Roadha Mihaaru
ޝަމްހާ، މަރީ، ޔޫސުފް، ފަވާޒް ޑާކާ މެރަތަން އަށް

ޝަމްހާ، މަރީ، ޔޫސުފް، ފަވާޒް ޑާކާ މެރަތަން އަށް، ކޯޗަކީ ނަސްރު

23 ޑިސެމްބަރ 2022

ބަންގްލަދޭޝްގެ ޑާކާގައި އަންނަ މަހު ބާއްވާ މެރަތަންގައި ވާދަކުރާ ރާއްޖޭގެ ގައުމީ މެރަތަން ޓީމުގައި ތަޖުރިބާކާރު ދެ ދުވުންތެރިން ކަމަށްވާ ޝަމްހާ އަހުމަދާއި މަރްޔަމް އަބްދުލް ކަރީމްގެ ހިމަނައިފި އެވެ.

ބަންގްލަދޭޝްގެ ޑާކާގައި އަންނަ މަހު ބާއްވާ މެރަތަންގައި ވާދަކުރާ ރާއްޖޭގެ ގައުމީ މެރަތަން ޓީމުގައި ތަޖުރިބާކާރު ދެ ދުވުންތެރިން ކަމަށްވާ ޝަމްހާ އަހުމަދާއި މަރްޔަމް އަބްދުލް ކަރީމްގެ ހިމަނައިފި އެވެ.

ދެން ހިމެނެނީ ކުރިއަރަމުން އަންނަ ދެ ދުވުންތެރިން ކަމަށްވާ ޔޫސުފް އިބްރާހިމް އާއި ފަވާޒު މުހައްމަދެވެ. ޓީމުގެ ކޯޗަކީ ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދު (ނަސްރު) އެވެ.

މި ޓީމުގައި ހިމެނޭ ދުވުންތެރިންގެ ތެރެއިން މަރީ ފިޔަވައި އަނެއް ތިން ދުވުންތެރިންނަކީ ނަސްރުގެ ކޯޗުކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ ދުވުންތެރިންނެވެ.

ބަންގްލަދޭޝްގެ ބާނީ ބަންގުބަންދު ޝައިހް މުޖިބުއް ރަހްމާންގެ ނަމުގައި ބާއްވާ މި މެރަތަންގެ ފުލް މެރަތަންގައި ވާދަކުރާނީ މަރީ އާއި ފަވާޒު އެވެ. މެރަތަން އަދި ހާފް މެރަތަންގެ ރާއްޖޭގެ ރެކޯޑް ހޯލްޑާ ޝަމްހާ އާއި ޔޫސުފް ވާދަކުރާނީ ހާފް މެރަތަންގަ އެވެ.

އަންނަ މަހު 20 ގައި ބާއްވާ މެރަތަން އަކީ ހަތް އަހަރަށް ފަހު ޝަމްހާ ގައުމީ ޓީމު ތަމްސީލު ކުރާ ފުރަތަމަ އިވެންޓެވެ. ރީޔޫނިއަންގައި 2015 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހާފް މެރަތަންގައި ޝަމްހާ ވާދަކޮށް މެޑަލް ވެސް ހޯދި އެވެ.

ސެޕްޓެމްބަރު މަހު ބޭއްވި ބާލިން މެރަތަންގައި ވާދަކޮށް ޝަމްހާ ވަނީ ރާއްޖޭގެ މެރަތަން ރެކޯޑް މުގުރައިލައިފަ އެވެ. ޖަރުމަންގައި ދިރިއުޅެމުން އަންނަ ޝަމްހާ ރެކޯޑް ހެދީ 3:02:41 (3 ގަޑިއިރާއި 2 މިނެޓް 41 ސިކުންތު) އިންނެވެ. ކުރިން އެ ރެކޯޑް އޮންނަނީ މަރީ އަތުގަ އެވެ. އޭނާ އެ ރެކޯޑް ހެދީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި 3:21:54 އިން ރޭސް ނިންމައިގެންނެވެ.

މި ފަހަރުގެ ބާލިން މެރަތަންގައި ވެސް މަރީ ވާދަކުރި އެވެ. ސައުތު އޭޝިއަން ގޭމްސްގައި އޭނާ ނިންމި ވަރަށް ވުރެ އަވަހަށް ބާލިންގައި ރޭސް ނިންމި އެވެ. އޭނާގެ ޓައިމިން އަކީ 3:15:18 އިންނެވެ.

