Roadha Mihaaru
ހުވަދޫގެ މަސްވެރިންގެ ޝަކުވާތައް ރައީސަށް އޮއްސާލައިފި

ހުވަދޫގެ މަސްވެރިންގެ ޝަކުވާތައް އޮއްސާލައިފި، ރައީސް ދެއްވީ އުއްމީދީ ޖަވާބެއް

11 ޑިސެމްބަރ 2022

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މަސްވެރިންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށުގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި، ދެކުނުގެ މަސްވެރިންގެ ޝަކުވާތައް އޮއްސާލައިފި އެވެ.

އާސިމާ ނިޒާރު ގދ. ފަރެސްމާތޮޑާއިން އާސިމާ ނިޒާރު

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މަސްވެރިންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށުގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި، ދެކުނުގެ މަސްވެރިންގެ ޝަކުވާތައް އޮއްސާލައިފި އެވެ.

ރާއްޖޭގައި މި އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރަން ހަމަޖައްސާފައިވަނީ، އެންމެ ފުޅާދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ އެއް ރަށް، ގދ. ފަރެސްމާތޮޑާގަ އެވެ. އެ ހަރަކާތްތަކަށް މި ރަށަށް ވަޑައިގެން، ރައީސް ވަނީ މަސްވެރިންގެ ޝަކުވާތައް އަޑުއައްސަވައިފަ އެވެ.

އެ ބައްދަލުވުމުގައި ފަރެސްމާތޮޑާ އަދި މި ސަރަހައްދުގައި މަސްވެރިކަން ކުރާ ފަންސާހަކަށް މަސްވެރިން ބައިވެރިވި އެވެ.

އެ މީހުންގެ ބޮޑު ކަންބޮޑުވުމަކަށް ވީ މަހަށް ހެޔޮ އަގު ނުލިބުމާއި މަސް ކިރުމަށް ކުރަންޖެހޭ ހަރަދު ބޮޑުވުމެވެ.

މަސްވެރިކަމުގައި އުޅޭ އަބްދުﷲ ޝަފީގު ބުނީ މިދިޔަ މެއި 8 ވަނަ ދުވަހު ރައީސްއާ ބައްދަލުކުރީ ގިނަ ކަންބޮޑުވުންތަކާ އެކު ކަމަށެވެ. އެ ބައްދަލުވުމުގައި، ހުށަހެޅި އެއް ކަމަކީ މި ސަރަހައްދުގައި މަސް ފެކްޓްރީއެއް އަޅައިދިނުމެވެ. އެކަމަށް އެއް މަސް ދުވަހުގެ ތެރޭގައި ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވިއަސް، މިހާތަނަށް އައި އިރު ވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

މުހުސިން ނަމަކަށް ކިޔާ މަސްވެރިޔަކު ބުނީ މަސްވެރިކަން ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދިމާވާ ކަމަށާއި އޭގެ ތެރެއިން ވެސް އެންމެ ބޮޑު ގޮންޖެހުމެއް ދިމާވަނީ، އޭނާ ބުނިގޮތުގައި، މަސް ކިރުމަށް އުޅެންޖެހޭ ހާލެވެ.

މި ރަށުގެ ސްކޫލު ހޯލުގައި ބޭއްވި ބައްދަލުވުމުގައި، މަސްވެރިންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރަނީ.-- ފޮޓޯ: ރައީސް އޮފީސް

މި ރަށުގެ ސްކޫލު ހޯލުގައި ބޭއްވި ބައްދަލުވުމުގައި، މަސްވެރިންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރަނީ.-- ފޮޓޯ: ރައީސް އޮފީސް

"އޭގެ ފަހުން ލާރިކޮޅު ނުދީ އެތައް ޒަމާނެއް ވޭ. އޭގެ އަނެއް ދުވަހު މަހަށް ނުކުންނާނެ ޑީސަލް ކޮޅެއް ވެސް ނުލިބޭ. އެންމެ ފަހުން، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ވެސް ކޫއްޑުއާ ދިމާލުން 71 މޭލު ބޭރުން މަސް ބާނައިގެން ކޫއްޑުއަށް އާދެވުނުއިރު ދޯނީގެ ޓޭންކު އެއްކޮށް ހުސްވީ. އަނެއް ދުވަހު މަހަށް ނުކުންނަން ލިބުނީ 1،600 ލީޓަރު ޑީސަލް. މަހަކަށް ނުދެވުނު،" އޭނާ ބުންޏެވެ.

މުހުސިން ބުނީ، ކަންކަން ހައްލު ކުރުމުގައި ގޮންޖެހުންތައް ހުންނާނެ ކަމަށް ގަބޫލުކުރާ ކަމަށާއި ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރާ ކަމަށެވެ.

