24 ޑިސެމްބަރ 2022
ބޭރުގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މަނާކުރުމާ ގުޅިގެން އަންނަ ޖެނުއަރީ މަހުގެ 29 އިން ފެށިގެން ދިރާގު ޓީވީ އާއި ދިރާގު ޕްލޭގެ ހިދުމަތް ހުއްޓާލަން އެ ކުންފުނިން މިއަދު ނިންމައިފި އެވެ.
ބޭރުގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މަނާކުރުމާ ގުޅިގެން އަންނަ ޖެނުއަރީ މަހުގެ 29 އިން ފެށިގެން ދިރާގު ޓީވީ އާއި ދިރާގު ޕްލޭގެ ހިދުމަތް ހުއްޓާލަން އެ ކުންފުނިން މިއަދު ނިންމައިފި އެވެ.
ދިރާގުގެ 52 ޕަސެންޓް ހިއްސާއަކީ ބަހުރެއިންގެ ކުންފުންޏެއް ކަމުގައިވާ ބަޓެލްކޯ އެވެ. އަދި 41 ޕަސެންޓް ހިއްސާވަނީ ދިވެހި ސަރުކާރެވެ. ބާކީ ހަތް ޕަސެންޓް ނިސްބަތްވަނީ އާންމު ހިއްސާދާރުންނަށެވެ.
ނަމަވެސް ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ބްރޯޑްކޮމުން އެންމެ ފަހުން ގެނައި ބަދަލުގައިވާ ގޮތުން ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރަން އެދޭ ފަރާތަކީ 100 ޕަސެންޓް ދިވެހިން ހިއްސާ ވާ ކުންފުންޏަކަށް ވާން ޖެހެ އެވެ.
އެ ކަމާ ގުޅިގެން ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހިދުމަތް މެދުކަނޑާލަން ނިންމީ ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދަށް ގެނައި ބަދަލުތަކުގެ ސަބަބުން އެ ކުންފުންޏަށް ކުރިމަތިވެފައިވާ ގެއްލުންތައް އިތުރުވިޔަ ނުދިނުމަށް ކަމަށެވެ. ދިރާގު ޓީވީ އަދި ދިރާގުޕްލޭގެ ހިދުމަތް ހުއްޓާލުމަށް ދިރާގުގެ ބޯޑުން ނިންމާފައިވާ އިރު އެ ހިދުމަތް ކަސްޓަމަރުންނަށް ލިބޭ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 29 އެވެ.
ރީބްރޯޑްކާސްޓް ކުރުމަށް ދިރާގަށް ދީފައިވާ ލައިސަންސްގެ މުއްދަތު އެ މަހުގެ 29 އަށް ހަމަވާނެ އެވެ. އެކަމަކު، ލައިސަންސް އާ ކޮށްދިނުމަށް އެދި ބްރޯޑްކޮމަށް ހުށަހެޅުމުން އެއީ އެ ކަމަށް ޝަރުތު ހަމަނުވާ ކުންފުންޏެއް ކަމަށް ނިންމާފައިވާ ކަމަށް ދިރާގުން ބުންޏެވެ. އެ ގޮތަށް ބްރޯޑްކޮމުން ނިންމީ ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް މި އަހަރުގެ ޖެނުއަރީ މަހު ގެނައި އިސްލާހުގެ ދަށުން ކަމަށް ދިރާގުން ބުންޏެވެ.
އެ ކުންފުނިން ބުނީ، ދިރާގު ޓީވީ އާއި ދިރާގު ޕްލޭގެ ހިދުމަތް ހުއްޓާލަން ޖެހުނީތީ ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށެވެ.
ދިރާގުން ބުނީ ދިރާގު ޓީވީގެ ހިދުމަތް މެދުކަނޑާލި ނަމަވެސް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ "އެސްއެސް ނެޓްވޯކް" ޕްރައިވެޓް ލިމިޓެޑާ އެކު ކުރި މަޝްވަރާގެ ނަތީޖާއަކީ، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެ ފަރާތާއެކު އެއްބަސްވުމަކަށް އާދެވުން ކަމަށެވެ. އާ ރީބްރޯޑްކާސްޓަރުގެ ހިދުމަތަށް ބަދަލުވާން ބޭނުންވާ ނަމަ، އެކަން ފަސޭހަކަމާ އެކު ކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އެ ކަމާ ބެހޭ އިތުރު ތަފްސީލު ދިރާގު ޓީވީ އަދި ދިރާގުޕްލޭގެ ކަސްޓަމަރުންނަށް ހިއްސާ ކުރަމުން ގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ގަވައިދަށް ގެނައި ކުއްލި ބަދަލުގެ ސަބަބުން ދިރާގާއި އެ ކުންފުނިން ފޯރުކޮށްދޭ ދިރާގު ޓީވީގެ ހިދުމަތް ބޭނުން ކުރާ މީހުންނަށް ކުރިމަތިވާނެ ގެއްލުމުން ސަލާމަތް ކުރަން ދިރާގުން ވަނީ އެކި ފަރާތްތަކާ މަޝްވަރާކޮށްފަ އެވެ. ހާއްސަކޮށް އިންސާފުވެރިކަމާއެކު، ދެމެހެއްޓެނިވި ރެގިއުލޭޓަރީ ނިޒާމެއް ނެތި، ދިރާގު ޓީވީ އާއި ދިރާގު ޕްލޭގެ ހިދުމަތް ކުރިއަށް ނުގެންދެވޭނެތީ އެ ކަން ހައްލު ކުރުމަށް ކަމާ ބެހޭ އިދާރާތަކާއެކު ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ދިރާގުގެ ބަޔާނުގައި ވެ އެވެ.
