް އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް އެބަކުރޭ،" އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވިގޮތުގައި، އެ މަސައްކަތަށް އެމްއާރުއެމްގެ އެތެރެ އާއި ބޭރުގެ ފަންނީ ލަފާ ވެސް އަންނަނީ ހޯދަމުންނެވެ.

"އަޅުގަނޑުމެން ޕްރޮޕޯޒް ކުރާނަން އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އަޅުގަނޑުމެންގެ ޕޮލިސީ ޕެކޭޖު. ރައްޔިތުންނާ އެ ހިއްސާ ކުރުމަށް ފަހު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކީގައި މެނިފެސްޓޯއަކާ ހިސާބަށް އިރާދަކުރެއްވިއްޔާ ދާނަން. ކުދިކުދި އިސްލާހުތަކެއް ކުދިކުދި ބަދަލުތަކެއް ގެނެސްގެން ކަންކަން ރަނގަޅު ކުރެވޭނެ ކަމަކަށް އަޅުގަނޑުމެންނެއް ގަބޫލެއް ނުކުރަން. ބޭނުންވަނީ މުޅިން އާ ވިސްނުމަކާ އެކީގައި އަލުން ދިވެހި ރައްޔިތުންގެ އެންމެންނަށް ބައިވެރިވެވޭ ގޮތެއް،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ކަންން ހާސިލު ކުރުމަށްޓަކައި އެމްއާރުއެމްގެ އެތެރޭގެ ބިންގާ ވަރުގަދަ ކުރަންޖެހޭ ކަމަށެވެ.

"އެ މަސައްކަތުގައި އަޅުގަނޑުމެން ދެމި މިތިބީ. ﷲ ގެ އިރާދަފުޅުން އަޅުގަނޑުމެންގެ ހަރަކާތްތައް ފެންނާނެ. އަޅުގަނޑުމެންގެ މެމްބަރުންނާއި މެމްބަރުންނަށް ވާން ބޭނުންވާ މީހުންނާއި ވަކި ޕާޓީއަކަށް ސޮއިކޮށްފައި ތިބި މީހުންނާއި ނުކުރާ މީހުންނާއި މި އެންމެން ޖުމުލަކޮށް ހިމެނޭ ގޮތުން އަޅުގަނޑުމެން ބައްދަލުކުރަން ފުރުސަތު ހޯދޭތޯ ބަލާނަން،" ފާރިސް ވިދާޅުވި އެވެ.