Roadha Mihaaru
ފްލެޓް ޕެޓިޝަން: ކޮމިޓީން ރައީސްއާ ބައްދަލުކުރަނީ

ހިޔާ ފްލެޓްގެ ޕެޓިޝަނާ ގުޅިގެން ކޮމިޓީން ރައީސްއާ ބައްދަލުކުރައްވަނީ

13 ސެޕްޓެމްބަރ 2021

ހިޔާ ފްލެޓްތަކުގެ މައްސަލައިގައި، އެ ތަންތަން ލިބުނު މީހުންގެ ކަންބޮޑުވުންތައް ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާއިރު އެކަމާ ގުޅިގެން އެ ކޮމިޓީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ބައްދަލުކުރެއްވުމަށް މިއަދު ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ ފްލެޓްތަކުގެ މައްސަލައިގައި، އެ ތަންތަން ލިބުނު މީހުންގެ ކަންބޮޑުވުންތައް ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާއިރު އެކަމާ ގުޅިގެން އެ ކޮމިޓީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ބައްދަލުކުރެއްވުމަށް މިއަދު ނިންމައިފި އެވެ.

ފްލެޓް ލިބުނު މީހުންގެ ހައްގުގައި ވަކާލަތުކުރަމުން އަންނަ "ހިޔާ ޔޫނިއަން" އިން 2،177 މީހުންގެ ސޮޔާ އެކު ކޮމިޓީއަށް ހުށަހެޅި ޕެޓިޝަންގައި ވަނީ ފްލެޓްތަކުގެ މަހު ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށާއި އިންޓީރިއާ އާއި ފިނިޝިން އަށް ހޭދަވާ ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށް، ޖުމުލަ އަގުން އިންޓީރިއާއަށް ހޭދަވާ އެއް ލައްކަ ރުފިޔާ މާފުކޮށްދިނުމަށް އެދިފަ އެވެ.

އެކަމާ ގުޅިގެން ޕެޓިޝަން ކޮމިޓީން ކުރިން ނިންމާފައި އޮތީ އެ ކަންބޮޑުވުންތަކަށް ޖަވާބުދާރީކުރުވަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވެސް އެ ކޮމިޓީއަށް ހާޒިރުކުރާށެވެ. އެކަމަކު މިވަގުތު މާލޭގެ މޭޔަރު މުއިއްޒު ހުންނެވީ ރަސްމީ ދަތުރެއްގައި ތުރުކީއަށް ވަޑައިގެންނެވެ.

އެހެންވެ އެބޭފުޅުން ހާޒިރުކުރާ ބައްދަލުވުން ހަމަޖައްސަވާނީ މި މަހުގެ 21 ގެ ފަހުންނެވެ.

ކޮމިޓީގެ މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރަރު ވިދާޅުވީ ހިޔާ ފްލެޓްތަކާ ގުޅިގެން ހުށަހެޅުނު ޕެޓިޝަނާ ގުޅޭގޮތުން މެމްބަރުންގެ މެދުގައި މަޝްވަރާކުރެވުމުގެ ތެރެއިން އެ ކޮމިޓީއަށް ރައީސް ހާޒިރުކުރެއްވުމަށް ހިޔާލު ހުށަހެޅުނު ކަމަށެވެ. އެކަން ވެދާނެތޯ ބެލިއިރު ރައީސް އޮފީހުން ވެސް އެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް އަންގާފައިވާތީ ކޮމިޓީން ނިންމީ ރައީސްއާ ބައްދަލުކުރާށެވެ.

އެ ކޮމިޓީން ނިންމީ ރައީސްއަށް ފަސޭހަފުޅު ވަގުތެއްގައި ކޮމިޓީގެ މެމްބަރުންނަށް ބައްދަލުކުރާ ގޮތަށެވެ. އެއީ ކޮމިޓީން ވަކި ދުވަހެއް ނުވަތަ ވަކި ވަގުތެއްގައި ބައްދަލުކުރެއްވުމަށް ފާސްކުރާއިރު ރައީސްއަށް ބައްދަލުނުކުރެއްވިދާނެތީ އެވެ.

ކޮމިޓީގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ އެ ޕެޓިޝަނާ ގުޅިގެން ރައީސްއާ ބައްދަލުކުރެއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގެން ވާހަކަ ދައްކަވައިފަ އެވެ.

ހިޔާ ފްލެޓްގެ ކުއްޔަށް މަހަކު 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގަން ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. ފްލެޓް އެޅުމަށް ނެގި ލޯނު އަނބުރާ ދައްކަން ޖެހޭތީ ކުލި ކުޑަކުރެވެން ނެތް ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު ފްލެޓްގެ އެތެރޭގެ މަސައްކަތް ވެސް ފްލެޓް ލިބޭ މީހުން އަމިއްލަ ހަރަދުގައި ކުރަން ޖެހޭއިރު އެކަމަށް ލައްކައެއްހާ ރުފިޔާ ހަރަދުވެ އެވެ.