Roadha Mihaaru
ފިރިހެނުން ހިމޭނުން، މިއީ ދައްކަން ވެއްޖެ ވާހަކައެއް!

ފިރިހެނުން ހިމޭނުން، މިއީ ދައްކަން ވެއްޖެ ވާހަކައެއް!

05 ޖެނުއަރީ 2023

ދަރިއަކު ހޯދަން އެތައް ފަހަރަކު މަސައްކަތްކޮށް، ނާކާމިޔާބުވާ ކޮންމެ ފަހަރަކު ވެސް ޑޮކްޓަރަށް ދައްކައި ޓެސްޓުކުރީ އައިޝާ އެކަންޏެވެ. އެކި އިންޖެކްޝަންތަކާއި ބޭސްތައް ކައިގެން އޭނާގެ ހާލަތު ރަނގަޅުކުރެވޭތޯ ބެލި އެވެ. އެކަމަކު، ދަރިން ލިބުމުގައި އަސްލު މައްސަލަ ދިމާވެގެން އުޅުނީ ކާކަށް ކަމެއް ރޭކާލީ އެތައް އަހަރެއް ފަހުން، ދަރިއެއް ހޯދަން އައިވީއެފް ވެސް ހެދި ފަހުންނެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިއަކު ހޯދަން އެތައް ފަހަރަކު މަސައްކަތްކޮށް، ނާކާމިޔާބުވާ ކޮންމެ ފަހަރަކު ވެސް ޑޮކްޓަރަށް ދައްކައި ޓެސްޓުކުރީ އައިޝާ އެކަންޏެވެ. އެކި އިންޖެކްޝަންތަކާއި ބޭސްތައް ކައިގެން އޭނާގެ ހާލަތު ރަނގަޅުކުރެވޭތޯ ބެލި އެވެ. އެކަމަކު، ދަރިން ލިބުމުގައި އަސްލު މައްސަލަ ދިމާވެގެން އުޅުނީ ކާކަށް ކަމެއް ރޭކާލީ އެތައް އަހަރެއް ފަހުން، ދަރިއެއް ހޯދަން އައިވީއެފް ވެސް ހެދި ފަހުންނެވެ.

ފިރިމީހާ، އަހުމަދުގެ ޓެސްޓުތައް ހެދުމުން އެނގުނީ އޭނާގެ ސްޕާމް ކައުންޓު ވަރަށް ދަށްކަމެވެ. އެހެންވެ، ޑޮކްޓަރު ދިން ބޭސްތައް ކާން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގުދުރަތީ ގޮތުން އައިޝާ ބަނޑުބޮޑުވެ، އަލަތު ދަރިފުޅު ލިބިއްޖެ އެވެ.

މިއީ، އެއް ހާލަތެއްގައި ތިބި ބައެއްގެ ތެރެއިން އެންމެ މިސާލެކެވެ.

ހުރިހާ ގޮތަކުން ތަރައްގީވެ، ކުރިއަރައިގެން ދިޔަ ނަމަވެސް ދަރިން ލިބުމުގައި އުނދަގޫތައް ދިމާވާ ނަމަ އަދި ވެސް ގިނަ ބަޔަކު ގަބޫލުކުރަނީ އެއީ އަންހެން މީހާގެ އެކަނި މައްސަލައެއްގެ ގޮތުގަ އެވެ. އެ ކޮށި ވިސްނުންތަކުގެ ސަބަބުން ފިރިހެނުން މި ވާހަކަތައް ދައްކަން ވެސް ފަސްޖެހެ އެވެ.

ދަރިމައިވުމާ ގުޅޭގޮތުން އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރުން ވަރަށް ފާޅުގައި މި ވާހަކަތައް ދައްކަ އެވެ. އެކަމަކު، ފިރިހެނުންގެ މިފަދަ މައްސަލަތަކަށް ފަރުވާ ދޭ ޔޫރޮލޮޖިސްޓުން ވެސް މީގެ ވާހަކަ މާގިނައިން ދައްކައެއް ނޫޅެ އެވެ.

އަލީ ސޯލިހަށް ވެސް ދިމާވީ އެއް ހާލަތެކެވެ.

