Roadha Mihaaru
6،500 ރެފިއުޖީން ކަނޑުމަތިން ސަލާމަތްކޮށްފި

6،500 ރެފިއުޖީން ކަނޑުމަތިން ސަލާމަތްކޮށްފި

30 އޯގަސްޓް 2016

ޓްރިޕޮލީ (އޮގަސްޓް 30) - ގާތްގަނޑަކަށް 6،500 ރެފިއުޖީން ލީބިއާގެ ކަނޑުގެ ސަރަހައްދުން ސަލާމަތްކޮށްފައިވާ ކަމަށް އިޓަލީގެ ކޯސްޓްގާޑުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޓްރިޕޮލީ (އޮގަސްޓް 30) - ގާތްގަނޑަކަށް 6،500 ރެފިއުޖީން ލީބިއާގެ ކަނޑުގެ ސަރަހައްދުން ސަލާމަތްކޮށްފައިވާ ކަމަށް އިޓަލީގެ ކޯސްޓްގާޑުން ބުނެފި އެވެ.

މިއީ ކަނޑުމަތިން ރެފިއުޖީން ސަލާމަތް ކުރުމަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަނެވެ. ލީބިއާގެ ޓައުނެއް ކަމަށްވާ ސަބްރަތާގެ 12 މޭލު ދުރުން ރެފިއުޖީން ސަލާމަތް ކުރުމަށް 40 އަށް ވުރެ ގިނަ ރެސްކިއު މިޝަން ހިންގާފައިވެ އެވެ.

ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ސަލާމަތް ކުރި މީހުންގެ ތެރޭގައި ހިމެނެނީ އެރިތުރިއާ އަދި ސޯމާލިއާ މީހުންނެވެ. ބައެއް މީހުން ވަނީ ސަލާމަތްވުމަށް ރެސްކިއު އުޅަނދުތަކާ ދިމާލަށް ފަތާފައި ގޮސްފަ އެވެ. އަނެއް ބަޔަކު އުޅަނދުތަކުގައި ތިބީ ކުޑަ ކުދިންތައް ގޮވައިގެންނެވެ. މި ސަރަހައްދުން މިދިޔަ އާދިއްތަ ދުވަހު ވެސް ވަނީ 1،100 ރެފިއުޖީން ސަލާމަތްކޮށްފަ އެވެ.

ރެފިއުޖީން ތިބި ބޯޓަކުން ފަސް ދުވަސްވީ ކުޑަ ކުއްޖަކު ގޮވައިގެން ރެސްކިއު ބޯޓަކަށް މީހަކު ދަނީ. --ފޮޓޯ:އޭއެފްޕީ

ރެފިއުޖީން ތިބި ބޯޓަކުން ފަސް ދުވަސްވީ ކުޑަ ކުއްޖަކު ގޮވައިގެން ރެސްކިއު ބޯޓަކަށް މީހަކު ދަނީ. --ފޮޓޯ:އޭއެފްޕީ

ރެފިއުޖީން ސަލާމަތް ކުރުމަށް އިއްޔެ ހިންގި އޮޕަރޭޝަނުގައި އިޓަލީ އާއި އީޔޫގެ ބޯޑާ އެޖެންސީ އަދި މެޑިސިންސް ސެން ފްރަންޓިއާސްގެ އުޅަނދުތައް ބައިވެރިވެ އެވެ.

މިދިޔަ އަހަރު ވެސް ވަނީ މިލިއަނަކަށް ވުރެ ގިނަ ރެފިއުޖީން ޔޫރަޕަށް އެތެރެވެފަ އެވެ. މީގެ ތެރޭން ގިނައީ ސީރިއާގެ ރެފިއުޖީންނެވެ. ޔޫރަޕަށް ރެފިއުޖީން އެތެރެވާ މައްސަލަ ބޮޑުވެ ބައެއް ގައުމުތަކުން ވަނީ ރެފިއުޖީން ގަބޫލް ކުރުމަށް ދެކޮޅު ހަދައިފަ އެވެ. ޔޫރަޕިއަން ޔޫނިއަން އިން މިދިޔަ އަހަރު ވަނީ ތުރުކީ އާއި ގްރީސް ހުރަސްކޮށް ދަތުރުކުރާ ރެފިއުޖީން ހުއްޓުވުމަށް ތުރުކީއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި ބޯލްކަންގެ ގައުމުތަކުން ވަނީ ރެފިއުޖީންނަށް ބޯޑަރު ބަންދުކޮށްފަ އެވެ. އެހެންވެ އިރުމަތީ މެޑިޓެރޭނިއަން މަގުން ދަތުރުކުރާ ރެފިއުޖީންގެ އަދަދު ވަނީ މަދުވެފަ އެވެ. ނަމަވެސް އެފްރިކާގެ ގައުމުތައް ކަމަށްވާ އެރިތުރިއާ އަދި ސޯމާލިއާގެ ރެފިއުޖީންނާއި ހުޅަނގު އެފްރިކާގެ ގައުމުތައް ކަމަށްވާ ނައިޖީރިއާ އަދި ގެމްބިއާގެ ރެފިއުޖީން ލީބިއާ ހުރަސްކޮށް އިޓަލީ އަށް ދަތުރުކުރެ އެވެ.

ސަލާމަތް ކުރި ގިނަ ރެފިއުޖީންނަކީ ސޯމާލިއާ އާއި އެރިތުރިއާ މީހުން. --ފޮޓޯ:އޭއެފްޕީ

ސަލާމަތް ކުރި ގިނަ ރެފިއުޖީންނަކީ ސޯމާލިއާ އާއި އެރިތުރިއާ މީހުން. --ފޮޓޯ:އޭއެފްޕީ

އިޓަލީ އަށް މި އަހަރު ވަނީ 106،000 ރެފިއުޖީން އެތެރެވެފަ އެވެ. އަދި ކަނޑު ހުރަސްކޮށް ކުރި ދަތުރު މަތީގައި 2،726 މީހުން މަރުވެފައިވާ ކަމަށް އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ބުނެފައިވެ އެވެ. މި އަހަރު އެކި ގައުމުތަކުން ޔޫރަޕަށް ވަނީ 284،000 ރެފިއުޖީން އެތެރެވެފަ އެވެ.