Roadha Mihaaru
ރަޝިޔާ އިން ޔޫކްރޭންގައި ހިންގަނީ ގަތުލުއާންމެއް

ރަޝިޔާ އިން ޔޫކްރޭންގައި ހިންގަނީ ގަތުލުއާންމެއް: ބައިޑެން

13 އެޕްރީލް 2022

ޚާއްސަ އަސްކަރީ ހަރަކާތްތަކެއްގެ ނަމުގައި، ރަޝިޔާ ސިފައިން ޔޫކްރޭންގައި ހިންގަމުން ގެންދަނީ ގަތުލުއާންމެއް ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

ޚާއްސަ އަސްކަރީ ހަރަކާތްތަކެއްގެ ނަމުގައި، ރަޝިޔާ ސިފައިން ޔޫކްރޭންގައި ހިންގަމުން ގެންދަނީ ގަތުލުއާންމެއް ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އަޔޯވާ ސްޓޭޓުން ވޮޝިންޓަނަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވި ގޮތުގައި ރަޝިޔާގެ ރައީސް ޕުޓިން މަސައްކަތް ކުރައްވަނީ، ޔޫކްރޭން ރައްޔިތަކަށް ވުމުގެ ވިސްނުން ވެސް، ޔޫކްރޭންގެ ރައްޔިތުންގެ ސިކުނޑިތަކުން ފޮހެލުމަށްކަން، ވަރަށް ސާފުކޮށް މިހާރު ދަނީ އެނގެމުންނެވެ.

ބައިޑެން އަޔޯވާ އަށް ވަޑައިގަތީ، އެމެރިކާގައި ޕެޓްރޯލްގެ އަގުތައް އުފުލެމުންދާ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބޭއްވި ހަފްލާއެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. ޕެޓްރޯލްގެ އަގަށް އައި ބަދަލުތައް، ބައިޑެން ސިފަކުރައްވަނީ "ޕުޓިންގެ އަގު"ގެ ގޮތުގަ އެވެ.

ޔޫކްރޭން ހަނގުރާމައަކީ ގަތުލުއާންމެއް ކަމަށް ސިފަކުރެއްވި ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް، ބައިޑެން ނުދެއްވަ އެވެ. އޭނާ ވިދާޅުވީ ރަޝިޔާގެ އުދުވާނީ އަމަލުތަކަކީ ގަތުލު އާންމުގެ މިންގަނޑަށް ފެތޭ އަމަލުތަކެއް ކަމަށް ކަނޑައެޅުމަކީ ގާނޫނީ ވަކީލުންގެ ޒިންމާއެއް ކަމަށެވެ. އެހެން ނަމަވެސް، "އެ ހަރަކާތްތައް އަހަރެންނަށް ފެންނަނީ އެގޮތަށް" ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

ރައީސް ބައިޑެންގެ މި ވާހަކަތަކަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ތާރީފު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ބައިޑެންގެ ވާހަކަތަކަކީ ވަރަށް ހަގީގީ ތެދު ވާހަކަތަކެއް ކަމަށެވެ.

"ރަޝިޔާ ސިފައިން ޔޫކްރޭންގައި ހިންގާފައިވާ ބިރުވެރި ކަންކަމުގެ ތަފްސީލުތައް އަކުރުން އަކުރަށް އެ އަންނަނީ ލިބެމުން. އަހަރެމެންނަށް ކަށަވަރުވަމުން ދަނީ ރަޝިޔާގެ އެ އަމަލުތަކުގެ ސަބަބުން ޔޫކްރޭނަށް ލިބިފައިވާ ގެއްލުންތައް. އެއީ ގަތުލުއާންމެއްތޯ ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅުން، ގާނޫނީ ވަކީލުންނަށް ދޫކޮށްލަމާ ހިނގާ،" ބައިޑެން ވިދާޅުވި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން، އެމެރިކާ އިން ވަނީ ރަޝިޔާގެ ތެލުގެ ބާވަތްތަކާއި ގޭސް ގަތުން ހުއްޓާލައިފަ އެވެ. އެކަމާ ގުޅިގެން، ޕެޓްރޯލާއި ގޭހުގެ އަގުތައް އެމެރިކާގައި ވަނީ މައްޗަށް ގޮސްފަ އެވެ.

ރައީސް ބައިޑެން އިއްޔެ ވަނީ ޔޫކްރޭނަށް އިތުރު މާލީ އެހީ އާއި އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއާ، ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އޭގެ އިތުރުން ވިލާތުގެ ގައުމުތަކުން ރަޝިޔާގެ ގުދުރަތީ ގޭހާއި ޕެޓްރޯލަށް ބަރޯސާވުން ހުއްޓައިލުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް، އިނގިރޭސި ބޮޑުވަޒީރުގެ ތަރުޖަމާނު ވިދާޅުވި އެވެ.