ދަރިއަކު ހޯދުމުގައި އޭނާ ކުރިމަތިލާން ޖެހުނު އުނދަގޫތަކުގެ ވާހަކަތައް "މިހާރު" ގެ "މެދު ސަފުހާ" އަށް ކިޔައިދޭން އެދުމުން، މީޑިއާއާ ރައްޓެހި އަލީ އެދުނީ އެކަމާ މެދު ވިސްނާލަން އިތުރު ވަގުތު ދިނުމަށެވެ. އެއީ، އޭނާގެ ޒާތީ މި ދިރިއުޅުމުގެ ވާހަކަތައް އާއްމުންނަށް ކިޔައިދީފި ނަމަ އެ މީހުން ވިސްނާނެ ގޮތަކާ މެދު ކަންބޮޑުވެގެންނެވެ.

އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރަމުން އަންނަ އަލީ ބުނީ ދަރިން ލިބުމުގައި މައްސަލަ ދިމާވާ ވާހަކަ، ހާއްސަކޮށް އެ ކަމުގައި ފިރިހެނުންނަށް ދިމާވާ ކަންތައްތަކުގެ ވާހަކަ ދައްކަން ވަރަށް ފަސްޖެހޭ ކަމަށެވެ.

އެގޮތަށް މެދުވެރިވާ ސަބަބުތައް ވެސް އޭނާ ކިޔައިދިނެވެ.

"މި ވާހަކަ ދެއްކީމަ ފާޑުކިޔުން ނުވަތަ ފެންނަ މީހާ ބުނާނެ މި އޮތް ދަނީ ދަރިން ނުލިބޭ މީހެކޭ. މި ވާހަކަ އަޅުގަނޑު ދައްކާއިރު ވެސް ބުނެލަން ބޭނުންވަނީ އަޅުގަނޑުގެ ދަރިން އެބަތިއްބޭ، ނަމަވެސް އަޅުގަނޑުމެން މި ދަތުރުކުރިއިރު، މި ދަތުރަށް ނުކުތް އިރުގައި ވެސް ވަރަށް ބޮޑަށް ޗެލެންޖަކަށް ވި ކަމެއް. މި ފަރުވާ ހޯދަން ނުކުންނަން ވެސް، އެހެން މީހެއް ކައިރީގައި ބުނަން ވެސް، މިކަން ދިމާވެއްޖެ ކަމަށް ބުނަން ވެސް އެއީ އޭރު ވެސް ޖެހިލުންވި ކަމެއް،" ކައިވެންޏަށް ހަތް އަހަރު ފަހުން އަލަތު ދަރިފުޅު ލިބުމުގައި ދިމާވި ދަތިތައް ކިޔައިދެމުން އަލީ ބުންޏެވެ.

"އާއިލާ މީހުން ކައިރީގައި ފަރުވާއަށް ނުކުންނަ ވާހަކަ ބުނަން ވެސް ޖެހިލުންވި. ފުރަތަމަ މީހާ މާޔޫސްކޮށްލާ ކަމެއް މިއީ. އަޅުގަނޑަށް މިކަން ދިމާވި ވަގުތަކީ ވެސް އަޅުގަނޑުގެ ހަޔާތުގައި ވަރަށް މުހިއްމު ދުވަސްކޮޅެއް. ލަންކާގައި ޗާޓާޑް އެކައުންޓިން ކިޔަވަމުން ދިޔައިރު ފަހު މަރުހަލާ ހިސާބުން ޓެސްޓު ހަދައިގެން މިކަމެއް އެނގުނީ. ހަމަ ހުރިހާ ކަމެއް ހުއްޓުމައިގެން އައީ."

އަލީ ސޯލިހު، އިކްސީ ހަދައިގެން ލިބުނު ދޮށީ ދަރިފުޅާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.

އަލީ ސޯލިހު، އިކްސީ ހަދައިގެން ލިބުނު ދޮށީ ދަރިފުޅާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.

