Roadha Mihaaru
އީސީގެ މިނިވަންކަމާ މެދު ބޮޑެތި ތުހުމަތުތަކެއް؟

އީސީގެ މިނިވަންކަމާ މެދު ބޮޑެތި ތުހުމަތުތަކެއް؟

08 ނޮވެމްބަރ 2016

ރާއްޖޭގައި އަލަށް، އީ ވޯޓިން ތައާރަފް ކުރަން އުޅުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަމާޒުކުރި ފާޑުކިޔުންތަކަށް ކޮމިޝަނުން ދިން ރައްދަކީ މި އެވެ؛ "ކޮމިޝަން މިނިވަންތޯ ނުވަތަ އިތުބާރު ކުރެވޭތޯ ކަނޑައެޅޭނީ އިންތިހާބެއް ބޭއްވީމަ އެވެ. މި ކޮމިޝަނުން އަދި އިންތިހާބެއް ނުބާއްވަމެއް ނޫން ހެއްޔެވެ؟".

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި އަލަށް، އީ ވޯޓިން ތައާރަފް ކުރަން އުޅުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަމާޒުކުރި ފާޑުކިޔުންތަކަށް ކޮމިޝަނުން ދިން ރައްދަކީ މި އެވެ؛ "ކޮމިޝަން މިނިވަންތޯ ނުވަތަ އިތުބާރު ކުރެވޭތޯ ކަނޑައެޅޭނީ އިންތިހާބެއް ބޭއްވީމަ އެވެ. މި ކޮމިޝަނުން އަދި އިންތިހާބެއް ނުބާއްވަމެއް ނޫން ހެއްޔެވެ؟".

ކޮމިޝަނަށް ކުރާ ތުހުމަތުތަކަށް މި ރައްދު ދިނަސް، އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަމާއި އިންސާފުވެރިކަން ވަޒަންކުރެވޭނީ ހަމައެކަނި އިންތިހާބަކުން ނޫނެވެ. އެންމެ ބޮޑަށް އެކަން ހާމަވާނީ ކޮމިޝަނުގެ ނިންމުންތަކުންނެވެ.

ފުލުފުލުގައި ނިންމާ ނިންމުންތަކާ މެދު އެތައް ބަޔަކު ސުވާލު އުފައްދަ އެވެ. ކޮމިޝަނުގެ މިނިވަންކަން ގެއްލި، ސަރުކާރުގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެ އެވެ.

ފަސް މެމްބަރުން ހިމެނިވަޑައިގަންނަވާ އިލެކްޝަންސް ކޮމިޝަނުގެ ބައެއް ނިންމުންތަކަށް ބަލާލަމާ ހިނގާށެވެ. އެ ކޮމިޝަނަށް ކުރާ ތުހުމަތުތަކާއި ދިފާއުގައި ކޮމިޝަނުން ދައްކާފައި ހުރި ވާހަކަތަކަށް ބަލައިި ގޮތް ނިންމާނީ އޭގެ ފަހުންނެވެ.

ސުވާލު އުފައްދާ ނިންމުންތައް!

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ މުއްދަތު ޑިސެމްބަރު އެކަކާ ހަމައަށް މިދިޔަ އާދީއްތަ ދުވަހު އިތުރުކުރީ ކުއްލިއަކަށެވެ. ސަބަބެއް ނުބުނެ އެވެ. އެކަމަކު ޕީޕީއެމްގެ، މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން ފެކްޝަނުން ވެސް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ މި ނިންމުމާ އެކު އެކީގަ އެވެ. ޕީޕީއެމްގެ އެތެރޭގެ ތަޅާފޮޅުންތަކާ ހެދި އިންތިހާބަށް ވަގުތު ކުޑަތަންވިއިރު ވެސް އެކަށީގެންވާ މިންވަރަށް އިންތިޒާމްތައް ހަމައެއް ނުޖެއްސެ އެވެ. އެހެންވެ، ކައުންސިލް އިންތިހާބު ބާއްވާ ތާރީހު ފަސްކުރަން އިލެކްޝަނުގައި އެދޭނެ ކަމަށް ވެސް އެ ފެކްޝަނުން އޮތީ ބުނެފަ އެވެ.