"ހުރިހާ މަސައްކަތެއް އެއްފަހަރާ ނުވާނެކަން ވެސް ގަބޫލުކުރަން. އެހެން ނަމަވެސް، މި ކަމަކީ އިއްޔެއަކު މިއަދަކު ދިމާވެގެން އުޅޭ މައްސަލަތަކެއް ނޫން މަސްވެރިންނަށް. ޒަމާންތަކެއްވީ. މަސްދޯނިތަކާއި އޮޑިފަހަރުތަކާއި މަސްވެރިން މިހާ ތަރައްގީވާއިރު އަޅުގަނޑު އުފެދޭ ސުވާލަކީ، ކީއްވެތޯއޭ ސަރުކާރުގެ މަސް ވިއްކާ ކުންފުނި ތަރައްގީނުވާ ސަބަބަކީ ކޮބައިތޯ؟،" އޭނާ ބުންޏެވެ.

ކަންބޮޑުވުން ފާޅުކޮށް ސާމީ އިބްރާހިމް ބުނީ މީގެ ކުރިން އިންސްޓޯލްމަންޓަށް އައިސް ލިބެމުން ދިޔަސް ފެނަކައިން އެކަމާ ހަވާލުވުމުން އައިސް ނުލިބޭ ކަމަށެވެ. އެހެންވެ، އެކަން ބަދަލުކޮށްދިނުމަށް އޭނާ އެދުނެވެ. އެކަމަށް ޖަވާބު ދެއްވައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ އައިސް ލިބޭ ނަމަ އިންސްޓޯލްމަންޓަށް ވެސް އެ ލިބޭނެ ގޮތް ވެސް ހަދައިދެވޭނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި މީހަކު ބުނީ ޑީސަލަށް އެކަނި ވެސް މިދިޔަ ހަފުތާގައި 270،000ރ. ހަރަދުކުރަން ޖެހުނު ކަމަށެވެ.

މި ރަށުގެ ސްކޫލު ހޯލުގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މަސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މި ރަށުގެ ސްކޫލު ހޯލުގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މަސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކައިރީގައި، ފަސޭހައިން މަސް ކިރުވޭނެ ގޮތެއް ހަމަޖެހިފައިވާ ނަމަ ބޮޑު ހަރަދެއް ކުރަން ނުޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ފެކްޓަރީ އަޅައިދޭނަން، ބޮޑު އުފަލެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި މަސްވެރިންގެ ގިނަ ޝަކުވާތަކެއް ހުރި ކަން އެ މަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވަ އެވެ. އަދި އެ ދާއިރާ ކުރިއަރުވަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ސަރުކާރުން އެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު ރާއްޖޭގައި މަސްވެރިކަމުގެ މޫސުމެއް ނޯވޭ. ހާއްސަކޮށް ހުޅަނގުގައި އަބަދު ވެސް މަސް ބާނާ. އެހެން އުޅެފައި އެ އަށް ވުރެ ގިނައިން ބާނާ. އެ އަށް ކޭޓާކުރަން މި ޖެހެނީ. ހަގީގަތުގައި ތިޔަ ވިދާޅުވަނީ މަސްވެރިން ކުރިއަރައިގެން އައި ވަރަށް ސަރުކާރަކުން ނެތް ވޭތުވެދިޔަ ތަނުގައި ކުރިއަށް ގޮސްފައި. މިއީ މި ނުކުންނަ މައްސަލައަކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މަސްވެރިކަމަކީ ރާއްޖޭގައި ވަކިވަކި ފަރުދުންނަށް އެންމެ ޒަމާންވީ ގޮތެއްގައި ފައިދާ ލިބެމުން އަންނަ މަސައްކަތް ކަމަށާއި އެކަން ކުރިއަރުވަން ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވެސް، ސްކޫލު ހޯލުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

ފަސޭހައިން މަސް ކިރުވޭނެ ގޮތް ހަމަޖައްސައިދިނުމަށް މި ސަރަހައްދުގައި މަސް ފެކްޓްރީއެއް އަޅަން ވަނީ ނިންމައިފަ އެވެ. އެކަމަކު، ފެކްޓްރީ އަޅާނެ ތަނެއް ނުނިންމަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މަސްވެރިން މިހާރު ކުރާ ހޭދަ ކުޑަކޮށް، ހުވަދު އަތޮޅުން ރަނގަޅު އަގު ލިބޭނެ ގޮތުގެ ޕްލޭންތަކެއް އެބައޮތް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ޕްރައިވެޓް ސެކްޓަރަށް މަސްވެރިކަން ދޫނުކުރެވި އުޅެނީ ވެސް ހައްލުނުކުރެވި ހުރެ މައްސަލަތައް ހުރުމުން ކަމަށެވެ. މި ވަގުތު ސަރުކާރަށް އޮތް ގޮތަކީ މިފްކޯގެ ކެޕޭސިޓީ އިތުރުކުރުން ކަމަށާއި އެ އަށް ޕްލޭންތަކެއް ހަދާފައި އެބަހުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަންނަ އަހަރު މެދުތެރެއަށް އަންނައިރު އެންމެ ބޮޑެތި ކަންބޮޑުވުންތަކަށް، ހާއްސަކޮށް ހުވަދޫ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެވޭނެކަން،" އެ މަނިކުފާނު ޔަގީންކަން ދެއްވި އެވެ.