އޭނާ ބުނީ މުޖުތަމައުގެ ވިސްނުން ހުންނަ ގޮތުން ދަރިން ލިބުމުގައި މައްސަލަ ދިމާވާ ވާހަކަ ދައްކަން ވެސް އުނދަގޫވާ ކަމަށެވެ. ނަމަވެސް، މިއީ، އެ ވާހަކަ ދައްކައިގެން ފަރުވާ ހޯދައި، ކާމިޔާބީތަކެއް ހާސިލްކުރެވޭނެ ކަމެއް ކަމަށް ބުންޏެވެ.

"އަޅުގަނޑުމެން ދެ މީހުން އެކަމުގައި މިކަން ކުރަން ނިންމީ. ކޮންމެ ގޮތެއް ވިޔަސް މައްސަލަ ހުރީ އަޅުގަނޑުގެ. އެހެން ވިޔަސް، ދެ މީހުން އެކުގައި ނޫނީ ނެތް މިކަން ކުރެވޭކަށް. ބައެއް ހާލަތްތައް ދޭ ވަރަށް އުނދަގޫވާ ހާލަތްތައް."

ދަރިން ލިބުމުގައި ދަތިތައް ހުރުމުން އިންޑިއާއިން އަލީ ޓެސްޓުކުރިއިރު އޭނާގެ ދަރިފަނީގައި މައްސަލަތަކެއް ހުރިކަން އެނގުނެވެ. އެގޮތަށް ދިމާވީ ވެސް، ކުޑައިރު ޓީބީ ބަލި ޖެހިފައިވާ ކަމަށް ގަބޫލުކޮށް އެކަމަށް ފަރުވާ ކުރުމުންނެވެ.

"އަޅުގަނޑަށް ދިމާވި މައްސަލައަކީ ޓެސްޓުކުރިއިރު، ސްޕާމް ކައުންޓު ވެސް އޯކޭ. ދަރިފަނި އޭގެ ޒާތުގައި ސްވިމް ކޮށްފައި ބިހާ ހަމައަށް ދާން ޖެހެނީ. އަޅުގަނޑުގެ މައްސަލައަކަށް ދިމާވީ އަމިއްލައަށް ސްވިމް ކޮށްފައި އެގްއާ ހަމައަށް ދިއުމުގެ މައްސަލަ. އައިޔޫއައި ހެދިއަސް އެހާ ޗާންސަސް ހައި ނޫން ކަމަށް ޑޮކްޓަރު ބުނީ. އަޅުގަނޑު ބޭނުންވީ ސީދާ އެގްއަށް ސްޕާމް އިންޖެކްޓުކުރާ ގޮތަށް ހަދަން. އެ ގޮތަށް ހެދީމަ ފުރުސަތުތައް ބޮޑުވޭ." އޭނާ ބުންޏެވެ.

ޓެސްޓުތައް ހަދައިގެން އަލީ ނިންމީ އައިވީއެފަށް ވުރެ ފަހުގެ މަރުހަލާ، އިކްސީ ހަދާށެވެ. މިއީ ވެސް، އައިވީއެފް ގޮތަށް ބިސް ފްރީޒްކޮށްގެން ހަދާ އެއް ކަހަލަ ޕްރޮސީޖާ އެކެވެ.

އޭނާގެ ދޮއްޓަށް ހުރި 16 އަހަރުގެ އަންހެން ދަރިފުޅު ލިބުނީ ހަތަރު ވަނަ ފަހަރަށް އިކްސީ ހަދައިގެންނެވެ.

ފުރަތަމަ ފަހަރަށް ވެސް އަންހެނުން ބަނޑުބޮޑުވީ ޓްވިންސް އަކަށެވެ. އެކަމަކު، ތިން މަސް ދުވަހުގެ ތެރޭގައި ހަދަންޖެހޭ ޓެސްޓު ހެދިއިރު، އެތަނުން އެއް ކުއްޖަކު ވަނީ ބައިގެން ގޮސްފަ އެވެ.

އޭގެ 10 އަހަރު ފަހުން އަނެއްކާ ވެސް ފަރުވާ ހޯދައިގެން ދަރިއަކު ހޯދަން އުޅުނެވެ. އެ ފަހަރު ވެސް ޓްވިންސް އަކަށް ބަނޑުބޮޑުވިޔަސް އެތަނުން ސަލާމަތްވި ދަރިފުޅަށް މިހާރު ހަ އަހަރެވެ.

