Roadha Mihaaru
ބްރެންޓްފޯޑް އަތުން ބަލިވުމުން ކްލޮޕްއަށް ގޯސްވީ ރެފްރީ

ބްރެންޓްފޯޑް އަތުން ބަލިވުމުން ކްލޮޕް އަށް ރެފްރީ ގޯސްވެއްޖެ

03 ޖެނުއަރީ 2023

ބްރެންޓްފޯޑް (ޑިސެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން 3-1 އިން ބަލިވުމުން އެޓީމުގެ ކޯޗު ޔާގެން ކްލޮޕް، މެޗުގެ ރެފްރީ އަށް ފާޑު ކިޔައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބްރެންޓްފޯޑް (ޑިސެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން 3-1 އިން ބަލިވުމުން އެޓީމުގެ ކޯޗު ޔާގެން ކްލޮޕް، މެޗުގެ ރެފްރީ އަށް ފާޑު ކިޔައިފި އެވެ.

ކްލޮޕް ބުނީ ބްރެންޓްފޯޑްގެ ތިން ވަނަ ގޯލު ބަލައިގަންނަން ރެފްރީ ސްޓުއާޓް އަޓްވެލް ނިންމި ނިންމުމަށް އިހުތިރާމް ކުރެވެން ނެތް ކަމަށާއި، ވީއޭއާރު ވެސް ތިބީ ލިވަޕޫލާ އިދިކޮޅަށް ކަމަށެވެ.

"ތިން ވަނަ ގޯލުގައި އަހަރެންނަކަށް ނުވިސްނުނު. ފުލް ސްޕްރިންޓެއްގައި ދުވެފައި ދާއިރު ފަހަތުން ކޮއްޕާލީމައި މީހާ ވެއްޓޭނެ، އަޓްވެލް ހީކުރީ އެއީ ފައުލެއް ނޫން ކަމަށް. އަދި ވީއޭއާރުން ވެސް ބުނަނީ ސާފެއް ނޫން ކަމަށް،" ހިތްހަމަނުޖެހިފައި ހުރި ކްލޮޕް ބުންޏެވެ.

"ތިން ވަނަ ގޯލުގައި ފައުލް ނުވާނެ ގޮތެއް ނެތް. ހަގީގަތުގައި ވެސް އެ ނިންމުމަށް އިހުތިރާމް ކުރެވޭކަށް ނެތް."

ބްރެންޓްފޯޑުން ވަނީ މެޗުގެ 19 ވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. ކޯނަރަކުން ހުރަސްވި ބޯޅަ ގޯލަށް ވަނީ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ކަކުލުގައި ޖެހިފަ އެވެ. ރެފްރީ މި ގޯލު ދިނީ ބްރެންޓްފޯޑްގެ ޑިފެންޑަރު ބެން މީ އަތުގައި ބޯޅަ ޖެހުނު ކަމަށް ހީކޮށް ވީއޭއާރު ވެސް ބެލުމަށް ފަހު އެވެ.

ބްރެންޓްފޯޑުން ލީޑު ނެގުމުގެ ކުރިން ލިވަޕޫލަށް ގޯލު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ޑާވިން ނޫނޭޒް ކީޕަރު ކައިރިން ނައްޓާފައި ފޮނުވާލި ހަމަލާ ބްރެންޓްފޯޑްގެ ބެން މީ ދިފާއު ކުރި އިރު، ކޮސްޓާސް ސިމީކާސް ފޮނުވާލި ހަމަލާ ދިފާއު ކުރީ ކީޕަރު ޑޭވިޑް ރާޔާ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެންޓްފޯޑް ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ 42 ވަނަ މިނިޓުގައި މި ގޯލު ޖެހީ ޔޮއާނޭ ވީސާ އެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާ ކީޕަރު ދިފާއު ކުރުމުން ބަލައިގަތީ ގޯލް ލައިން ޓެކްނޮލޮޖީގެ އެހީގަ އެވެ. ކީޕަރު އެލިސަން ބެކާ އަށް އެ ބޯޅަ ދިފާއު ކުރެވުނީ ގޯލް ރޮނގު ހުރަސް ކުރި ފަހުންނެވެ. އޭގެ ކުރިން ވީސާ ދެ ގޯލެއް ޖެހި ނަމަވެސް ދެ ގޯލު ވެސް ބަލައިނުގަތީ އޮފްސައިޑް ވުމުންނެވެ.

ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނިޓުގައި ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ހުރަސް ކޮށްލި ބޯޅައެއް ބޮލުން ޖަހައި ގޯލަށް ފޮނުވާލައިގެން އެލެކްސް އޮކްސްލޭޑް ޗެމްބާލިން ލިވަޕޫލަށް ފަރަގު ކުޑަ ކޮށްދިން ނަމަވެސް ނަތީޖާ އެއްވަރު ކޮށްލެވޭ ގޮތެއް ނުވި އެވެ. ނޫނޭޒް މި ހާފުގައި އެއްވަރު ކުރަން ޖެހި ނަމަވެސް އޮފްސައިޑް ވެގެން އެ ގޯލު ބަލައެއް ނުގަނެ އެވެ.

ބްރެންޓްފޯޑުގެ ތިންވަނަ ލަނޑު 84 ވަނަ މިނިޓުގައި ކޮނާޓޭ އަތުން ބޯޅަ ހޯދައިގެން ކާމިޔާބު ކުރީ ބްރަޔަން އެމްބުއެމޯ އެވެ.

ލިވަޕޫލް އަތުން ހޯދި ތިން ޕޮއިންޓާ އެކު ބްރެންޓްފޯޑް ވަނީ އެއް މެޗު އިތުރަށް ކުޅެގެން ލިވަޕޫލާ ދެ ޕޮއިންޓް ގާތަށް ޖެހިލައިފަ އެވެ. މިހާތަނަށް 18 މެޗު ކުޅެގެން ހޯދި 26 ޕޮއިންޓާ އެކު ބްރެންޓްފޯޑް މިވަގުތު އޮތީ ހަތް ވަނައިގަ އެވެ. ލިވަޕޫލް ތާވަލްގެ ހަ ވަނައިގައި އޮތީ ކުޅުނު 17 މެޗުން ލިބުނު 28 ޕޮއިންޓާ އެކު އެވެ.