ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށް ނުލިބި ހުރި 65 ވެންޓިލޭޓަރުގެ ތެރެއިން އިތުރު ފަސް ވެންޓިލޭޓަރު އޭޑީކޭ ޓްރޭޑިން މެދުވެރިކޮށް ރާއްޖެ ފޮނުވައިފި އެވެ.
16 ޑިސެމްބަރ 2020
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށް ނުލިބި ހުރި 65 ވެންޓިލޭޓަރުގެ ތެރެއިން އިތުރު ފަސް ވެންޓިލޭޓަރު އޭޑީކޭ ޓްރޭޑިން މެދުވެރިކޮށް ރާއްޖެ ފޮނުވައިފި އެވެ.
ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން (ތަހޭ) ވިދާޅުވީ، އެގްޒެކިއުޓާސްގެ ފަރާތުން ފޮނުވި އައިސީޔޫ ފަސް ވެންޓިލޭޓަރު ހަވާލުކުރަން އޭޑީކޭ ޓްރޭޑިން އިން އީމެއިލެއް ލިބިފައިވާ ކަމަށެވެ. އެއީ، ހެލްތު މިނިސްޓްރީން އެގްޒެކިއުޓާސްއާ އެކު އެއްބަސްވި ޑްރެގާ ބްރޭންޑް ކަމަށް ތަސްލީމާ ވިދާޅުވި އެވެ.
އޭޑީކޭ ޓްރޭޑިންއަކީ ޑްރެގާ ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނިން ބުނީ ވެންޓިލޭޓަރުތަކާ ހަވާލުވާން ހެލްތު މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.
ޑްރެގާ ބްރޭންޑުގެ ވެންޓިލޭޓަރުތައް އޭޑީކޭ ޓްރޭޑިން މެދުވެރިވެ ހެލްތު މިނިސްޓްރީއާ މި ފަހަރު ހަވާލުކުރާއިރު، ކުރިން އަމަލުކުރީ ޑިސްޓްރިބިއުޓަ ބައިޕާސްކޮށް ތިން ވަނަ ފަރާތެއްގެ އަތުންނެވެ. މިގޮތަށް އަމަލުކުރުމުން އޭޑީކޭ ޓްރޭޑިން އިން ހިތްހަމަނުޖެހިގެން ނެރުނު ބަޔާނުގައި، އެގްޒެކިއުޓާސްއާ ހަވާލުކުރީ ޑްރެގާ ބްރޭންޑް ފޯރުކޮށްދޭން އެ ކުންފުނިން ތައްޔާރަށް ތިއްބައިކަން ފާހަގަކޮށްފައިވެ އެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި އެގްޒެކިއުޓާސްއާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ކޮވިޑް-19ގެ ފަރުވާ އަށް އަވަހަށް ހޯދަން ބޭނުންވެގެންނެވެ. އެކަމަކު މިހާތަނަށް ވެސް ވެންޓިލޭޓަރުތައް ފޮނުވައި ނުނިމެ އެވެ. ބާކީ 60 ވެންޓިލޭޓަރު ލިބެން ޖެހެ އެވެ.
ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ. މީގެތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދޫކުރީ ބޭންކް ގެރެންޓީއަކާ ނުލަ އެވެ. މިއީ ގޯސްކޮށް ހިންގާފައިވާ މުއާމަލާތެއް ކަން އޮޑިޓް ރިޕޯޓުގައި ވަނިކޮށް އޭސީސީން މި މައްސަލަ ތަހުގީގުކޮށް ޚިޔާނާތް ހިންގާފައިވާ ކަމުގެ ތުހުމަތުތަކާ އެކު ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި ވަނީ އެދިފަ އެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ އެވެ.
އޭގެ ތެރޭގައި، ވެންޓިލޭޓަރު ހޯދަން ގާބިލް ކުންފުންޏެއްތޯ ނުބަލައި ހަވާލުކުރުމާއި އެއްބަސްވުމެއް ނެތީސް މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެންގުމާއި އެއްބަސްވުމެއް ނެތި އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓް، 30 މިލިއަން ރުފިޔާ ދިނުން ހިމެނެ އެވެ. އެޑްވާންސް ފައިސާ ދެއްކީ އޭސީސީން ބުނެފައިވާ ގޮތުގައި، އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ތަކެތި ލިބިފައިވާ ކަމަށް ސެޕް ސިސްޓަމުން "ގުޑްސް ރިސީވްޑް" ކަމަށް ދައްކައިގެންނެވެ.
އޭރު އެގްޒެކިއުޓާސްއާ އެކު އެއްބަސްވުމުގައި ސޮއެއް ވެސް ނުކުރެ އެވެ. އެގްޒެކިއުޓާސްއާ އެކު ސޮއިކުރީ، އެޕްރީލް، 2 ގައި ކަމަށް ހެލްތު މިނިސްޓްރީގެ ލިޔުންތަކުގައި ވިޔަސް ފައިނަލް އެއްބަސްވުމުގައި އެގްޒެކިއުޓާސް އިން ސޮއިކޮށް ހެލްތަށް ފޮނުވީ، އެޕްރީލް، 16، 2020 ގައި ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އެގްޒެކިއުޓާސްއަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ކަމަށް ބުނާ ވާހަކަ ވެސް އޭސީސީން ވަނީ ދޮގުކޮށްފަ އެވެ.
ވެންޓިލޭޓަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާ
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި
ފައިދާވި މީހުން ހާމަކުރާނެ ކަމަށް ނިޝާމާގެ ސިޓީއެއް!
ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާކޮށްދޭން އެދިއްޖެ
ވެންޓިލޭޓަރު މައްސަލާގެ ތަހުގީގު ލަހެއް ނުވާނެ: އޭސީސީ
ނިޝާމާ އާއި އަސްލަމް ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް
ހެލްތުގެ މައްސަލަ ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަނީ
ކުންފުނި ހޮވީ ވަޒީރާއި މާލީ ޒިންމާދާރުވެރިޔާގެ މައުލޫމާތަށް
ހެލްތުގެ ޚިޔާނާތް: އޭސީސީން ޕީޖީ އޮފީހާ މަޝްވަރާކޮށްފި
ކޮރަޕްޝަންގެ އަޑީގައި ހުރީ މިނިސްޓަރު އަމީރު: ޝިޔާމް