Roadha Mihaaru
އާ އިންތިޚާބަކަށް ގޮވާލައި، ބަންގާޅުގައި މުޒާހަރާކުރަނީ

އާ އިންތިޚާބަކަށް ގޮވާލައި، ބަންގާޅުގައި މުޒާހަރާކުރަނީ

11 ޑިސެމްބަރ 2022

ބަނގްލަދޭޝްގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައި އިދިކޮޅު ޕާޓީން އިންތިޒާމުކޮށްގެން، ވެރިރަށް ޑާކާގައި އިއްޔެ ބޭއްވި މުޒާހަރާއެއްގައި އެތައް ހާސް ބަޔަކު ބައިވެރިވެ، ބޮޑުވަޒީރު ޝައިޚް ހަސީނާގެ އިސްތިއުފާ އަށް ގޮވައިފި އެވެ.

ބަނގްލަދޭޝްގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައި އިދިކޮޅު ޕާޓީން އިންތިޒާމުކޮށްގެން، ވެރިރަށް ޑާކާގައި އިއްޔެ ބޭއްވި މުޒާހަރާއެއްގައި އެތައް ހާސް ބަޔަކު ބައިވެރިވެ، ބޮޑުވަޒީރު ޝައިޚް ހަސީނާގެ އިސްތިއުފާ އަށް ގޮވައިފި އެވެ.

އެ ގައުމުގެ މައި އިދިކޮޅު ޕާޓީ، ބަނގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން، ސަރުކާރާ ދެކޮޅަށް ބޮޑު މުޒާހަރާއެއް މި ބޭއްވީ، އެ ގައުމުގެ ސަލާމަތީ ބާރުތަކުން އެ ޕާޓީގެ މައި މަރުކަޒަށް، މިދިޔަ އަންގާރަ ދުވަހު ވަދެފައިވަނިކޮށެވެ. އޭގެ އިތުރުން، ހަމަނުޖެހުމާއި ތަޅާފޮޅުމަށް ހިތްވަރުދީ މަގުފަހިކޮށްދޭ ކަމުގެ ތުހުމަތުގައި، އެ ޕާޓީގެ އިސް ދެ ލީޑަރަކު، ބަނގްލަދޭޝް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީން އާންމު މުޒާހަރާއަކަށް ގޮވައިލި އިރު، އެ ގައުމުގައި ތެލުގެ ބާވަތްތަކާއި ކައްކާ ގޭހުގެ އަގުތައް އުފުލި، ކަރަންޓު ކެނޑުމުގެ މައްސަލަތައް އިތުރުވާން ފެށުމާ ގުޅިގެން، ސަރުކާރާ ދެކޮޅަށް ދޭތެރެ ދޭތެރެއިން މުޒާހަރާތައް ބާއްވަމުން އަންނަތާ ދެ މަހެއްހާ ދުވަސް ވެއްޖެ އެވެ. ގައުމުގެ އިގްތިސާދަށް ލިބެމުންދާ ހީނަރުކަން ރަނގަޅު ކުރުމަށްޓަކައި، ބޮޑުވަޒީރު އިސްތިއުފާ ދެއްވައި އަވަސް އިންތިޚާބެއް ބާއްވައިގެން އާ ސަރުކާރެއް އެކުލަވައިލުމަށް ގޮވަމުންދާ ގޮވާލުންތަކަށް ބޮޑުވަޒީރު އެއްވެސް އިޖާބައެއް ނުދެއްވަ އެވެ.

ވެރިރަށް ޑާކާގެ ގޮލަކްބާޣް ކްރިކެޓް ދަނޑުގައި އިއްޔެ ބޭއްވި މުޒާހަރާގައި ބައިވެރިވި އިދިކޮޅު މެމްބަރުން ގޮވަމުން ދިޔައީ، "ބޮޑުވަޒީރު ހަސީނާއަކީ ވޯޓު ވަގެއް" ކަމަށެވެ. އެހެންކަމުން، ވަގުތުން އިސްތިއުފާ ދެއްވައި، ވަކި ފަރާތަކަށް ނުޖެހޭ ވަގުތީ ސަރުކާރެއް އެކުލަވާލައި، އަވަސް އިންތިޚާބެއް ބޭއްވުމަށް ވެސް ގޮވަމުން ދިޔަ އެވެ.

ބީއެންޕީ އިން ބުނި ގޮތުގައި އިއްޔެގެ މުޒާހަރާގައި މަދުވެގެން ދެ ލައްކަ މީހުން ބައިވެރިވި އެވެ. ނަމަވެސް އެ ސަރަހައްދުގެ ފުލުހުން ބުނި ގޮތުގައި މުޒާހަރާ ބޭއްވި ކްރިކެޓް ދަނޑަށް އެންމެ ގިނައިން ވެސް ވަދެވޭނީ 30 ހާސް މީހުންނަށެވެ.

"އަހަރެމެންގެ މައިގަނޑު ހުށަހެޅުމަކީ، ޝައިޚް ހަސީނާ ވަގުތުން އިސްތިއުފާ ދެއްވުން. އަދި ގާނޫނު ހަދާ މަޖިލިސް އުވާލައި، އިންސާފުވެރި އަވަސް އިންތިޚާބެއް ބޭއްވުމަށްޓަކައި، ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ވަގުތީ ސަރުކާރެއް އެކުލަވައިލުން،" ބީއެންޕީގެ ތަރުޖަމާނު ޒާހިރުއްދީން ސްވާޕަން ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީން ބުނި ގޮތުގައި ސަރުކާރާ ދެކޮޅަށް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި މިހާރު ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ފަހުން މިހާތަނަށް 2000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ. އޭގެ ތެރޭގައި އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތެރިންނާއި އެ ޕާޓީތަކަށް ތާއީދުކުރާ މީހުން ހިމެނެ އެވެ.