Roadha Mihaaru
ގައުމީ ރެކޯޑް ހެދުމުގެ އަމާޒުގައި ޔޫސުފް ބެންގަލޫރަށް

ގައުމީ ރެކޯޑް މުގުރާލުމުގެ އަމާޒުގައި ޔޫސުފް ބެންގަލޫރު މެރަތަން އަށް

10 ޑިސެމްބަރ 2022

ރާއްޖޭގެ ހާފް މެރަތަންގެ ގައުމީ ރެކޯޑް މުގުރާލުމުގެ އަމާޒުގައި، ޔޫސުފް އިބްރާހިމް ބެންގަލޫރު މިޑްނައިޓް މެރަތަންގައި މިރޭ ވާދަކުރަން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގެ ހާފް މެރަތަންގެ ގައުމީ ރެކޯޑް މުގުރާލުމުގެ އަމާޒުގައި، ޔޫސުފް އިބްރާހިމް ބެންގަލޫރު މިޑްނައިޓް މެރަތަންގައި މިރޭ ވާދަކުރަން ތައްޔާރު ވެއްޖެ އެވެ.

ހާފް މެރަތަންގެ ގައުމީ ރެކޯޑް މިހާރު އޮންނަނީ ޝިފާޒު މުހައްމަދު އަތުގަ އެވެ. އޭނާ އެ ރެކޯޑް މުގުރާލީ 2019 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގަ އެވެ. މޮރިޝަސްގައި އެފަހަރު ބޭއްވި އެ ގޭމްސްގެ ހާފު މެރަތަންގެ މެޑައްޔަކާ ވަރަށް ކައިރިއަށް ދިޔަ ޝިފާޒު ރޭސް ނިންމީ 1 ގަޑިއިރާއި 10 މިނެޓް 55 ސިކުންތުންނެވެ. އޭނާ ދިޔައީ ރޭހުގެ ހަތަރުވަނަ އަށެވެ.

އޭގެ ކުރިން އެ ރެކޯޑް އޮންނަނީ އެ އަހަރު އޭޕްރީލް މަހު މޮރޮކޯގެ ރަބާތުގައި ބޭއްވި ހާފް މެރަތަންގައި ރެކޯޑް ހެދީ އަހުމަދު ޝަރަފް އަތުގަ އެވެ. އޭނާ ރޭސް ނިންމީ 1 ގަޑިއިރާއި 12 މިނެޓް 52 ސިކުންތުންނެވެ.

ރާއްޖޭގެ ޑޮމެސްޓީކް މުބާރާތްތަކުގެ ޑިސްޓެންސް ރޭސްތަކުގައި މިހާރު ގަދަ ދޭއްގެ ތެރޭގައި ހިމެނޭ ޔޫސުފް ތަމްރީން ހަދަމުން އަންނަނީ ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދުގެ ކޯޗުކަމުގެ ދަށުންނެވެ.

ފުލް މެރަތަންގައި މިރޭ ވާދަކުރަން ތައްޔާރު ވެގެން ހުރި ނަސްރު މިއަދު ބުނީ ގައުމީ ހާފު މެރަތަންގެ ރެކޯޑް މުގުރާލަވޭނެ ފެންވަރު ޔޫސުފްގެ ކިބައިގައި އެބަހުރި ކަމަށެވެ.

"ޔޫސުފްގެ މިހާރު ހުރި ފެންވަރަށް ބަލާއިރު އޭނާ އަށް ހާފް މެރަތަންގެ ގައުމީ ރެކޯޑް މުގުރާލެވޭނެ. އޭނާގެ ޓްރޭނިންތައް އަދި ޕާފޯމަންސްވައިސްކޮށް ބެލިޔަސް މިހާރު އޭނާ އެ ހުރީ ވަރަށް ރަނގަޅު ކޮންޑިޝަންއެއްގައި،" ކުރިން ޝިފާޒު އަށް ވެސް ކޯޗުކޮށް ދިން ނަސްރު ބުންޏެވެ.

ބްންގަލޫރުގެ މެރަތަން ފުރިހަމަ ކުރުމުން، ނަސްރުގެ މެރަތަންގެ އަދަދު 86 އަށް އަރާނެ އެވެ. މި އޭނާ ވަނީ ފުރިހަމަ ކުރި މެރަތަންގެ އަދަދު ވެސް 10 އަށް އަރާނެ އެވެ. މިއީ މި އަހަރު އޭނާ ވާދަ ކުރާނެ މެރަތަންގެ ފަހު ރޭހެވެ.

މިދިޔަ އާދިއްތަ ދުވަހު އޭނާ ވަނީ ތައިލެންޑްގައި ބޭއްވި ބެންކޮކް މެރަތަންގައި ވާދަކޮށް 3 ގަޑިރާއި 39 މިނެޓް 18 ސިކުންތުން ރޭސް ނިންމައި 85 ވަނަ މެރަތަން ފުރިހަމަ ކޮށްފަ އެވެ.

ނަސްރު ބުނި ގޮތުގައި މިރޭ ވާދަކުރާ ބެންގަލޫރު މެރަތަންގައި ވެސް އޭނާގެ ޓާގެޓަކީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމުމެވެ.

މާލޭގައި 1999 ގައި ބޭއްވި އެމްޓީސީސީ މެރަތަންއިން، ދިގު ދުވުންތަކުގެ ރޭސް ތަކަށް ނުކުތް ދުވުންތެރިޔާ ވަނީ މިދިޔަ އަހަރު 12 މެރަތަން ފުރިހަމަކޮށްފަ އެވެ. އޭނާގެ ޓާގެޓަކީ އަންނަ އަހަރު 14 މެރަތަން ފުރިހަމަކޮށް އޭނާގެ މެރަތަންގެ އަދަދު 100 އަށް ގެންދިއުމެވެ.

ދެކުނު އޭޝިއާއިން ވެސް އެންމެ ގިނަ މެރަތަންގައި ވާދަކުރި ދުވުންތެރިންގެ ތެރޭގައި ހިމެނޭ ނަސްރުގެ މެރެތަން ކެރިއާގައި އެންމެ ހާއްސަ އަހަރަކީ 2018 އެވެ. އެ އަހަރު އޭނާ ވަނީ 13 މެރަތަންގައި ދުވެފަ އެވެ. އަދި އެ 13 މެރެތަން ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމި އެވެ.