ގާނޫނުގައި ބުނާ ގޮތުން އިންތިހާބު ބާއްވާ ތާރީހް ފަސްކުރެވޭކަށް ނެތެވެ.

އެކަމަކު އިންތިހާބަށް ކުރިމަތިލާ މުއްދަތު އިތުރުކުރީ، ކުރިން ދީފައި އޮތީ ގާނޫނުން ދެވެން އޮތް އެންމެ ދިގު މުއްދަތު ކަމަށް ބުނުމަށް ފަހު އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި، ޕާޓީތަކަށް ފައިސާ ނުދީގެން އޮއްސާލި ޝަކުވާތަކަށް ވެސް އިލެކްޝަނުން ދިނީ "ބީރު ކަންފަތެކެ"ވެ. އެކަން ލަސްކޮށް ދެއްކި އުޒުރުތައް ވެސް ބައިވަރެވެ. ޕާޓީތައް ހިންގަނީ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ނޫން ކަމަށް ރައީސް ޔާމީން ސިޓީފުޅެއް ނެރުއްވާފައި ވަނިކޮށް، ހަމަ އެ މޭރުމުން ޕާޓީތަކުގެ އެތައް މައްސަލައެއް ދައްކައި ފައިސާ ލަސްވަނީ އެ ސަބަބާ ހެދި ކަމަށް އިލެކްޝަނުން ވެސް ޕާޓީތަކަށް ސިޓީ ފޮނުވި އެވެ. އޭރު ޕީޕީއެމްގެ ތަޅާފޮޅުން އޮތީ އެންމެ ފޯރިގަދަ ހިސާބުގަ އެވެ.

ޕީޕީއެމް ރައީސްގެ ހުރިހާ ބާރުތަކެއް ކޯޓުން ރައީސް ޔާމީނާ ހަވާލުކުރުމާ އެކު ޕާޓީތަކަށް ފައިސާ ވެސް ދޫކުރީ އެވެ. އޭރު އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ މެމްބަރުންގެ އަދަދު، އިނގިލީގެ ނިޝާން ނެތުމުން، އެތައް ހާހަކުން އޮތީ ދަށްކޮށްފަ އެވެ. މިއީ މުޅިން ވެސް އިއްތިފާގު ހެއްޔެވެ؟ އަނެއްކޮޅުން ފައިސާ ނުދޭ ސަބަބު ބަޔާންކޮށް އީސީން ޕާޓީތަކަށް ފޮނުވި ހަރުކަށި ސިޓީގައި އިސްލާހުކުރަން އެދުނު އެއްވެސް ކަމެއް، އެއްވެސް ޕާޓީއަކުން ރަނގަޅުކޮށްފައެއް ނުވެ އެވެ.

ޕާޓީ ހިންގަންވާ ގޮތާއި ބާރުތައް ބަދަލުކުރެވޭނެ ގޮތް ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވާއިދުގައި ލިއެފައި އޮއްވައި އޭގެ ބޭރުން، ކޯޓަށް ގޮސްގެން ޕީޕީއެމް މައްސަލާގައި މެމްބަރުންތަކެއް ފަރުވާ ހޯދިއިރު ވެސް އިލެކްޝަންސް ކޮމިޝަން ފެނުނީ "ހިމޭނުން" އޮތް މަންޒަރެވެ. ޕާޓީތަކުގެ ބެލެނިވެރިފަރާތުގެ މާ ބޮޑު ޒިންމާއެއް އޮތް ކަމަކަށް އެ ކޮމިޝަނުން ނުދެކެ އެވެ.

މައުމޫނާއި ރައީސް ޔާމީން ފެކްޝަނުގެ ތެރެއިން ލޯކަލް ކައުންސިލް އިންތިހާބުގައި ބަލައިގަންނާނީ ކޮން ފެކްޝަނެއްގެ ފޯމުތޯ ވެސް އިލެކްޝަނަކުން ނުބުނެ އެވެ. އެ ކޮމިޝަނުގެ ނިންމުމަކީ، ރައީސް ޔާމީން ފެކްޝަނުގެ ފޯމުތައް ބަލައިގަތުން ކަން އިއުލާންކުރީ އެ މީހުން އަމިއްލަ އަށެވެ.