އެ ފަހަރު ބަނޑުބޮޑުވިއިރު، ވިހެއުމާ ހަމައަށް، ކޮންމެ ދުވަހަކު، އެއް ވަގުތެއްގައި ބާރުގަދަ އިންޖެކްޝަންތަކެއް ޖަހަންޖެހުނެވެ. މިއީ، އަލީ ބުނިގޮތުގައި ފަސޭހަ ދަތުރެއް ނޫނެވެ.

"ތަކުލީފް ވަރަށް ބޮޑު. އެކަމަކު މިކަން ކުރަން ބޭނުންވީމަ އެކަން ކުރެވުނީ. އޭގެ ނަތީޖާއަކީ އަޅުގަނޑުމެންނަށް ހަ އަހަރުގެ ހެލްތީ ބޭބީއެއް ލިބުން." އަލީ ބުންޏެވެ.

ދަރިން ނުލިބޭ ކަމަށް ގަބޫލުކޮށް ދެމަފިރިން ވަރަށް ގިނައިން ވަކިވެފައި ވެސް އެބަހުއްޓެވެ. އައްޔަގެ ދައްތައެއް ކައިވެނިކޮށްގެން، ދަރިއަކު ނުލިބުމަކީ އެ އަންހެން މީހާގެ މައްސަލަ ކަމަށް ގަބޫލުކޮށް އެ ކައިވެނި ވެސް ރޫޅުނީ އެވެ. އެކަމަކު ފަހުން އެނގުނީ އެ ދައްތަގެ މައްސަލައެއް ނެތް ކަމެވެ.

އެ އަންހެން މީހާ އެހެން މީހަކާ އިނދެގެން މިހާރު ތިން ކުދިން އެބަތިއްބެވެ.

"ޝައްކުގެ ނަޒަރުން މިއީ ހަމައެކަނި އަންހެން މީހާގެ ކަމެކޭ ކިޔާފައި ތިބޭ ތިބުން އެބަޖެހޭ ނިންމާލަން. އަޅުގަނޑުމެންނަށް މިހާރު ވަސީލަތްތައް އެބަހުރި ބަލާލުމުގެ. ބަލާއިރު މައްސަލަ ހުރީ ކާކުގެ ތޯ ބަލައި އެކަމަށް ފަރުވާ ބޭނުންވޭ. އަޅުގަނޑުމެންނަށް މިއަދު ދެ ޝައްކުން އަރައިގަނެވިއްޖެ. އެއްވެސް ބޭފުޅަކަށް ނުބުނެވޭނެ، ތިބޭކަށް ވެސް ނުވާނެ، ތިމަންނައަށް ދަރިން ނުލިބެނީ އަންހެނުންގެ މައްސަލައާ ހެދިއޭ. މިހާރު ގަބޫލުކުރާ ހިތްވަނީ މިހާރު އެ ތިބެނީ އަމިއްލަ ނަފްސަށް ފަރުވާ ކުޑަވީމައޭ. އެހެން ނޫނީ މިއާ ކުރިމަތިލާނެ." އޭނާ ބުންޏެވެ.

ފިރިހެނުންގެ މައްސަލަތައް

އެންމެ ގިނަ ދިވެހީންނަށް އައިވީއެފް ހަދާފައިވާ އިންފާޓިލިޓީ ސްޕެޝަލިސްޓް، ޑރ. ސަންކަލްވް ސިންގް ވިދާޅުވީ ގޮތުގައި ދަރިން ލިބުމުގައި 100 މީހުންނަށް ދަތިވާނަމަ، އޭގެ ތެރެއިން މައްސަލަ ދިމާވާ 50 މީހުންނަކީ އަންހެން އަދި ބާކީ 50 މީހުންނަކީ ފިރިހެނުން ކަމަށެވެ.

އެހެންވެ، މިއީ، ހަމައެކަނި އަންހެނުންނަށް ވާ ގޮތެކޭ ކިޔައި ފަރު ޖައްސާލައިގެން ނުތިބެވޭނެ ކަމަށް، ރާއްޖެއަށް ވިޒިޓިން ޑޮކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ސަންކަލްވް ވިދާޅުވި އެވެ.

