Roadha Mihaaru
ޕްލާސްޓިކް ކޮތަޅަކުން ފީ ނަގަން ފަށަނީ އެޕްރީލްގައި

ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީ ނަގަން ފަށާނީ އެޕްރީލްގައި

18 ޑިސެމްބަރ 2022

ފިހާރަތަކުން ވިޔަފާރިކުރުމުން ދޭ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަންޖެހޭ ގޮތަށް މަޖިލީހުން ފާސްކުރި ކުނި މެނޭޖުކުރުމާ ބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފިހާރަތަކުން ވިޔަފާރިކުރުމުން ދޭ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަންޖެހޭ ގޮތަށް މަޖިލީހުން ފާސްކުރި ކުނި މެނޭޖުކުރުމާ ބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ބިލް ތަސްދީގުކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.

އެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ލާޒިމުވާނީ އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތަރު މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. އެހެންވެ އަންނަ އެޕްރީލް މަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާނެ އެވެ.

ކޮތަޅުން ނަގާ ދެ ރުފިޔާގެ ފީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭނެ އެވެ.

ފިހާރަތަކުން ކަސްޓަމަރަށް ދޭ އިންވޮއިސް ނުވަތަ ރަސީދުގައި ކަސްޓަމަރުގެ އަތުން ޕްލާސްޓިކް ކޮތަޅަށް ނެގި އަގު ހިމަނަން ޖެހޭނެ ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.

ކޮތަޅު ހިލޭ ލިބޭނެ ހާލަތުތައް

• ޑިއުޓީ ފްރީ ފިހާރަތަކުން ވިޔަފާރިކުރުމުން ދޭ ޕްލާސްޓިކް ކޮތަޅު

• ބަންދުނުކޮށް ހުންނަ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު

• ކުނި މެނޭޖުކުރާ ފަރާތްތަކަށް ވިއްކާ ކަޅު ކޮތަޅު

ކުނި މެނޭޖުކުރުމާ ބެހޭ ބިލް ރައީސް މި ތަސްދީގުކުރެއްވީ، ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން އޭގެ މާއްދާއަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެ މައްދާގައި އޮތީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހުއްދަ ނަގައިގެން، ހަކަތަ އުފެއްދުމުގެ ބޭނުމަށް ރާއްޖެއަށް ކުނި އެތެރެކުރެވިދާނެ ކަމަށެވެ.

އެ މައްސަލަގާއި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރުމުގެ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފައި ވަނީ ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް، އެ ބިލުގައި އޮތް މާއްދާއަކީ އެ މިނިސްޓްރީން ވެސް ތާއިދުކުރާ ގޮތެއް ނޫން ކަމަށެވެ. އެއީ މިނިސްޓްރީން ހުށަހެޅި ބަދަލެއް ނޫން ކަމަށާއި އެ ބިލު ތަސްދީގުކުރިޔަސް، މަޖިލީހުގެ އާ ދައުރު ފެށުމާ އެކު އެ މާއްދާ އިސްލާހުކުރަން ހުށަހަޅާނެ ކަމަށް ބުންޏެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނެއް ހެދީ ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތުގައި ރާވައި ހިންގައި ކުނިން ކުރާ ނޭދެވޭ އަސަރުތައް ނައްތާލައި ނުވަތަ މަދުކުރުމަށެވެ. ތިމާވެއްޓާއި އާންމު ސިއްހަތު ރައްކާތެރިކޮށް، ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތްތައް ކަނޑައެޅުމަކީ ވެސް އެ ގާނޫނުގެ މަގުސަދެކެވެ.

މި ގާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ، އަޅާނެ އިދާރީ ފިޔަވަޅުތަކާއި އަދަބުތަކާއި ޖިނާއީ ދައުވާކުރެވޭނެ ގޮތް ވެސް ބަޔާންކޮށްފައިވެ އެވެ.

މި ގާނޫނުގެ ދަށުން ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތުތައް ކަނޑައަޅާނީ ތިމާވެއްޓާ ބެހޭ މިނިސްޓަރެވެ. ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ކުނި މަދުކުރުމުގެ ސްޓްރެޓަޖީއެއް މިނިސްޓަރު ކަނޑައަޅުއްވައި އާއްމުކުރަން ޖެހޭނެ އެވެ. އަދި ކުނިމެނޭޖުކުރުމުގެ ޤައުމީ މާސްޓަ ޕްލޭނެއް ވެސް އެއް އަހަރު ދުވަހުގެ ތެރޭގައި އެކުލަވާލައި އާންމުކުރަން ޖެހޭނެ އެވެ.