Roadha Mihaaru
ލީބިޔާގެ ބޯޓުތަކަށް އިޓަލީގެ ބަނދަރުތައް ބަންދު ކުރަނީ

ލީބިޔާގެ ބޯޓުތަކަށް އިޓަލީގެ ބަނދަރުތައް ބަންދު ކުރަނީ

29 ޖޫން 2017

ލީބިޔާ އިން ރެފިއުޖީން ގޮވައިގެން އަންނަ ކަނޑު ބޯޓުތަކަށް އިޓަލީގެ ބަނދަރުތައް ބަންދު ކުރުމަށް ވިސްނަމުން އަންނަ ކަމަށް އިޓަލީ ވިލާތުން ބުނެފި އެވެ.

ލީބިޔާ އިން ރެފިއުޖީން ގޮވައިގެން އަންނަ ކަނޑު ބޯޓުތަކަށް އިޓަލީގެ ބަނދަރުތައް ބަންދު ކުރުމަށް ވިސްނަމުން އަންނަ ކަމަށް އިޓަލީ ވިލާތުން ބުނެފި އެވެ.

އިޓަލީ ސަރުކާރުން މިފަދަ ވިސްނުމަކަށް މި ދިޔައީ ވެއަތުވެ ދިޔަ ފަސް ދުވަހުގެ ތެރޭގައި ލީބިޔާ އިން އިޓަލީ އަށް ކަނޑުމަގުން އައި މީހުންގެ އަދަދު 11،000 އަށް އަރާފައި ވަނިކޮށެވެ. އިޓަލީން މި ނިންމުން ތަންފީޒު ކުރުމަށްޓަކައި މިހާރު ވަނީ ޔޫރަޕްގެ ކޮމިޝަންގެ ސަމާލުކަމަށް މި މައްސަލަ ގެނައުމަށް، އީޔޫގައި ހުންނަވާ އިޓަލީ ސަފީރާ ހަވާލު ކޮށްފަ އެވެ.

އިޓަލީން ބުނާ ގޮތުގައި އެގޮތަށް އަމަލު ކުރެވޭނީ ރެފިއުޖީންނަށް ހިމާޔަތް ދިނުމާ ބެހޭ ގޮތުން ވިލާތުގެ އިއްތިހާދުން ގެންގުޅޭ ސިޔާސަތު މުރާޖައާކޮށް އިޓަލީ އަށް އެ ކަމުގެ ހުއްދަ ދިނުމުންނެވެ. މި ކަމުގައި އިޓަލީން ގެންގުޅޭ އެއް ވިސްނުމަކީ އިޓަލީގެ ހުއްދައާ ނުލައި އަންނަ ކަނޑުބޯޓުތައް އިޓަލީގެ ސިސިލީ އާއި ކަލަބްރިއާގައި ބަނދަރު ކުރުމުގެ ހުއްދަ ނުދިނުމެވެ.

ލީބިޔާގެ ހަނގުރާމައިން ސަލާމަތް ވުމުގެ ގޮތުން އެ ގައުމު ދޫކޮށް ހިޖްރަ ކުރި މީހުންތަކެއް ގޮވައިގެން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހައިލުމުގެ ސަބަބުން މިދިޔަ ހަފުތާގައި ވެސް ވަނީ އެތައް ބަޔަކު މަރުވެފަ އެވެ. އޭގެ އިތުރުން ރެފިއުޖީންގެ ގޮތުގައި މީހުން ސަލާމަތް ކުރުމުގެ ނަމުގައި، އިންސާނުންގެ ވަގު ވިޔަފާރި ކުރާ މީހުން ވެސް އެފްރިކާގެ ގައުމުތަކުން ޔޫރަޕަށް މީހުން އެތެރެ ކުރުމުގައި ބައިވެރިވާ ކަން ވެސް ވަނީ ފަޅާއަރައިފަ އެވެ.

ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަމާ ދެކޮޅަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ މަދަދާ އެކު، ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ފެށި ހަނގުރާމަ މުޅި ގައުމަށް ފެތުރި އެތައް ލައްކަ ބަޔަކު މަރުވެ މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި އެކި ގައުމުތަކަށް ހިޖްރަ ކޮށްފަ އެވެ.

ލީބިޔާގެ އަސްކަރިއްޔާ ވެސް ދެބައިވެ މުޅި ގައުމުގެ އާންމު ނިޒާމު ގެއްލިފައިވާ އިރު، ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތައް ވެސް ދަނީ ލީބިޔާގައި ހަނގުރާމަ ކުރަމުންނެވެ. އެހެން ކަމުން ލީބިޔާގައި މިހާރު ދެ ވެރިކަމެއް ވެސް ވަނީ އުފެދިފަ އެވެ.