އޭނާ ވަނީ މިހާތަނަށް 2،000 އެއްހާ ކަޕުލްގެ އައިވީއެފް ހަދައިދީފަ އެވެ. އެއީ ވަރަށް ބޮޑު އަދަދެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ނަމަވެސް، ދަރިމައިވުމުގެ މައްސަލަތައް ބޮޑުވަމުން ދަނީ ރާއްޖޭގައި އެކަނި ނޫންކަން ފާހަގަކުރައްވަ އެވެ.

އެ މީހުންގެ ތެރޭގައި ވެސް އެންމެ ގިނައީ ޕީސީއޯއެސް ހުންނަ އަންހެނުން އަދި ފިރިހެނުންގެ މައްސަލަތަކާ ހެދި ގުދުރަތީ ގޮތުން ދަރިން ނުލިބުނު މީހުންނެވެ.

އަލީ ސޯލިހު، އޭނާގެ ހަގު ދަރިފުޅަށް އަންހެނުން ބަނޑުބޮޑުވިއިރު ޖެހި އިންޖެކްޝަންތަކުން ހިތެއް ހަދައި، އޭގެ ތެރޭގައި ދަރިފުޅު ބާއްވައިގެން ފޮޓޯ ނަގަނީ.-

އަލީ ސޯލިހު، އޭނާގެ ހަގު ދަރިފުޅަށް އަންހެނުން ބަނޑުބޮޑުވިއިރު ޖެހި އިންޖެކްޝަންތަކުން ހިތެއް ހަދައި، އޭގެ ތެރޭގައި ދަރިފުޅު ބާއްވައިގެން ފޮޓޯ ނަގަނީ.-

އެ ހުރިހާ ކަމެއް ވެސް މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ، ސަންކަލްވް ވިދާޅުވި ގޮތުގައި ދިރިއުޅުމުގެ ވައްޓަފާޅިއަށެވެ.

"މޭލް ފެކްޓާ އަދި ޕީސީއޯއެސް އަކީ މާހައުލާ ވަރަށް ގުޅިފައި ހުންނަ ކަންތައްތައް. ފިރިހެނުންނަށް މައްސަލަތައް ޖެހެން މެދުވެރިވާ ކަންކަމުގެ ތެރޭގައި ސިނގިރޭޓް ބުއިން ހިމެނޭ. ފަހުން ސިނގިރެޓް ބުއިން ހުއްޓާލިއަސް ވޭޕްކުރޭ. އޭގައި މި ދިމާވަނީ، ސިނގިރޭޓު އަދި ވޭޕްގައި ވެސް ނިކޮޓިން ހުރޭ. ސްޕާމް ޕްރޮޑަކްޝަނަށް ގެއްލުން ލިބޭ." އޭނާ ތަފްސީލު ކޮށްދެއްވި އެވެ.

އެ ކަންކަމުގެ އިތުރުން، ޕްލާސްޓިކް ފުޅީގައި ފެން ބުއިމަކީ ވެސް ދަރިމައިވުމުގެ މައްސަލައަށް އަސަރުކުރާ ކަމެކެވެ. އެ ފުޅިން ބޭރުވާ ކެމިކަލާއި ފެން އެކުވެ، ލޭ ދައުރުކުރާ ނިޒާމާއެކު ރިޕްރޮޑަކްޓިވް ސިސްޓަމަށް ގެއްލުން ލިބެ އެވެ.

ފިރިހެނަކު، ކުއްޖަކު އުރާލައިގެން ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިރިހެނަކު، ކުއްޖަކު އުރާލައިގެން ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ އެކަންކަމުން ފިރިހެނުންގެ ދިރިއުޅުމަށް ބަދަލުތައް ގެނައި ނަމަވެސް، ދަރިން ލިބުމުގެ ފުރުސަތު ވަކި ބޮޑުވެގެން ނުދާނެ ކަމަށެވެ. އޭގެ ބައެއް ސަބަބުތަކަކީ ދިރިއުޅޭ މާހައުލު މުޅިން ރަނގަޅު ނުވުމެވެ.

"ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް، ދަރިން ލިބުމަށް ހުރަސް އެޅޭ ހުރިހާ ކަމެއް ހައްލެއް ނުކުރެވޭނެ. ރޭޑިއޭޝަން ހުންނާނެ، މޮބައިލް ފޯނުގެ ޓަވަރާއި ވައިފައި ސިގްނަލް. ގޭގެ ވައިފައި ސިގްނަލް ކަނޑާލިއަސް އެހެން ގޭގެ ވައިފައި ސިގްނަލް ކަނޑައެއް ނުލެވޭނެ. ވައިފައި ސިގްނަލުން ސްޕާމަށް ކުރާ އަސަރާ ގުޅޭގޮތުން ވަނީ ދިރާސާއެއް ހަދާފައި. އެ ދިރާސާއިން ފެނުނީ އެކެއްގެ ސްޕާމް އެއްޗަކަށް އަޅައި ކޮޓަރީގައި ބަހައްޓައިފިއްޔާ، އެއް ކޮޓަރީގައި ވައިފައި ހުރެފައި އަނެއް ކޮޓަރީގައި ވައިފައި ނެތް. ވައިފައި ހުރި ކޮޓަރީގެ ސްޕާމް އަވަހަށް ހަލާކުވޭ ވައިފައި ނެތް ކޮޓަރީގައި ބަހައްޓާފައި ހުރި ސްޕާމަށް ވުރެ." މި ދާއިރާގައި މަސައްކަތްކުރާތާ އެތައް ޒަމާނެއްވީ ޑޮކްޓަރު ވިދާޅުވި އެވެ.

އެކި ޒާތުގެ ކެމިކަލް ޖަހައިގެން ހައްދާފައި ހުންނަ މޭވާ އާއި ތަރުކާރީ ބޭނުންކުރުމަކީ ވެސް ފިރިހެނުންނަށް ދަރިން ލިބުމުގައި މައްސަލަ ދިމާވާ ސަބަބެކެވެ. އެ އެއްޗެހި ކެއުމުން ލެއާ އެކުވެގެން ދަނީ ކަމަށާއި އެއާއެކު ދަރިމައިވުމުގެ ނިޒާމަށް ވެސް އަސަރުކުރާ ކަމަށް ސަންކަލްވް ވިދާޅުވި އެވެ.

އަލީ ސޯލިހު، އޭނާގެ ދެ ދަރިންނާއި އަންހެނުންނާއެކު.

އަލީ ސޯލިހު، އޭނާގެ ދެ ދަރިންނާއި އަންހެނުންނާއެކު.

"އެ ކަންކަމާ ހެދި ފިރިހެނުންނަށް ދަރިން ލިބުމުގެ މައްސަލަ ދިމާވަމުން ދަނީ މުޅި ދުނިޔޭގައި ވެސް." އޭނާ ވިދާޅުވި އެވެ.

"އެއީ ހަމައެކަނި ރާއްޖެ ނުވަތަ އިންޑިއާއަކު ނޫން. މުޅި ދުނިޔޭގައި ވެސް މި ފެންނަނީ ހަމަ އެއް ޓްރެންޑެއް."

މީގެ 5-10 އަހަރު ކުރިއަށްވުރެ، މިހާރު މި ފެންނަ މައްސަލަތައް ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

ދަރިން ހޯދަން 15 ވަރަކަށް އަހަރު މަސައްކަތްކޮށްގެން ކާމިޔާބުނުވުމުން ޑޮކްޓަރަށް ދައްކައި ޓެސްޓުކުރުމުން ފިރިހެން މީހާގެ މައްސަލަ ހުރުމުން، ސްޕާމް ލިބޭނެ ގޮތް ހެދުމަށް ސާޖަރީ ހަދަ އެވެ. އެކަމަކު، އެ ފަދަ ފަރުވާއެއް އޮތް ކަމަށް އަދި ވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަށާއި އެއީ މައްސަލައެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

"ޓެސްޓުކޮށް، ހާލަތު އިވެލުއޭޓުކޮށް ގުޅޭނެ އެންމެ ރަނގަޅު ފަރުވާ އެނގުމަކީ ވަރަށް މުހިއްމު. މި ޓެސްޓުތައް ހަދަން ޖެހެނީ ދެމަފިރިންގެ. ވަކި ޖިންސެއްގެ ނޫން." އޭނާ ވިދާޅުވި އެވެ.

