Roadha Mihaaru
އާ ކްލަބެއް ނިންމުމުގެ ކުރިން ރޮނާލްޑޯ ރެއާލްގައި

އާ ކްލަބެއް ނިންމުމުގެ ކުރިން ރޮނާލްޑޯ ރެއާލްގައި

15 ޑިސެމްބަރ 2022

މެޑްރިޑް (ޑިސެމްބަރު 15) - ސައުދީ އަރަބިއްޔާގެ އައް ނަސްރު ސްޕޯޓްސް ކުލަބަށް ބަދަލުވާން އުޅޭ ކަމުގެ އަޑު ފެތުރިފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާ ކުރިމަގުގައި ކުޅޭނެ ކުލަބެއް ނިންމުމުގެ ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑްގައި ފަރިތަކުރުން ކުރިއަށް ގެންގޮސްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (ޑިސެމްބަރު 15) - ސައުދީ އަރަބިއްޔާގެ އައް ނަސްރު ސްޕޯޓްސް ކުލަބަށް ބަދަލުވާން އުޅޭ ކަމުގެ އަޑު ފެތުރިފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާ ކުރިމަގުގައި ކުޅޭނެ ކުލަބެއް ނިންމުމުގެ ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑްގައި ފަރިތަކުރުން ކުރިއަށް ގެންގޮސްފި އެވެ.

މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފެށި ފަހުން ރޮނާލްޑޯ، 37، އާއި މެންޗެސްޓާ ޔުނައިޓެޑާ ދެމެދު އޮތް ކޮންޓްރެކްޓް އުވާލާފައި ވުމާއެކު އޭނާ އަދި ހުރީ ކުޅޭނެ ކުލަބެއް ނުނިންމައި ހުސްކޮށެވެ.

އަބަދުވެސް ފިޓް ކޮށް ހުރުމަށް ލޯބިކުރާ ރޮނާލްޑޯ ކުޅޭނެ ނުލަބެއް ނިންމާފައި ނުވާތީ އޭނާގެ ފިޓްނަސް ހިފަހައްޓަން، އޭނާ ކުރިން ކުޅުނު ރެއާލް މެޑްރިޑުގެ ޓްރެއިނިން ފެސިލިޓީގައި ތަމްރީނުތައް ކުރިއަށް ގެންދިޔައީ، ރެއާލްގެ ޓީމާ ވަކިން އެކަންޏެވެ.

ވޯލްޑް ކަޕް ގައި ރޮނާލްޑޯގެ ޕޯޗުގަލް ކެޓީ ކުއާޓާ ފައިނަލާ ހަމައިން، މޮރޮކޯ އަތުން ބަލި ވެގެންނެވެ. އެ މެޗުގައި ރޮނާލްޑޯ ކުޅެން އެރީ ދެ ވަނަ ހާފުގަ އެވެ. ގަދަ 16 ގައި ސްވިޒަަލެންޑް އަތުން ޕޯޗުގަލް 6-1 އިން މޮޅުވި މެޗުގައި ވެސް ރޮނާލްޑޯ ކުޅެން އެރުވީ ފަހު 15 މިނިޓަށެވެ.

ރެއާލާ އެކު ރޮނާލްޑޯ، 2009 އިން 2018 އަށް ހޭދަކުރި ނުވަ ސީޒަންގައި އޭނާ ވަނީ އެ ކުލަބުގައި ގިނަ ރެކޯޑްތަކެއް މުގުރާލައި، ގިނަ ކާމިޔާބީތަކެއް ޓީމަށް ހޯދައިދީފަ އެވެ. ރެއާލާ އެކު އޭނާ ވަނީ ދެ ލަ ލީގާ އާއި ދެ ކޮޕަ ޑެލް ރޭ ގެ އިތުރުން ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

ރޮނާލްޑޯ ރެއާލް މެޑްރިޑުގައި:

● ކުޅުނު މެޗު: 438

● ޖެހި ގޯލު: 450

● އެސިސްޓް: 131

ރެއާލާއި ރޮނާލްޑޯއާ ދެމެދު އަބަދުވެސް ގާތް ގުޅުމެއް އޮވެ އެވެ. ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މީގެ ކުރިން ބުނެފައި ވަނީ، ރޮނާލްޑޯ ރެއާލް ގައި އެއްވެސް މައްސަލައެއް އުފައްދާފައި ނުވާ ކަމަށާއި، އޭނާ އަކީ ނަމޫނާ ކުޅުންތެރިއެއް ކަމަށެވެ. އަދި ރޮނާލްޑޯ އަކީ އޭނާ ރެއާލަށް ސޮއިކުރުވި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވެސް ޕެރޭޒް ބުނެފައި ވެއެވެ.

ރެއާލް ދޫކޮށް ރޮނާލްޑޯ ބަދަލުވީ އިޓަލީގެ ޔުވެންޓަސް އަށެވެ. އަދި ޔުވެންޓަސް ގައި ހުރެފައި ރޮނާލްޑޯ އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީ މިދިޔަ ސީޒަންގަ އެވެ.

ޔުނައިޓެޑް ދޫކޮށްލުމާ އެކު ސައުދީގެ އައް ނަސްރު ސްޕޯޓްސް ކުލަބުން އޭނާ އަށް ދެ އަހަރާ ބައިގެ މުއްދަތަކަށް އަގުބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ. ޑީލް ފައިނަލް ނުކުރި ނަމަވެސް އޭނާގެ އެޖެންޓް ޖޯޖް މެންޑެސް އަންނަނީ އެއްބަސްވުމުގައި ހުރި ކަންކަމާ މަޝްވަރާ ކުރަމުންނެވެ.