Roadha Mihaaru
އޭޑީކޭގެ ބިމުގެ ކުއްޔަކީ މަހަކު 718،000ރ.

އޭޑީކޭ ބިން ކުއްޔަށް ދީފައި އޮތީ މަހަކު 718،000ރ. އަށް

14 ޑިސެމްބަރ 2022

އޭޑީކޭ ހޮސްޕިޓަލް ހިންގަން ދައުލަތުގެ ބޮޑު ބިމެއް ކުއްޔަށް ދީފައި އޮތީ މަހަކު 718،000ރ. އަށް ކަން، "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭޑީކޭ ހޮސްޕިޓަލް ހިންގަން ދައުލަތުގެ ބޮޑު ބިމެއް ކުއްޔަށް ދީފައި އޮތީ މަހަކު 718،000ރ. އަށް ކަން، "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.

މި ނޫހަށް ލިބިފައިވާ ބައެއް މައުލޫމާތުތައް ދައްކާ ގޮތުން، އޭޑީކޭ އަށް ދީފައި ވަނީ 64،422 އަކަފޫޓޫގެ ބިމެކެވެ. އޭގެ ފަހުން، 2015 ވަނަ އަހަރު 900 އަކަފޫޓުގެ ބައެއް އެ ބިމަށް އިތުރުކޮށްދިނެވެ. ކުލި ހިނގަމުން އަންނަނީ އަކަފޫޓަކަށް 11ރ. ގެ ރޭޓުންނެވެ.

މިއީ، މާލޭގެ އާންމު އަގުތަކާ އަޅާ ބަލާއިރު ވަރަށް ހެޔޮ އަގެކެވެ. މި ވަރުގެ ބިމެއް ބަޔަކަށް ކުއްޔަށް ދީފި ނަމަ، މާކެޓް ރޭޓުން ބަލާނަމަ ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ ލިބޭނެ އެވެ. އެއީ އަކަފޫޓަކަށް 75ރ. ގެ ރޭޓުންނެވެ.

އޭޑީކޭގެ ވާހަކަ މި ތިލަވީ، އެ ހޮސްޕިޓަލްގެ އަގުތައް މާދަމާ އިން ފެށިގެން ބޮޑުވާނެ ކަމަށް އެ ހޮސްޕިޓަލުން އިއުލާންކޮށްފައި ވަނިކޮށެވެ. ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި، މުދަލާއި ހިދުމަތުގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، އެ ހޮސްޕިޓަލުގެ އަގުތައް ތިން މަރުހަލާގެ މައްޗަށް ބަހާލައިގެން ބޮޑުކުރަމުން ގެންދާނެ އެވެ. އެގޮތުން މާދަމާއިން ފެށިގެން ބޮޑުވާނެ އަގުތަކަކީ؛

- ޖެނެރަލް ޑޮކްޓަރަކަށް ދެއްކުން: 150ރ. އިން 200ރ. އަށް.

- ސްޕެޝަލިސްޓް ޑޮކްޓަރަށް ދެއްކުން: 300ރ. އިން 500ރ. އަށް

- ސުޕަ-ސްޕެޝަލިސްޓަށް ދެއްކުން: 500ރ. އިން 700ރ. އަށް

- ޑެންޓަލް: 300ރ. އިން 350ރ. އަށް

އޭޑީކޭ އާއި ސަރުކާރާ ދެމެދު ވެފައިވާ އެގްރިމެންޓްގައި ބުނެފައިވާ ގޮތުގައި، އޭޑީކޭ އަށް އަގުތައް ބޮޑުކުރެވޭނީ އެންސްޕާއިން ހުއްދަ ދީފައިވާ އަގުގެ 10 ޕަސެންޓަށް ވުރެ ބޮޑުނުވާނެ ގޮތަށެވެ. އޭޑީކޭގެ އަގުތަކަށް ބަދަލު ގެނައީ ކިހިނެއްކަން، އެ ހޮސްޕިޓަލުން ވެސް، އަދި ސަރުކާރުގެ ކަމާ ބެހޭ އެއްވެސް ފަރާތަކުން ޖަވާބު ނުދިނުމުން އެކަން ވަނީ އޮޅުންފިލާގޮތް ނުވެފަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން އެދިގެން، ހެލްތު މިނިސްޓްރީން ދީފައިވާ މައުލޫމާތުތައް ބުނާ ގޮތުން އޭޑީކޭ ހިންގަން ކުރީގެ ސެންޓްރަލް ހޮސްޕިޓަލް ހިންގި ބިން ކުއްޔަށް ދީފައި ހުރީ 50 އަހަރުގެ މުއްދަތަށް، އޮކްޓޫބަރު 2، 1995 އިން ފެށިގެންނެވެ. އެކަމަކު ވިޔަފާރީގެ މަސްލަހަތު ހިމެނޭ ކަމަށް ބުނެ، އޭޑީކޭގެ ކުއްޔެއް އެ މިނިސްޓްރީއަކުން ނުބުނެ އެވެ. އަދި އެގްރިމެންޓްގެ އެއްވެސް ތަފުސީލެއް ވެސް ނުދިނެވެ.

އެކަމަކު އޭރު އެ ބިން ކުއްޔަށް ދީފައި ހުރީ ކިހިނެއްތޯ އާއި، އަދި އެހެން ބަޔަކާ ވާދަކޮށްގެންތޯ ސުވާލު ކުރުމުން ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އޭގެ އެއްވެސް ލިޔުމެއް މިނިސްޓްރީގައި ނެތް ކަމަށެވެ.

މާލޭގެ ބޮޑު ބިމެއް އޭޑީކޭ އަށް ހެޔޮ އަގެއްގައި ދިން އިރު، ހޮސްޕިޓަލުތަކުގެ ކަރަންޓަށް ވެސް ސްޓެލްކޯ އިން ބިލް ކުރަނީ އަގުހެޔޮ ރޭޓްގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އައިޖީއެމްއެޗާއި އޭޑީކޭގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލެވެ.

އޭޑީކޭގެ ހޮސްޕިޓަލެއް ހިންގަން ދާދިފަހުން ހުޅުމާލެ އިން ވެސް ވަނީ ބިމެއް ދީފަ އެވެ. އޭޑީކޭ އަކީ، އާސަންދަ އިން އެންމެ ބޮޑު ހޭދައެއް ކުރާ އަމިއްލަ ހޮސްޕިޓަލް ވެސް މެ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އާސަންދަ އިން މިހާތަނަށް ބިލިއަނެއްހާ ރުފިޔާ ހަމައެކަނި އޭޑީކޭ އަށް ވަނީ ހޭދަކޮށްފަ އެވެ.