ދެން އޮތީ، އިނގިލީގެ ނިޝާން ނެތް މެމްބަރުން ޕާޓީތަކުން ވަކިކުރި މައްސަލަ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެމްޑީޕީން ވަކިކުރީ ދަފްތަރުގައި ހިމަނަން އެ ޕާޓީން އިލެކްޝަނަށް ފޯމު ހުށަހަޅާފައި ވަނިކޮށެވެ. އެމްޑީޕީ އާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކާ ދެމެދު އުފެދިފައިވާ މައްސަލަތަކާ ހެދި އޭނާގެ ފޯމު އިލެކްޝަނަށް އެ ޕާޓީން ހުށަހައެއް ނާޅަ އެވެ.

އެކަމަކު މޫސަ ޕާޓީން ވަކިނުކޮށް، އިބޫ އާއި އީވާ ޕާޓީން ވަކިކުރީ އެވެ. މިކަން ހިނގި ގޮތް، ގަބޫލުކުރެވޭ މިންވަރަށް އެ ކޮމިޝަނުން ސާފުކޮށެއް ނުދެ އެވެ.

ކައުންސިލް އިންތިހާބުގައި އީ ވޯޓިން ތައާރަފްކުރަން ތައްޔާރުވީ ޕާޓީތަކުން ދެކޮޅުހަދަމުން ދަނިކޮށެވެ. އީ ވޯޓިން ކުރިއަށް ގެންދާނެ ސަރަހައްދުތަކާއި ބޭނުންކުރާނެ މެޝިންތައް ބެލުމަށް ފަހު އެންމެ ފަހު ވަގުތު ކެންސަލްކުރި ސަބަބެއް ނުބުނެ އެވެ.

ކައުންސިލް އިންހާބުގައި ރާއްޖެ އިން ބޭރުގައި ވޯޓު ފޮށި ނުބަހައްޓަން ވެސް ނިންމި އެވެ. ސަބަބު ނުބުންޏަސް އެ ނިންމުމަށް ވެސް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ.

ހާމަ ނުވެ ހުރި ބައެއް ވާހަކަތައް!

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުގެ އެކި ޑިޕާޓްމެންޓްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ. ބައެއް ޑިޕާޓްމެންޓްތަކުގައި ތިއްބެވި އިސް ބޭފުޅުން އެހެން ޑިޕާޓްމެންޓްތަކަށް "އެހެލާފައިވާ" އިރު ބަޔަކު ވަޒީފާ އިން ވަކިވެއްޖެ އެވެ.

އިއުލާންކޮށްގެން ބައެއް މަގާމްތަކަށް މީހުން ހަމަޖެއްސިއިރު މ. އަތޮޅު ގިނަ ބަޔަކަށް ވަޒީފާ ލިބުމަކީ އިއްތިފާގެއްތޯ ކޮމިޝަނުގެ އިދާރީ ބައެއް މުވައްޒަފުން ވެސް ސުވާލު އުފައްދަ އެވެ.

ކޮމިޝަނުގެ އެތެރޭގެ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ގިނަ ޑިޕާޓްމެންޓްތަކުގެ އިސްކޮށް މިވަގުތު ތިއްބެވީ މ. އަތޮޅަށް ނިސްބަތްވާ ބޭފުޅުންނެވެ. އޭގެ ތެރޭގައި ރަޖިސްޓްރޭޝަނާއި ކޯޑިނޭޝަން ޑިޕާޓްމެންޓާއި ލީގަލް ޑިޕާޓްމެންޓާއި ކޮމްޕްލެއިންޓްސް ބިއުރޯ ހިމެނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ރީރަޖިސްޓްރީވުމަށް ބަހައްޓާފައިވާ ކައުންޓަރުތައް: ކޮމިޝަނުގެ ގިނަ ޑިޕާޓްމެންޓްތަކެއްގެ ހިންގުމަށް ވަނީ ބަދަލު ގެނެސްފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ލޯކަލް ކައުންސިލް އިންތިހާބުގައި ރީރަޖިސްޓްރީވުމަށް ބަހައްޓާފައިވާ ކައުންޓަރުތައް: ކޮމިޝަނުގެ ގިނަ ޑިޕާޓްމެންޓްތަކެއްގެ ހިންގުމަށް ވަނީ ބަދަލު ގެނެސްފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މިހާތަނަށް ސިއްރެއްގެ ގޮތުގައި އޮތަސް، މި ދޭތެރެއަކުން ސީރިއަސް އެހެން މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެއީ، ދ. ކުޑަހުވަދޫގައި 3،000 މީހުން ހަމަނުވަނީސް އެ ރަށަށް ފަސް ކައުންސިލަރުން އިންތިހާބުކުރަން އުޅުމެވެ. ގާނޫނަށް ގެނައި ބަދަލާ އެކު، އެ ރަށަށް ކައުންސިލަރުން އިންތިހާބުކުރަން ޖެހޭ އަދަދު ކަނޑައެޅީ ޖޫން، ހަމައަށް އާބާދީގެ ނިސްބަތަށް ބަލައިގެންނެވެ. އެ މުއްދަތުގައި ކޮމިޝަނުން ބެލިއިރު އެ އަދަދު ހަމައެއް ނުވެ އެވެ.

