Roadha Mihaaru
މަނާ ޕްލާސްޓިކުގެ ލިސްޓު އާ ގާނޫނުގެ ދަށަށް!

މަނާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު އާ ގާނޫނުގެ ދަށަށް ބަދަލުކޮށްފި

20 ޑިސެމްބަރ 2022

ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން، އަލަށް އުފެއްދި ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނުގެ ދަށަށް އިއްޔެ ބަދަލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން، އަލަށް އުފެއްދި ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނުގެ ދަށަށް އިއްޔެ ބަދަލުކޮށްފި އެވެ.

ކުރިން އެ ލިސްޓު ކަނޑައަޅާފައި އޮންނަނީ، 1993 ވަނަ އަހަރު އުފެއްދި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުންނެވެ. އެކަމަކު، މިދިޔަ އާދިއްތަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު މިހާރު ވަނީ އުވާލައިފަ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، ރައީސްގެ ގަރާރަކުން އެ ލިސްޓުން އަލުން ކަނޑައެޅީ އެ ގާނޫނު އުވާލުމުންނެވެ.

ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް، މި ލިސްޓުގައި ބަޔާންކޮށްފައިވާ ތާރީހުތަކުން ފެށިގެން ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކަމަށް ބުނެފައިވެ އެވެ.

މިހާރު މަނާ ބާވަތްތައް

• އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި

• ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު

• ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި

• ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކު ކޮތަޅު

• ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ

• 250 މިލިލީޓަރަށް ވުރެ ކުޑަ އަދި އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި

• ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު

• 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕު އާއި ސައިބޯނީގެ އިތުރުން ކޮންޑިޝަނާ އާއި ލޯޝަން

• 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފެންފުޅި

• އެހެން ބާވަތުގެ ދިޔާތަކެތި ހުންނަ 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކު ފުޅި

ސިންގަލް-ޔޫސް ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކުރުމުގެ ގޮތުން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އަންނަ އަހަރުގެ ޑިސެމްބަރުން ފެށިގެން މަނާކޮށް، 2024 މާޗު މަހުން ފެށިގެން ބާޒާރަށް ނެރުން މަނާވާނެ އެވެ.

"ސިންގަލް ޔޫސް ޕްލާސްޓިކް" މަނާކުރިޔަސް ކުދި ވިޔަފާރިތަކުގައި އުފައްދާ ތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކުގެ ބާވަތްތައް އެ ސިޔާސަތުގެ ދަށުން އިސްތިސްނާވާނެ އެވެ. އެއީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ހުއްޓުވުމަށާއި ރާއްޖޭގެ އިގުތިސާދު ހިމާޔަތްކުރުމުގެ ގޮތުން ހާއްސަ އިސްކަމެއްދީގެން ސަރުކާރު ތަންފީޒުކުރަމުން އަންނަ ސިޔާސަތެކެވެ.