ދިރާގުން ބުނީ އަންނަ މަހު ލައިސެންސް އާ ކުރެވޭނެ ކަމުގެ ޔަގީންކަން ނެތުމުން ރީބްރޯޑްކާސްޓް ކުރުމުގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ނުގެންދެވި ގިނަ ގެއްލުންތަކެއް ވެސް ކުރިމަތިވެފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނިގޮތުގައި، އެންމެ އިސްކަމެއް ދީފައި ވާނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއގައި ދިރާގު ޓީވީގެ ކަސްޓަމަރުންނަށް، ތަފާތެއް ނެތި ރަނގަޅު ފެންވަރެއްގައި އައިޕީޓީވީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
"ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ދިރާގުޓީވީގެ ހިދުމަތް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތަކާއެކު، ރާއްޖޭގެ 95 ރަށް ހިމެނޭ ގޮތަށް، ރާއްޖޭގެ 85% ގޭބީސީ އަށް ދިރާގު ޓީވީގެ ހިދުމަތް ލިބުމަށް ވަނީ މަގުފަހި ކޮށްދީފަ އެވެ. ދިރާގު ޓީވީ އަށް ލިބުނު ކާމިޔާބީއަކީ ކަސްޓަމަރުންގެ ފަރާތުން ކެނޑިނޭޅި ލިބެމުން ދިޔަ ތަރުހީބާއި އިތުބާރާއި އެއްބާރުލުންކަން ފާހަކުރަމެވެ،" ދިރާގުގެ ބަޔާނުގައި ބުންޏެވެ.
ރީބްރޯޑްކާސްޓިން ގަވާއިދަށް ގެނައި ބަދަލުގެ މައްސަލަ ދިރާގުން ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. މިދިޔަ މަހުގެ 10 ގައި އެ ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ މައްސަލަ ނިންމަންދެން، ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން އަންގައިފަ އެވެ.
ސިވިލް ކޯޓުން ނެރުނު އަމުރުގައިވަނީ ރީބްރޯޑްކާސްޓިން ހިދުމަތް ދިނުމަށް ދިރާގުން ބޮޑު އިންވެސްޓްމަންޓެއްކޮށް، އެތައް އަހަރެއްގެ މަސައްކަތުން ކަސްޓަމަރުން ހޯދާފައިވާތީ މިކަމުގައި ތިން ވަނަ ފަރާތްތަކެއްގެ ހައްގު އެކުލެވޭ ކަމަށެވެ. އަދި ލައިސަންސް އާ ނުކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާފައި އޮތީ ދިރާގުން ހެދި ގޯހެއްގެ ސަބަބުން ކަން މި ވަގުތަށް ބެލިބެލުމުން ފެންނަން ނެތް ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
ދިރާގު ޓީވީގެ ލައިސަންސް މައްސަލަ އަނބުރާ ގެންގޮސްފި
ކޯޓުން ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދެމިއޮންނާނެ
މީޑިއާނެޓުން ނުފޫޒު ފޯރުވާ މައްސަލަ ބަލަން ގަރާރެއް
ބައިސްކޯފު ހުއްޓާލަން އެންގުނީ އޮޅުމަކުން: ބްރޯޑްކޮމް
ދިރާގުޓީވީ މައްސަލައަށް މީޑިއާނެޓަށް ނުވަދެވޭނެ: ކޯޓް
ދިރާގުޓީވީގެ ލައިސަންސް ކޯޓުން ދެމެހެއްޓުމުން ހައިކޯޓަށް
ދިރާގުޓީވީ މަނާވާ ގަވައިދު ބަދަލުކުރަން އަންގައިފި
ގަވައިދު ބަދަލުކުރި ގޮތް ބަލަން ބްރޯޑްކޮމް ކޮމިޓީއަށް
ބްރޯޑްކޮމްގެ ކުރީގެ ނިންމުންތައް ރިވިއުއަށް ފުރުސަތުދެނީ
ބައެއް ރީބްރޯޑްކާސްޓަރުންގެ ޖޫރިމަނާ މާފުކުރަނީ