Roadha Mihaaru
ފިލިޕީންސްގައި ފެންބޮޑުވެ 25 މީހުން މަރުވެއްޖެ

ފިލިޕީންސްގައި ފެންބޮޑުވެ 25 މީހުން މަރުވެއްޖެ

28 ޑިސެމްބަރ 2022

ފިލިޕީންސް އަށް މިހާރު ކުރިމަތިވެފައިވާ ގަދަ ވިއްސާރައިގެ ސަބަބުން އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެ، މަދުވެގެން 25 މީހުން މަރުވެ އެތައް ބަޔަކު ހާލުގައި ޖެހިއްޖެ އެވެ.

ފިލިޕީންސް އަށް މިހާރު ކުރިމަތިވެފައިވާ ގަދަ ވިއްސާރައިގެ ސަބަބުން އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެ، މަދުވެގެން 25 މީހުން މަރުވެ އެތައް ބަޔަކު ހާލުގައި ޖެހިއްޖެ އެވެ.

ފިލިޕީންސް ސަރުކާރުން ބުނި ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައިގައި އަންނަ ކޮޅިގަނޑުތަކުގައި ވަރަށް ގަދަޔަށް ވައި ޖެހި ބޯކޮށް ވާރޭ ވެހެ އެވެ. ކޮޅިގަނޑުތަކުގެ އަސަރު ބޮޑަށް ކުރަނީ އެ ގައުމުގެ މެދުތެރޭ ސަރަހައްދަށާއި ދެކުނުގެ ސަރަހައްދުތަކަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރަށް ވިއްސާރަވާނެ ކަމަށް ލަފާކުރެވޭ އިރު، މިހާރު ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ފިލިޕީންސް ސަރުކާރުން ބުނެ އެވެ. ބައެއް ސަރަހައްދުތަކުގައި އެއްގަމު އުޅަނދުފަހަރު ވެސް ނުދުއްވޭ ވަރަށް ފެންގަނޑު ވަނީ ބޮޑުވެފަ އެވެ.

ބައެއް އަވަށްތަކުގައި ފެންގަނޑު ބޮޑުވެފައިވާ ސަރަހައްދުން ގިނަ އަދަދެއްގެ ގެތައް، ދިރިނުއުޅެވޭ ވަރަށް ހަލާކުވެފައި ވުމުން، އެތައް ހާސް ބަޔަކު ތިބީ ވަންނާނެ ގެދޮރެއް ނެތި ހާލުގައި ޖެހިފަ އެވެ. ފިލިޕީންސްގެ ނޭޝަނަލް ޑިސާސްޓާ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމެންޓް ކައުންސިލުން ބުނި ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މަދުވެގެން ހަތަރު ލައްކަ މީހުންނަށް ވަނީ އެކި ގޮތްގޮތުން ގެއްލުން ލިބިފަ އެވެ.

އެ ކައުންސިލުން ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، މިހާރު ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގެ އިތުރުން އެހެން ސަރަހައްދުތަކުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް މިހާރު ވާނީ އަންގައިފަ އެވެ. އަދި ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ، ބޯކޮށް ވާރޭ ވެހެމުން ދާތީ، އުސް ހިސާބުތަކުގެ ބިންގަނޑު ކަނޑައިގެން ގޮސް ވެލިގަނޑު ފޭބުމުގެ ނުރައްކާ މިހާރު ވަނީ ބޮޑުވެފަ އެވެ.

މިހާތަނަށް ހާލުގައި ޖެހުނު މީހުންގެ ތެރެއިން 81000 މީހަކު މިހާރު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ. އަދި އިތުރު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބައެއް ސަރަހައްދުތަކުގައި ވަގުތީ ހިޔާތައް އިތުރަށް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިލިޕީންސް ސަރުކާރުން ބުންޏެވެ.