Roadha Mihaaru
ރެފިއުޖީންގެ 100 މީހަކު ކަނޑުވެ ގެއްލިއްޖެ

ޔޫރަޕަށް އެތެރެވާން އުޅުނު 100 މީހަކު ކަނޑުވެ ގެއްލިއްޖެ

15 ޖެނުއަރީ 2017

ރެފިއުޖީންގެ ގޮތުގައި ޔޫރަޕަށް އެތެރެވާން ދިޔަ ބަޔަކު ތިބި އުޅަނދެއް ލީބިއާއާ ދިމާލުން މެޑިޓެރޭނިއަން ކަނޑަށް އަޑިއަށް ގޮސް 100 ވަރަކަށް މީހުން ގެއްލިއްޖެ އެވެ.

ރެފިއުޖީންގެ ގޮތުގައި ޔޫރަޕަށް އެތެރެވާން ދިޔަ ބަޔަކު ތިބި އުޅަނދެއް ލީބިއާއާ ދިމާލުން މެޑިޓެރޭނިއަން ކަނޑަށް އަޑިއަށް ގޮސް 100 ވަރަކަށް މީހުން ގެއްލިއްޖެ އެވެ.

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތްކުރާ އިޓަލީ ކޯސްޓް ގާޑުން ބުނީ މަރުވެފައިވާ އަށް މީހެއްގެ ހަށިގަނޑު ފެނިއްޖެ ކަމަށާއި ހަތަރު މީހަކު ސަލާމަތްކުރެވިފައިވާ ކަމަށެވެ. އެކަމަކު އަދިވެސް އެތައް ބަޔަކު ގެއްލިފައިވާ ކަމަށާއި މީހުން ހޯދުމުގެ މަސައްކަތަށް، އިރު އޮއްސި އަނދިރި ވުމުގެ ސަބަބުން އުނދަގޫވެފައިވާ ކަމަށް ކޯސްޓް ގާޑުން ބުންޏެވެ.

އުޅަނދު ފެތުނީ އިޓަލީ އާއި ލީބިއާއާ ދޭތެރެ އަށް، ލީބިއާއިން ފެށިގެން 30 ކިލޯމީޓަރެއްހާ ދުރަށެވެ. ފެތުނު އުޅަނދުގައި ތިބީ ކޮން ގައުމެއްގެ މީހުންނެއް ކަމެއް ނޭނގެ އެވެ.

ރެފިއުޖީންގެ ގޮތުގައި ޔޫރަޕަށް ހިޖުރާ މީހުންގެ އަދަދު 2015 ވަނަ އަހަރު ވަރަށް ބޮޑަށް މައްޗަށް ދިއުމަށް ފަހު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. މިގޮތަށް ގިނަ މީހުން ދަތުރުކުރަނީ ކަނޑުމަގުން ކަމަށް ވިޔަސް މިއީ އެންމެ ނުރައްކާތެރި ގޮތެވެ. ކަނޑުމަގުން ޔޫރަޕަށް އެތެރެވާން އުޅެނިކޮށް ކަނޑުގެ އެތައް ހާސް ބަޔަކު ވަނީ ގެނބިގެން މަރުވެފަ އެވެ.

މިދިޔަ ހުކުރު ދުވަހު ވެސް އިޓަލީގެ ކޯސްޓް ގާޑުން ވަނީ ޔޫރަޕަށް ދަތުރުކުރި 550 މީހަކު ކަނޑުމަތިން ހޯދައިފަ އެވެ.

މީހުން ހޯދުމުގެ މަސައްކަތުގައި ބައިވެރިވާ ޑޮކްޓާސް ވިތައުޓް ބޯޑާޒް އިން ބުނީ ވައި ޖަހައިގެން ފުއްޕާ ވައްތަރުގެ ކުޑަ ޑިންގީއެއްގައި 123 މީހަކު ފިތި ބާރުވެގެން ދަތުރުކުރަނިކޮށް ވެސް ފެނިފައިވާ ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ދެ ހަފުތާ ތެރޭ އެކަނި ވެސް ޔޫރަޕަށް ހާހަކަށް ވުރެ ގިނަ މީހުން މިގޮތަށް ހިޖުރަކޮށްފައިވާ ކަމަށް އދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ލަފާކުރެ އެވެ. އަދި މިހާތަނަށް 11 މީހަކު މަރުވެ ނުވަތަ ގެއްލިފައިވެ އެވެ.