Roadha Mihaaru
ސިޔާސީ ހަރަކާތްތައް ނުހިންގަން ޑީއާރްޕީއަށް އަަންގައިފި

ޑީއާރުޕީ އުވާލުމުގެ މަސައްކަތްކުރާތީ ޕާޓީގެ ނަމުގައި ސިޔާސީ ހަރަކާތް ނުހިންގަން އަންގައިފި

14 ޑިސެމްބަރ 2022

ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވާތީ އެކަމުގެ އިޖުރާއަތުތައް ފުރިހަމަވަންދެން އެ ޕާޓީގެ ނަމުގައި އެއްވެސް ހަރަކާތެއް ނުހިންގަން އެ ޕާޓީއަށް އަންގައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވާތީ އެކަމުގެ އިޖުރާއަތުތައް ފުރިހަމަވަންދެން އެ ޕާޓީގެ ނަމުގައި އެއްވެސް ހަރަކާތެއް ނުހިންގަން އެ ޕާޓީއަށް އަންގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ލީޑަރު ކަމުގައި ހިންގާ ޑީއާރްޕީ އުވާލަން ނިންމީ ސިޔާސީ ޕާޓީއެއްގައި ހަމަވާންޖެހޭ 3،000 މެމްބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް އެތައް ފަހަރަކު ފުރުސަތު ދިނުމަށް ފަހުގަ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން މެމްބަރުން ހަމަނުވާ ޕާޓީތަކަށް މެމްބަރުން ހަމަކުރުމަށް މުއްދަތެއް ދިނުމަށް ފަހު ވެސް އެކަން ނުވެއްޖެ ނަމަ ކޮމިޝަނުން ޕާޓީ އުވާލަންޖެހެ އެވެ.

ރާއްޖޭގައި މިހާރު ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދެ ވަނަ އަށް އުފެއްދި ޕާޓީ ކަމަށްވާ ޑީއާރްޕީ އުވާލަން ނިންމައި، އެ ޕާޓީއަށް ފުރަތަމަ ނޯޓިސް ދިނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު އެވެ. މިދިޔަ މަހުގެ ނިޔަލަށް އެ ޕާޓީގައި ތިބީ 2،681 މެމްބަރުންނެވެ.

އީސީން ބުނީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިމުކުރާ މިންވަރަށް މެމްބަރުން ހަމަ ނުވުމުން، އަދަދު ހަމަކުރުމަށް އެ ޕާޓީއަށް ތިން މަސް ދިން ކަމަށެވެ. ނަމަވެސް އެ މުއްދަތުގައި އެ އަދަދަށް މެމްބަރުން ހަމަވެފައި ނުވާތީ އެ ޕާޓީ އުވާލަން ނިންމައި އެ ޕާޓީގެ ލީޑަރުންނާ ބައްދަލުކޮށް އެކަން އަންގާފައިވާނެ ކަމަށް ވެސް އީސީން ބުންޏެވެ.

"ދިވެހި ރައްޔިތުންގެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއާތު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ވަނީ ލިޔުމުން އަންގާފައި،" އެ ކޮމިޝަނުން ބުންޏެވެ.

ޑީއާރުޕީ އަކީ ކުރީގެ ރައީސް އަދި ކުރީގެ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީން އެ މަނިކުފާނު ވަކިވެވަޑައިގަތީ 2008ގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީން ވާދަކޮށް، ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށް، ޕާޓީ ތެރޭގައި އުފެދުނު މައްސަލަތަކަކަށް ފަހު އެވެ.

އޭގެ ފަހުން މުޅި ޕާޓީ ބައިބައިވެ ޕާޓީގައި ތިއްބެވި ގިނަ އިސް ބޭފުޅުން ޕާޓީ ދޫކުރައްވައި ވަޑައިގަތް އިރު އެ ޕާޓީ އޮތީ މާލީ ބޮޑެތި މައްސަލަތަކަކާ ކުރިމަތިވެފަ އެވެ. އަދި އޭގެ ފަހުން ޑއާރްޕީގެ ސިޔާސީ ހަރަކާތްތައް ނުހިންގި ޕާޓީ އޮތީ ވަރަށް ބޮޑަށް ބަލިކަށި ވެފަ އެވެ.

އޭގެ ފަހުން 2019 ވަނަ އަހަރު، އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ޕާޓީގެ ލީޑަރުކަމާ ހަަވާލުވީ ޖާބިރެވެ. އޭނާ ވަނީ ޑީއާރްޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން ވެސް އިއުލާނުކުރައްވައިފަ އެވެ.