ގާނޫނާ ހިލާފުވެ، އެ ގޮތަށް އަމަލުނުކުރާނެ ކަމަށް ވިދާޅުވި އިސް މުވައްޒަފަކު ވަނީ ވަޒީފާ އިން ވެސް ވަކިވެފަ އެވެ.

ވަޒީފާތަކަށް ހޮވާނެ މީހުން ކަނޑައެޅުމަށް ފަހު ވަޒީފާ އިއުލާންކުރުމަކީ ވެސް ކޮމިޝަން ތެރޭގައި ހިނގާ ކަމެއް ކަމަށް އިތުބާރު ހުރި ގޮތަކަށް "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.

އިންތިހާބުތައް އިންސާފުވެރިއެއް ނުވާނެ!

އިދިކޮޅު ޕާޓީތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮމިޝަން މިހާރު ހަރަކާތްތެރިވަމުން ދާ ގޮތުން އިންތިހާބުތައް މިނިވަންނުވުމުވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމެޓީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށެވެ. އެ ކޮމިޝަނުން އަމަލުކުރަނީ ސަރުކާރުން އަންގާ ގޮތަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އޭގެ ހެއްކަކީ، ނިޔާޒު ވިދާޅުވި ގޮތުގައި، "އޯވަނައިޓުން" ނިންމާ ނިންމުންތަކެވެ.

"އިލެކްޝަންސް ކޮމިޝަން ވާން ޖެހެނީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން، އިތުބާރު ކުރެވޭ ތަނަކަށް. އެކަމަކު ކޮމިޝަނުގެ ނިންމުންތަކަކީ ދެ ފުށް ފެންނަ ނިންމުންތަކެއް ނޫން. ނިންމުންތަކަށް ރައްޔިތުންނަށް އިތުބާރެއް ނުކުރެވޭ،" ނިޔާޒް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެކުލަވާލާފައިވާ ގައުމީ ލަފާ ދޭ ކޮމެޓީގައި ވެސް މި ކަންބޮޑުވުންތައް ޕާޓީތަކުން ފާޅުކުރާ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"މިހާރު އޮތް އިލެކްޝަންސް ކޮމިޝަނުން އިންތިހާބުތައް މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވީ ކޮމިޝަންގައި ތިއްބަވާ މެމްބަރުންގެ ނިންމުންތަކުގައި އެ ބޭފުޅުންގެ ނިޔަތް ވަރަށް ސާފުވެދާނެ ކަމަށެވެ. އެކަމަކު ނިންމުންތައް އާއްމުންނަށް ފެންނައިރު ބައެއް ކަންކަމުގައި ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން ދެއްކެވީ އިނގިލީގެ ނިޝާން ނެތް މެމްބަރުން ވަކިކުރުމުގައި ކޮމިޝަނުން އަމަލުކުރި ގޮތާއި ލޯކަލް ކައުންސިލް އިންތިހާބުގެ މުއްދަތު އިތުރުކުރި ނިންމުމެވެ.

