Roadha Mihaaru
މޯލްޑިވިއަން އިން އެކްސެސް ބެގޭޖު ފީ ބޮޑުކޮށްފި

މޯލްޑިވިއަން އިން އެކްސެސް ބެގޭޖު ފީ ބޮޑުކޮށްފި

07 ޑިސެމްބަރ 2022

މޯލްޑިވިއަން އިން އެކްސެސް ބެގޭޖް ފީ ބޮޑުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވިއަން އިން އެކްސެސް ބެގޭޖް ފީ ބޮޑުކޮށްފި އެވެ.

ބައެއް މަންޒިލްތަކުން މޯލްޑިވިއަން އިން ވަނީ އެކްސެސް ބެޖޭޖު ފީ ގާތްގަނޑަކަށް ތިން ގުނަ ބޮޑުކޮށްފަ އެވެ. ގަމަށް ކުރާ ދަތުރުތަކުގައި އެ އެއާލައިނުން ހިލޭ ދޭ 20 ކިލޯއަށް ވުރެ އިތުރުވެއްޖެ ނަމަ، އިތުރުވާ ކިލޯއަކަށް ކުރިން ނަގަމުން އައީ 20ރ. އެވެ. މިހާރު ވަނީ އެ ފީ 64ރ. އަށް ބޮޑުކޮށްފަ އެވެ.

އެންމެ ކުޑަކޮށް އެކްސެސް ބެގޭޖް ފީ މީގެ ކުރިން ނަގަމުން އައީ ދަރަވަންދު އަށް ސެކްޓާއިންނެވެ. އެއީ 7ރ. އެވެ. މިހާރު ނަގަން ނިންމާފައި ވަނީ 24ރ. އެވެ.

މޯލްޑިވިއަނުން ބުނީ މި ބަދަލު ގެނައީ ހިންގުމުގެ ހަރަދުތައް ބޮޑުވަމުންދާތީ ކަމަށެވެ.

މޯލްޑިވިއަން އިން ޑޮމެސްޓިކް ދަތުރުތަކުގެ ބެގޭޖު ފީ މި ބޮޑުކުރީ ޖުމްލަކޮށް އެވްރެޖްކޮށް 50 ޕަސެންޓާ ހަމައަށެވެ.

އެކަމަކު މޯލްޑިވިއަންގެ އިންޓަނޭޝަނަލް ފްލައިޓުތަކުގެ ބެގޭޖު ފީއަށް އަދި ބަދަލެއް ނުގެނެ އެވެ. އެކަމަކު އެ ފީތައް ވެސް އަންނަނީ ރިވިއު ކުރަމުން ކަމަށް އެ އެއާލައިނުން ބުންޏެވެ.

މުޅި ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާ އެކު މުދަލާއި ހިދުމަތުގެ އަގުތައް އުފުލެމުން ދާތީ ބައިނަލްއަގުވާމީ އެކި އެއާލައިންތަކުން ވެސް އަންނަނީ ފީތައް ބޮޑުކުރަމުންނެވެ.

ޑޮމެސްޓިކް ދަތުރުތައް މޯލްޑިވިއަން އިން 16 މަންޒިލަކަށް އަންނަނީ ކުރަމުންނެވެ. ޗުއްޓީއާ ދިމާކޮށް ޑޮމެސްޓިކް ދަތުރުތަކަށް ޑިމާންޑު ބޮޑުވެ މޯލްޑިވިއަން އިން އަންނަނީ ދަތުރުތައް އިތުރު ކުރަމުންނެވެ. ޗުއްޓީއާ ދިމާކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އެއާބަސް ދަތުރުތައް ފެށުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.