Roadha Mihaaru
ކޯޓުން ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދެމިއޮންނާނެ

ކޯޓުން މައްސަލަ ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން އަމުރުކޮށްފި

10 ނޮވެމްބަރ 2022

ކޯޓުން މައްސަލަ ނިންމަންދެން، ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޯޓުން މައްސަލަ ނިންމަންދެން، ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ލައިސަންސް ނުލިބޭ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވާއިދެއްގެ ދަށުން، ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރަން އެ ކޮމިޝަނުން އޮތީ ނިންމައިފަ އެވެ. އެ މައްސަލަ ދިރާގުން ސިވިލް ކޯޓަށް މިހާރު އޮތީ ހުށަހަޅައިފަ އެވެ.

ދިރާގަށް މިހާރު ލިބިފައި އޮތް ލައިސަންސްގެ މުއްދަތު އަންނަ ޖެނުއަރީ މަހު ހަމަވާތީ، އެ މައްސަލަ ކޯޓުން ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން އެ ކުންފުނިން ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދުނެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ރީބްރޯޑްކާސްޓިން ހިދުމަތް ދިނުމަށް ދިރާގުން ބޮޑު އިންވެސްޓްމަންޓެއްކޮށް، އެތައް އަހަރެއްގެ މަސައްކަތުން ކަސްޓަމަރުން ހޯދާފައިވާތީ މިކަމުގައި ތިން ވަނަ ފަރާތްތަކެއްގެ ހައްގު އެކުލެވޭ ކަމަށެވެ. އަދި ލައިސަންސް އާ ނުކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާފައި އޮތީ ދިރާގުން ހެދި ގޯހެއްގެ ސަބަބުން ކަން މިވަގުތަށް ބެލިބެލުމުން ފެންނަން ނެތް ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

ދިރާގު ޓީވީގެ ލައިސަންސްގެ މުއްދަތު ހަމަވާން ކައިރިވެފައިވާއިރު، މި މައްސަލާގައި ވަގުތީ އަމުރެއް ނެރެނުދީފި ނަމަ ދިރާގަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް އެ އަމުރުގައިވެ އެވެ. އަދި އަމުރު ނެރުނަސް، ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް އެ އަމުރުގައިވެ އެވެ.

އެހެންވެ، އެ މައްސަލަ ނިންމެންދެން ނުވަތަ އެހެން ގޮތަކަށް ކޯޓުން އަންގަންދެން ދިރާގު ޓީވީގެ ލައިސަންސް ދެމި އޮންނާނެ ކަމަށް ކަނޑައަޅައ،ި އަމުރުކުރީ ކަމަށް ގާޒީ ހާފިޒާ އަބްދުއްސައްތާރު ނެރުއްވި އެ އަމުރުގައިވެ އެވެ.