Roadha Mihaaru
ހަސީނާގެ ވެރިކަން ނިންމި 24 ގަޑިއިރުތެރޭ 100 މަރު

ހަސީނާގެ ވެރިކަން ނިންމި 24 ގަޑިއިރުތެރޭ 100 މަރު

05 އޯގަސްޓް 2024

ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ދެކޮޅަށް ދަރިވަރުން މިދިޔަ މަހު ފެށި މުޒާހަރާ ހޫނުވަމުން ގޮސް މިއަދު ހަސީނާގެ ވެރިކަން ނިމުމަކަށް އައި އިރު މިދިޔަ 24 ގަޑިއިރު ތެރޭ އެކި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 100 އަށް އަރައިފި އެވެ.

ސިވިލް ސާވިސްގެ ވަޒީފާ ދިނުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނުވެ އެތައް ބަޔަކު މަރުވުމުން މުޒާހަރާ މެދުކަނޑާލުމަށް ފަހު އަލުން ފެށުމާ އެކު އިއްޔެ އެކަނި ވެސް 77 މީހަކު މަރުވި އެވެ. ފުލުހުންނާއި ހޮސްޕިޓަލްތަކުން މިއަދު އޭއެފްޕީއަށް ދިން މައުލޫމާތަށް ބަލާއިރު މިއަދު އެކަނިވެސް 56 މީހަކު މަރުވި އެވެ.

މި އަދަދުތަކާ އެކު މުޒާހަރާގައި މަރުވި މީހުންގެ ޖުމްލަ އަދަދު 300 އަށް ވަނީ އަރައިފަ އެވެ.

ބަންގްލާދޭޝްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި މީހުން ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަދެ ގޮނޑިތަކުގައި ހަމަޖެހިލައިގެން. -- ފޮޓޯ: އޭއެފްޕީ

ބަންގްލާދޭޝްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި މީހުން ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަދެ ގޮނޑިތަކުގައި ހަމަޖެހިލައިގެން. -- ފޮޓޯ: އޭއެފްޕީ

އޭއެފްޕީގެ ކޮރެސްޕޮންޑެންޓް ބުނި ގޮތުގައި ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް 44 މީހެއްގެ ހަށިގަނޑު މިއަދު ގެންދިޔަ އެވެ. ޑޮކްޓަރުން ބުނި ގޮތުގައި މި އެންމެންގެ ހަށިގަނޑުގައި ވެސް ބަޑީގެ އުންޑަ އަރާފައި ހުއްޓެވެ. ގައުމުގެ އެހެން ހިސާބުތަކުގައި 11 މީހަކު މަރުވެފައި ވާއިރު ދެން މީހުން މަރުވީ ޗިޓަގޮންގައި ކަމަށް ފުލުހުން ބުންޏެވެ.

ހަސީނާގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް

މަސް ދުވަހުގެ މުޒާހަރާގައި މިއަދު ވެރިރަށް ޑާކާއަށް އެތައް ލައްކަ ބަޔަކު ޖަމާވެ ބޮޑުވަޒީރުގެ ގަނޑުވަރާ ދިމާލަށް މިސްރާބު ޖެހުމާ އެކު ހަސީނާ ވަނީ ގަނޑުވަރު ދޫކުރައްވައި ވަޑައިގެންފަ އެވެ. އޭގެ ފަހުން މުޒާހަރާގެ ބައިވެރިން ގަނޑުވަރު ތެރެއަށް ވަދެ ތަން ލޫޓުވާފައިވެ އެވެ.

ޒުވާނުން އިސްވެ ތިބެގެން ކުރި މުޒާހަރާ ކާމިޔާބުކޮށް މަގުތަކުގައި މީހުން އުފާ ފާޅުކުރުމުގެ ހަރަކާތްތައް އޭގެ އިރުކޮޅެއް ފަހުން ފެށި އެވެ.

ހަސީނާ އިސްތިއުފާ ދެއްވިކަން އިއުލާނު ނުކުރެއްވި ނަމަވެސް ސިފައިންގެ ވެރިޔާ ޖެނެރަލް ވާކިރުއްޒަމާން ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވަނީ ހަސީނާ އިސްތިއުފާ ދެއްވި ކަމަށް އިއުލާނުކުރައްވައިފަ އެވެ. އަދި ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އަސްކަރިއްޔާއިން ކުރާނެ ކަމަށް ވިދާޅުވި އެވެ.

