Roadha Mihaaru
ޝިއާއުގެ މަރުގެ ޝަރީއަތް ސިއްރުކުރަން ޕީޖީން އެދެފި

ޝިއާއުގެ މަރުގެ ޝަރީއަތް ސިއްރުކުރަން ޕީޖީން އެދެފި

29 ޑިސެމްބަރ 2022

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގެ ޝަރީއަތް ސިއްްރުކުރަން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގެ ޝަރީއަތް ސިއްްރުކުރަން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދެފި އެވެ.

ހެންވޭރު ގެއެއްގެ ތެރޭގައި މިދިޔަ އޮގަސްޓް މަހު ޝިއާއު މަރާލައި، ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ، އަލީ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން އިއްޔެެ ވަނީ ކޮށްފަ އެވެ. އޭގެ ތެރެއިން ދެ ދައުވާއަކީ ކޮބައިކަން ދައުލަތުން ވަނީ ސިއްރުކޮށްފަ އެވެ.

މުޅި އެ މައްސަލާގެ ޝަރީއަތް ސިއްރުކުރަން ކްރިމިނަލް ކޯޓުގައި އެދިފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަށަވަރުކޮށްދިނެވެ. އެހެން ނަމަވެސް އެކަމާ މެދު އަދި ކްރިމިނަލް ކޯޓުން ގޮތެއް ނުނިންމަ އެވެ.

ޝިއާއުގެ ހަށިގަނޑު ގެންދަނީ --- ފޮޓޯ/މިހާރު

ޝިއާއުގެ ހަށިގަނޑު ގެންދަނީ --- ފޮޓޯ/މިހާރު

މިއީ ރާއްޖޭގައި މީހެއްގެ މައްޗަށް ކުރި ޖިނާއީ ދައުވާއެއް ސިއްރުކުރި ފުރަތަމަ ފަހަރެވެ. ޕީޖީ އޮފީހުން ބުނީ ސާހިލްގެ މައްޗަށް ކުރި ދެ ދައުވާއެއް ބާވަތް އަދި އެއްވެސް ތަފްސީލެއް ހާމަ ނުކުރަނީ ޝިއާއުގެ އިންސާނީ ކަރާމާތަށް އުނިކަން އަތުވެދާނެތީ އާއި އާއިލާއަށް އިތުރު ހިތާމައެއް ކުރިމަތިވިޔަ ނުދިނުމަށް ކަމަށެވެ.

ބާކީ ތިން ދައުވާއަކީ ތޫނު އެއްްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އެވެ. އެ މައްސަލާގެ ޝަރީއަތް ނިމެންދެން ސާހިލް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ ވެސް ކުށުގެ ވެށިންނެވެ.