ސްޕާމް ކައުންޓު މަދުވުން

ސަންކަލްވް ވިދާޅުވީ ފިރިހެނުންނަށް ދަރިން ލިބުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ، ސްޕާމް ކައުންޓު މަދުވުން ނުވަތަ އެއްވެސް ގޮތަކަށް ދަރިފަނި ނެތުން ކަމަށެވެ.

އޭނާ ވިދާޅުވީ ވަރަށް ގިނަ ފިރިހެނުން އެ މައްސަލަތައް ތަހައްމަލުކުރާ ކަމަށެވެ. ސެމެން ޓެސްޓު ހަދައިގެން ނޫން ގޮތަކަށް ދަރިން ލިބުމުގައި ފިރިހެނުން ވެސް މައްސަލަ ހުންނަކަން ނޭނގޭނެ ކަމަށް ސަންކަލްވް ވިދާޅުވި އެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުމާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތް ފިޔަވައި، މި މައްސަލަތައް ދިމާވާ އަނެއް ކަމަކަށް ގިނަ ފަހަރަށް ގުޅެނީ ޖެނެޓިކް މައްސަލަތައް. އެއީ ސްޕާމް ކައުންޓާ ގުޅޭ މައްސަލަތައް، އެއީ އިންސާނުންގެ ހަށިގަނޑުގައި އެބްނޯމަލް ޖީން ހުރީމަ." ޑޮކްޓަރު ވިދާޅުވި އެވެ.

"ޓެސްޓަސް އަށް ގެއްލުމެއް ވެފައި ހުރިއްޔާ ވެސް އަސަރުކުރާނެ. މިސާލަކަށް ފުޓްބޯޅަ ކުޅެނިކޮށް ނުވަތަ އެހެން ކުޅިވަރެއްގައި ފިރިހެން މީހާގެ ކުރިމަތި ފަރާތުގައި ބޯޅައިން ޖެހިގެން އަނިޔާވެއްޖިއްޔާ ވެސް ދަރިމައިވުމުގައި މައްސަލަތައް ދިމާވާނެ. ޓެސްޓަސްގައި މަމްޕްސް ނުވަތަ އެހެން ކަހަލަ އިންފެކްޝަން އުފެދުމަކީ ވެސް ސްޕާމް ކައުންޓު އުފެދުމަށް ދިމާވާނެ މައްސަލައެއް."

އޭނާ ވިދާޅުވީ 25 އަހަރުގެ ޒުވާން ފިރިހެނުންގެ ވެސް ސްޕާމް ކައުންޓު ވަރަށް މަދުވަމުންދާ ކަން ފާހަގަކުރެވޭ ކަމަށެވެ. ލޭގައި ގެއްލުންދޭ އެތައް ކެމިކަލެއް ހުރުމުން، ރިޕްރޮޑަކްޓިވް ހެލްތަށް ގެއްލުން ވެ އެވެ. އެކަމަކު، މިއީ ފަރުވާ ކުރެވޭނެ ކަމެކެވެ. އެހެންވެ، މިއީ ހަމައެކަނި އަންހެނުންގެ ކަމެއްގެ ގޮތުގައި ވިސްނައި، ނިންމާ ނުލައި ފިރިހެނުން ވެސް ޓެސްޓުކުރަން ޖެހޭ ކަމަށް ސަންކަލްވް ވިދާޅުވި އެވެ.

ދަރިން ނުލިބުމަކީ ބައްޔެއް ނޫނެވެ. އެއީ މައްސަލައެކެވެ. މިއީ ހަމަ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ކަމެކެވެ. އޭގައި ވަކި މީހެއް، ވަކި ޖިންސެއް ވެސް ނެތެވެ. އެކަން ގަބޫލުކޮށް، އެކަމާ ކުރިމަތިލާން ޖެހެނީ ހަމައެކަނި އަންހެނުންނެއް ނޫނެވެ!.