ބަންގްލާދޭޝްގެ ބާނީ، ޝައިހް ހަސީނާގެ ބައްޕާފުޅުގެ ބުދު ވައްޓާލަން މުޒާހަރާގެ ބައިވެރިން މަސައްކަތްކުރާއިރު އެކަކު ބުދުގެ މައްޗަށް އަރައި އުފާ ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ބަންގްލާދޭޝްގެ ބާނީ، ޝައިހް ހަސީނާގެ ބައްޕާފުޅުގެ ބުދު ވައްޓާލަން މުޒާހަރާގެ ބައިވެރިން މަސައްކަތްކުރާއިރު އެކަކު ބުދުގެ މައްޗަށް އަރައި އުފާ ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

"ގައުމަށް ވަރަށް ބޮޑެތި ގެއްލުންތައް ވެއްޖެ. އެކަމުގެ ނޭދެވޭ އަސަރު އިގްތިސާދަށް ކޮށްފި. އެތައް ބަޔަކު މަރުވެއްޖެ - މިއީ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމުގެ ވަގުތު،" ހަސީނާގެ ރަސްމީ ގެކޮޅަށް އާންމުން ވަދެ ތަން ލޫޓުވައި އުފާ ފާޅުކުރަމުން ދަނިކޮށް ދެއްވި ބަޔާނުގައި ވާކިރް ވިދާޅުވި އެވެ.

އެތައް މިލިއަން ބަޔަކު މުޒާހަރާގައި ބައިވެރިވި އިރު ގިނަ މީހުން ސުލްހަވެރިކަމާ އެކު ތިބި ނަމަވެސް ހަމަނުޖެހުން ހިންގި މީހުން ހަސީނާގެ ރަސްމީ ގެކޮޅުގެ އިތުރުން އޭނާގެ ޕާޓީ އަވާމީ ލީގުގެ އޮފީހަށް ވެސް ވަދެ އެތަނަށް ވެސް ވަނީ ގެއްލުން ދީފަ އެވެ. އަދި ޕޮލިސް ސްޓޭޝަންތަކުގައި ވެސް ހުޅުޖެހި އެވެ.

ހަސީނާ އާއި އަވާމީ ލީގަށް ތާއީދުކުރާ ކަމަށް ބެލެވޭ މީސްމީހުންގެ ފިހާރަތަކާއި ގެތަކަށް ވެސް ގެއްލުން ދީފައިވެ އެވެ.

ބަންގްލާދޭޝްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި މީހުން ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަދެ ގެއްލުން ދީފައި. -- ފޮޓޯ: އޭއެފްޕީ

ބަންގްލާދޭޝްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި މީހުން ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަދެ ގެއްލުން ދީފައި. -- ފޮޓޯ: އޭއެފްޕީ

އަނެއް ބަޔަކު ވަނީ ހަސީނާ އަށް ތާއީދުކޮށް ޚަބަރުތައް ގެންނަން ޓީވީ ސްޓޭޝަންތަކަށް ގެއްލުން ދީފަ އެވެ. އަދި ގައުމަށް މިނިވަންކަން ހޯދައިދެއްވި، ގައުމުގެ ބާނީގެ ލަގަބު ލިބިފައިވާ ހަސީނާގެ ބައްޕާފުޅު ޝައިޚް މުޖީބުއްރަހްމާންގެ ބުދު ވެސް މިއަދު ވަނީ ކޯރާޑީން ތަޅައި ވައްޓާލައިފަ އެވެ. މީގެ އިތުރުން އޭނާއަށް ހާއްސަ ދާރުލްއާސާރެއްގައި ވެސް ހުޅުޖެހި އެވެ.

ސިފައިންގެ ވެރިޔާ ވިދާޅުވީ މި ހިސާބުން ހަމަނުޖެހުންތައް ހުއްޓަންޖެހޭ ކަމަށާއި ބޭއިންސާފުން ހިނގާފައިވާ ހުރިހާ ކަމަކަށް އިންސާފު ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސްއާ މަޝްވަރާކުރެއްވުމަށް ފަހު ސަރުކާރު އެކުލަވައިލުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.

އާބާދީ 170 މިލިއަނަށްވުރެ ބޮޑު ބަންގްލާދޭޝްގެ ވެރިކަމުން 76 އަހަރުގެ ހަސީނާ އިސްތިއުފާ ދެއްވުމަށް ފަހު ފިއްލެވީ ހެލިކޮޕްޓަރެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ދަތުރުކުރެއްވި ހެލިކޮޕްޓަރު ޖެއްސީ އިންޑިއާގެ އަސްކަރީ މަރުކަޒެއްގަ އެވެ. -- އޭއެފްޕީ