Roadha Mihaaru
އަންނައަހަރު ރާއްޖެއަށް ސުޕާރީ ޕެކެޓް އެތެރެކުރުން މަނާ

ސުޕާރީ ޕެކެޓް ހިމެނޭހެން ރާއްޖެ އެތެރެކުރުން މަނާތަކެތީގެ ލިސްޓް އާއްމުކޮށްފި

30 ޑިސެމްބަރ 2020

އެއްފަަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ރާއްޖެ އެތެރެކުރުން މަނާ 12 ބާވަތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކަނޑައަޅުއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެއްފަަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ރާއްޖެ އެތެރެކުރުން މަނާ 12 ބާވަތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކަނޑައަޅުއްވައިފި އެވެ.

އޭގެ ދަށުން، ޕްލާސްޓިކް ޕެކެޓުގައި ސުުޕާރީ އެތެރެކުރުން ވެސް ވަކި މުއްދަތެއްގެ ފަހުން މަނާވާނެ އެވެ.

މި މަހުގެ 7 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނު ރައީސް ތަސްދީގުކުރެއްވީ މިިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. އެ ގާނޫނުގެ ދަށުން ރާއްޖެ އެތެރެކުރުން މަނާވާ ތަކެތި، ޖެނުއަރީ 1، 2021 ގެ ކުރިން ރައީސް ކަނޑައަޅުއްވައި އިއުލާނުކުރައްވަން ޖެހިވަޑައިގަންނަވަ އެވެ.

މިހާރު ކަނޑައަޅާފައިވާ ބައެއް ތަކެތި ރާއްޖެ އެތެރެކުރުން މަނާވާނީ ޖޫން 1، 2021 އިން ޑިސެމްބަރު 1، 2023 އާ ދެމެދުގަ އެވެ.

ރާއްޖެ އެތެރެކުރުން މަނާތަކެތި

1- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި (ރާއްޖެ އެތެރެކުރުން މަނާވާނީ ޖޫން 1، 2021 ގެ ފަހުން)

2- ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، ދިޔާތަކެތި ދިނުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު (ރާއްޖެ އެތެރެކުރުން މަނާވާނީ ޖޫން 1، 2021 ގެ ފަހުން)

3- ކާބޯތަކެތި ބަންދުކުރާ ސްޓްއިރަފޯމް ފޮށި (ރާއްޖެ އެތެރެކުރުން މަނާވާނީ ޖޫން 1، 2021 ގެ ފަހުން)

4- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު (ރާއްޖެ އެތެރެކުރުން މަނާވާނީ ޖޫން 1، 2021ގެ ފަހުން)

5- ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު (ރާއްޖެ އެތެރެކުރުން މަނާވާނީ 1 ޑިސެމްބަރު 2022ގެ ފަހުން)

6- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ (ރާއްޖެ އެތެރެކުރުން މަނާވާނީ ޖޫން 1، 2021ގެ ފަހުން)

7- 250 މިލި ލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި (ރާއްޖެ އެތެރެކުރުން މަނާވާނީ ޖޫން 1، 2021ގެ ފަހުން)

8- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު (ރާއްޖެ އެތެރެކުރުން މަނާވާނީ ޖޫން 1، 2021ގެ ފަހުން)

9- 50 މިލިމީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނިފުޅި (ރާއްޖެ އެތެރެކުރުން މަނާވާނީ ޑިސެމްބަރު 1، 2022ގެ ފަހުން)

10- 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި (ރާއްޖެ އެތެރެކުރުން މަނާވާނީ ޑިސެމްބަރު 1، 2022ގެ ފަހުން)

11- ރާއްޖެ އަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި. އޭގައި ފެނާއި ލުއިބުއިން ހިމެނޭ. (ރާއްޖެ އެތެރެކުރުން މަނާވާނީ ޑިސެމްބަރު ޖޫން 1، 2021)

12- ރާއްޖެއަށް އިމްޕޯޓުކުރާ 1 ލިޓަރާއި ލިޓަރަށްވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން. (ރާއްޖެ އެތެރެެކުރުން މަނާވާނީ ޑިސެމްބަރު 1، 2023ގެ ފަހުން)

އިމްޕޯޓުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް ރާއްޖެ އެތެރެކުރުން މަނާކުރިއިރު، ސަރުކާރުން އަންނަނީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި، ސަރުކާރުގެ ބައެއް އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުން ހިމެނެ އެވެ.