ހާފް މެރަތަން ރެކޯޑް ވެސް މިހާރު އޮންނަނީ ޝަމްހާ އަތުގަ އެވެ. ސެޕްޓެމްބަރު މަހު ނޯވޭގެ އޮސްލޯގައި ބޭއްވި ހާފް މެރަތަންގައި ވާދަކޮށް ޝަމްހާ 1:27:51 އިން މުގުރާލީ ކުރިން މަރީ ހަދައިފައި އޮރް ރެކޯޑެވެ. ފެބްރުއަރީ މަހު ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ރަކް އަލް ހައިމާ ހާފް މެރަތަންގައި މަރީ އޭރު ރެކޯޑް ހެދީ 1:30:46 ންނެވެ.

ނަސްރު ބުނީ ޖަރުމަންގެ ފިނިމިން މައިނަސް 6 ޑިގްރީގައި ހުރުމުން ޝަމްހާގެ ޓްރޭނިންތައް ގަވާއިދުން ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް މިވަގުތު އެބަހުރި ކަމަށެވެ.

"އެކަމަކު ވެސް އަޅުގަނޑުގެ ޓާގެޓަކީ އޭނަ ލައްވާ ވަނައެއް ހޯދުން ނޫނީ ގައުމީ ރެކޯޑް އަނެއް ކާ ވެސް އާ ކުރުވުން،" ނަސްރު ބުންޏެވެ.

ބެންގަލޫރު މިޑްނައިޓް މެރަތަން އަށް ފަހު ނަސްރު އާއި ޔޫސުފް: އެ މެރަތަން އަށް ޔޫސުފް ދިޔައީ މެރަތަން ރެކޯޑް މުގުރާލުމުގެ އަމާޒުގައި އެކަމަކު އޭނާ އަށް ޓާގެޓަށް ވާސިލު ނުވެވުނީ ވާރޭ ވެހި މަގުމަތީގައި ފެން ހެދުމުން

ބެންގަލޫރު މިޑްނައިޓް މެރަތަން އަށް ފަހު ނަސްރު އާއި ޔޫސުފް: އެ މެރަތަން އަށް ޔޫސުފް ދިޔައީ މެރަތަން ރެކޯޑް މުގުރާލުމުގެ އަމާޒުގައި އެކަމަކު އޭނާ އަށް ޓާގެޓަށް ވާސިލު ނުވެވުނީ ވާރޭ ވެހި މަގުމަތީގައި ފެން ހެދުމުން

ނަސްރުގެ ކޯޗުކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ ޔޫސުފް އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭ ކުރިއެރުން ހޯދި ދުވުންތެރިޔެކެވެ. ލޯކަލް މުބާރާތްތަކުގެ ޑިސްޓެންސް ކެޓަގަރީގައި މިހާރު ގަދަ 2 ގެ ތެރޭގައި ޔޫސުފް އަންނަނީ ވާދަކުރަމުންނެވެ.

މި މަހު ބެންގަލޫރުގައި ބޭއްވި މިޑްނައިޓް މެރަތަން އަށް އޭނާ ދިޔައީ މެރަތަންގެ ގައުމީ ރެކޯޑް ހެދުމުގެ އުންމީދާ އެކު އެވެ. އެކަމަކު ޝިފާޒު މުހައްމަދު އަތުގައި އޮންނަ ރެކޯޑް އޭނާ އަށް މުގުރާލެވޭ ގޮތެއް ނުވި އެވެ. ބެންގަރޫގެ މެރަތަން ފެށި ފަހުން ވާރޭވެހި ފެން ހެދުމުގެ ސަބަބުން ބޭނުންވާ ސްޕީޑަށް ޔޫސުފް ނުދުވެވުނުކަން އެ މެރަތަންގައި އޭނާގެ 86 ވަނަ މެރަތަން ފުރިހަމަ ކުރި ނަސްރު ބުންޏެވެ.

ފަވާޒު އަކީ ވެސް ނަސްރުގެ ކޯޗު ކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ ދުވުންތެރިޔެކެވެ. މި އަހަރުގެ ގައުމީ މުބާރާތުގައި ވާދަކޮށް އޭނާ ކުރިއެރުންތަކެއް ހޯދި އެވެ.