Roadha Mihaaru

ލަންކާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ނެރުނު ސިފައިންގެ އަދަދު ދެ ގުނަ އިތުރުކޮށްފި

ސްރީ ލަންކާއަށް ތޫފާނުގައި ކުރި ވިއްސާރަގައި މަރުވި މީހުންގެ އަދަދު 627 އަށް އަރާފައި ވާއިރު، ގެއްލުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނެރުނު ސިފައިންގެ އަދަދު މިހާރު ދެ ގުނަ އިތުރުކޮށްފައިވާ ކަމަށް އަސްކަރިއްޔާއިން މިއަދު ބުނެފި އެވެ.

ލަންކާގައި އެހީވާން އިތުރު ސިފައިން ނެރެފި

ސްރީ ލަންކާއަށް ތޫފާނުގައި ކުރި ވިއްސާރަގައި މަރުވި މީހުންގެ އަދަދު 627 އަށް އަރާފައި ވާއިރު، ގެއްލުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނެރުނު ސިފައިންގެ އަދަދު މިހާރު ދެ ގުނަ އިތުރުކޮށްފައިވާ ކަމަށް އަސްކަރިއްޔާއިން މިއަދު ބުނެފި އެވެ.

ތޫފާން ދީތުވާގެ ސަބަބުން ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ އެތައް ހާދިސާއެއް ހިނގައި ލަންކާއިން ގެއްލުންވި މީހުންގެ އަދަދު ދެ މިލިއަނަށް އަރާއިރު މިއީ ގައުމުގެ އާބާދީގެ ގާތްގަނޑަކަށް 10 ޕަސެންޓެވެ.

ސިފައިންގެ ޗީފް ލަސަންތާ ރޮޑްރިގޯ ވިދާޅުވީ، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން ގެއްލުންވި ސަރަހައްދުތަކުގައި 38،500 ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިއީ އެންމެ ފުރަތަމަ ނެރުނު ވަރަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

ރޮޑްރިގޯ ވިދާޅުވި ގޮތުގައި ސަލާމަތީ ބާރުތަކުން ވަނީ ހާލުގައި ޖެހުނު 31،116 މީހުން ސަލާމަތްކޮށްފަ އެވެ.

އަސްކަރިއްޔާގެ ތަރުޖަމާން ވަރޫނާ ގަމާގޭ ވިދާޅުވި ގޮތުގައި އިތުރު ސިފައިން ފޮނުވީ ރެސްކިއު މިޝަން ރިކަވަރީ އޮޕަރޭޝަނަށް ބަދަލުވުމުން ކަމަށެވެ.

ސްރީ ލަންކާގައި ފެންބޮޑުވެ ގެތައް ހަލާކުވެފައިވާ ސަރަހައްދެއް. -- ފޮޓޯ: އޭއެފްޕީ

ސްރީ ލަންކާގައި ފެންބޮޑުވެ ގެތައް ހަލާކުވެފައިވާ ސަރަހައްދެއް. -- ފޮޓޯ: އޭއެފްޕީ

އެހީގެ މަސައްކަތަށް އިތުރު ސިފައިން ނެރެފައި މި ވަނީ ތޫފާނުގެ ވިއްސާރާގައި އެންމެ ބޮޑަށް ގެއްލުންވި ހިސާބުތަކަށް މޫސުމީ ވިއްސާރާގައި އިތުރު ގެއްލުންތައް ވެދާނެ ކަމަށް އިންޒާރު ދީފައި ވަނިކޮށެވެ. ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ވަނީ އެ ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ އިތުރު ހާދިސާތައް ހިނގުން އެކަށީގެންވާ ކަމަށް ބުނެފަ އެވެ.

ޑީއެމްސީން ބުނި ގޮތުގައި ވިއްސާރާގައި މަރުވި އަދަދު މިހާރު ވަނީ 627 އަށް އަރައިފަ އެވެ. އަދި މިދިޔަ މަހުގެ 27 އިން ފެށިގެން ކުރަމުންދާ ވިއްސާރާގައި 190 މީހަކު ގެއްލިފައިވާ ކަމަށް ވެސް ބުންޏެވެ.

އެ އިދާރައިން ވަނީ ބައެއް ހިސާބުތަކަށް ވައި ގަދަވުމާއި ހޮނުއެޅުން ފަދަ ކަންކަމާ ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިފަ އެވެ.

ވިއްސާރާގައި އެންމެ ބޮޑަށް ގެއްލުންވީ މެދުތެރޭގައި އޮންނަ، ސައިފަތް ހައްދާ ސަރަހައްދުތަކަށެވެ.

މި ކާރިސާގައި 75،000 އަށް ވުރެ ގިނަ ގެއަށް ގެއްލުން ވެފައި ވާއިރު އޭގެ ތެރެއިން 5،000 އަށް ވުރެ ގިނަ ގެ ވަނީ އެއްކޮށް ހަލާކުވެފަ އެވެ. އޮފިޝަލުން ލަފާކޮށްފައިވާ ގޮތުގައި ރިކަވަރީ އަދި ރީކޮންސްޓްރަކްޝަން ހަރަދު ހަތް ބިލިއަން ޑޮލަރަށް އަރާނެ އެވެ. -- އޭއެފްޕީ