"ކައުންސިލް އިންތިހާބަށް މުއްދަތު އިތުރުކުރުމުގައި އަމަލުކުރި ގޮތުން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކޮމިޝަނުން އިތުރުފުޅު ހެއްދެވީ ކަމަށް، މަޝްވަރާ ނުކޮށް ނިންމި މި ނިންމުމަކީ ސިޔާސި ވަކި ޕާޓީއެއްގެ ފައިދާ އަށް ނިންމި ނިންމުމެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.

ކޮމިޝަންގެ ރައްދު: "ހަގީގަތެއް ނޫން"

މި ރިޕޯޓުގައި، އީސީގެ ނިންމުތަކާއި އެ ކޮމިޝަންގެ މިނިވަންކަމާއި އިތުބާރާ މެދު ކޮށްފައިވާ ހުރިހާ ތުހުމަތުތަކެއް އެ ކޮމިޝަނުން ދޮގުކުރެ އެވެ.

ކޮމިޝަންގެ މެމްބަރު މުހައްމަދު ޝަކީލް ވިދާޅުވި ގޮތުގައި އެއީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ހިންގާ ކޮމިޝަނެއް ކަމަށެވެ. ސިޔާސީ ވަކި ޕާޓީއަކަށް ވަކި ގޮތެއް ހަދާ ކަމަށް ކުރާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން ބައްދަލުވުމެއްގައި: ކޮމިޝަނަށް ކުރާ ތުހުމަތުތައް މެމްބަރުން ދޮގުކުރައްވާ. -- ފޮޓޯ: އީސީ

އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން ބައްދަލުވުމެއްގައި: ކޮމިޝަނަށް ކުރާ ތުހުމަތުތައް މެމްބަރުން ދޮގުކުރައްވާ. -- ފޮޓޯ: އީސީ

ކައުންސިލް އިންތިހާބުގެ މުއްދަތު އިތުރުކުރީ ހުރިހާ ޕާޓީތައް ހިމެނޭ ގައުމީ ލަފާ ދޭ ކޮމެޓީގައި މަޝްވަރާ ކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ. ޕާޓީތަކަށް ފައިސާ ދިނުމާއި އިނގިލީގެ ނިޝާން ނުޖަހާ މެމްބަރުން ޕާޓީތަކުން ވަކިކުރުމާއި އީ ވޯޓިންގައި ވެސް ކޮމިޝަނުން އަމަލުކޮށްފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް، މިއީ މިނިވަން ކޮމިޝަނެއް، ނިންމުންތައް ނިންމަނީ ވަކި ފަރާތަކަށް ބުރަ ނުވެ ހަމަހަމަކާއި އިންސާފުވެރިކަމާ އެކު،" ޝަކީލް ވިދާޅުވި އެވެ.

އިސް މަގާމްތަކުގައި މ. އަތޮޅު މުވައްޒަފުން ގިނަ ކަމަށް ކުރި ތުހުމަތު ވެސް ދޮގުކުރެއްވި އެވެ. ޑިޕާޓްމެންޓްތަކުގެ އިސް ވެރިން ބަދަލުކުރަނީ، ހުރިހާ މަސައްކަތަކަށް މުވައްޒަފުން އަހުލުވެރިކުރަން ކަމަށް ޝަކީލް ވިދާޅުވި އެވެ.

ކޮމިޝަނަށް މުވައްޒަފުން ނެގުމުގައި ވެސް އަމަލުކުރަނީ، އާއްމުކޮށް އިއުލާންކޮށްގެން، އެންމެ މަތިން މާކްސް ލިބޭ މީހުން ނަގަން ކަމަށް ވިދާޅުވި އެވެ.

ތުހުމަތުތަކާއި އިލެކްޝަންގެ ޖަވާބުތަކަށް ބަލާއިރު އިތުބާރާ މެދު ސުވާލު އުފެދުމުގެ ޖާގަ އޮތް ނަމަ، ކޮމިޝަން އިސްލާހުކުރަން ޖެހެ އެވެ. އެއީ ރައްޔިތުންގެ މުހިއްމު ހައްގެއް ހިމާޔަތްކޮށްދޭން ތިބި ބައަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ ބަޔަކަށް ވާން ޖެހޭނެތީ އެވެ.